Roadha Mihaaru
ޗެލްސީ އެއްވަރު، ނޯވިޗަށް ފުރަތަމަ މޮޅު

ޗެލްސީ އެއްވަރު، ނޯވިޗަަށް ފުރަތަމަ މޮޅު

06 ނޮވެމްބަރ 2021

ލަންޑަން (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީއާ ވާދަކޮށް އެއްވަނައިގައި އޮތް ޗެލްސީ އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީއާ ވާދަކޮށް އެއްވަނައިގައި އޮތް ޗެލްސީ އެއްވަރު ވެއްޖެ އެވެ.

ފުލުގައި އޮތް ނޯވިޗް ސިޓީން ވަނީ ބްރެންޓް ފޯޑް ބަލިކޮށް ލީގުގައި ފުރަތަމަ ފަހަރަށް މޮޅު ވެފަ އެވެ.

އަމިއްލަ ދަނޑުގައި ޗެލްސީން ކުޅުނު މެޗް ބާންލީއާ ވާދަކޮށް އެއްވަރު ވީ 1-1 އިންނެވެ. މެޗުގައި ޗެލްސީން ލީޑު ނެގީ 33 ވަނަ މިނިޓުގައި ރީސް ޖޭމްސްގެ އެހީތެރި ކަމާއެކު ކައި ހަވާޓްޒް އެވެ. އަދި ބާންލީ އަަށް އެއްވަރު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް މަޓޭއި ވީޑްރާ އެވެ.

އެއްވަރު ވި ނަމަވެސް ޗެލްސީން ވަނީ މެޗުގައި ގިނަ ފުރުސަތުތަކެއް ހޯދައި ގޯލު ޖަހަން މަސައްކަތް ކޮށްފަ އެވެ. ރީސް ޖޭމްސް ނަގައިދިން ހުރަހެއް ތިއާގޯ ސިލްވާ ބޮލުން ފޮނުވައިލުމުން ގޯލުގެ ދަނޑިއާ އަމާޒުވިއިރު، ބާންލީގެ ކީޕަރު ނިކް ޕޯޕް ވަނީ ކެލަމް ހަޑްސަން އޮޑޯއި ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މަތަކޮށްފަ އެވެ.

ލީގުގައި މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާ ވާދަކުރި މެޗު، ލީގުގެ ފުލުގައި އޮތް ނޯވިޗް ކާމިޔާބު ކުރީ 2-1 އިންނެވެ. މިއީ މިސީޒަނުގައި ނޯވިޗް ކާމިޔާބު ކުރި ފުރަތަމަ މެޗެވެ. މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމު ވަނީ އަށް މެޗުން ބަލިވެފަ އެވެ.

ނޯވިޗްގެ ލަނޑުތައް މެޗުގައި ކާމިޔާބު ކޮށްދިނީ މެތިއަސް ނޯމަން އާއި ޓީމޫ ޕޫކީ އެވެ. ޕޫކީގެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. ފުރަތަމަ ހާފުގައި ނޯވިޗުން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް ބްރެންޓްފޯޑުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އެ ޓީމުގެ ފުލްބެކް ރީކޯ ހެންރީ އެވެ.

ނޯވިޗް ސިޓީގެ ޓީމޫ ޕޫކީ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ ޕްރިމިއާ ލީގް

ނޯވިޗް ސިޓީގެ ޓީމޫ ޕޫކީ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ ޕްރިމިއާ ލީގް

ބްރެންޓްފޯޑާއި ނޯވިޗަކީ ވެސް މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) އިން ޕްރޮމޯޓްވި ދެ ކްލަބެވެ. އަދި މިއީ ބްރެންޓްފޯޑް ޕްރިމިއާ ލީގުގައި ވާދަކުރާ ފުރަތަމަ ސީޒަނެވެ.

ބްރެންޓްފޯޑުން ވަނީ ޕްރިމިއާ ލީގުގައި އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފަ އެވެ. ލީގު ފުރަތަމަ މެޗުގައި އާސެނަލް ބަލިކުރި އެވެ. ފުރަތަމަ ހަތް މެޗު އެ ޓީމު ނިންމައިލީ ތިން މެޗުން މޮޅުވެ، ތިން މެޗު އެއްވަރު ކޮށްލައިގެން ތާވަލުގެ ހަތް ވަނައިގަ އެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ، އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ.

ޗެލްސީ އަށް މިރޭ މުހިއްމު ދެ ޕޮއިންޓް ގެއްލުނު ނަމަވެސް އެއްވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެންޗެސްޓާ ސިޓީ އޮތީ 23 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެގެން 22 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ލިވަޕޫލް މާދަމާ ރޭ، ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކާމިޔާބު ކޮށްގެން ވެސް އެއްވަނަ މަގާމަކަށް ނުުދެވޭނެ އެވެ. އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލާއިރު އެއްވަނައިގައި އޮންނާނީ ޗެލްސީ އެވެ.

ކްރިސްޓަލް ޕެލަސް ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅެ، 2-0 އިން މޮޅު ވެފަ އެވެ. ޕެލަސްގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ލަނޑުތައް ޖަހައިދިނީ ވިލްފްރެޑް ޒަހާ އާއި ކޮނޯ ގަލޭގާ އެވެ. ޕެލަސް އިން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ ވެސް ބަލިކުރީ ހަމަ މި ސްކޯއިންނެވެ. އަދި އެ މެޗުގައި ވެސް ލަނޑު ޖެހީ ހަމަ މި ދެ ކުޅުންތެރިންނެވެ.

މިއީ މި ސީޒަނުގައި ކުރީގެ އާސެނަލްގެ ކެޕްޓަން ޕެޓްރިކް ވިއޭރާގެ އިރުޝާދުގެ ދަށުން ކުޅޭ ޕެލަސް ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ މިހާރު ތާވަލުގެ ނުވަ ވަނައިގައި އޮތް ޕެލަސް ލީގުގައި ހޯދި ތިންވަނަ މޮޅެވެ. މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން އެޓީމު ހަ މެޗުން އެއްވަރު ވެފައި ވާއިރު، ބަލިވީ ރަށުން ބޭރުގައި ޗެލްސީ އާއި ލިވަޕޫލް އަތުންނެވެ.