Roadha Mihaaru
ލަމްޕާޑާއި ސޯލްޝެއާގެ "ވީއޭއާރް" ކޯޅުމެއް

ލަމްޕާޑާއި ސޯލްޝެއާގެ "ވީއޭއާރް" ކޯޅުމެއް

19 ޖުލައި 2020

ލަންޑަން (ޖުލައި 19) - އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭގެ މެޗުގެ ކުރިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ވާހަކަތަކެއް ދައްކައި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 19) - އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭގެ މެޗުގެ ކުރިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ވާހަކަތަކެއް ދައްކައި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ވަނީ ތިން ފަހަރު މަތިން ޗެލްސީ ބަލިކޮށްފަ އެވެ. އެއީ ލީގުގައި ދެ ފަހަރުގެ އިތުރުން ލީގު ކަޕްގަ އެވެ. ޗެލްސީ އަތުން އެއް ސީޒަނެއްގައި އެންމެ ފަހުން ހަތަރު ފަހަރަށް މޮޅުވީ ވެސް ޔުނައިޓެޑް އެވެ. އެއީ 2010-2011 ވަަނަ އަހަރުގެ ސީޒަނުގަ އެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަމްޕާޑް ބުނީ ފެންނަ ފެނުމަށް ޔުނައިޓެޑަށް ވީއޭއާރްގެ ސަބަބުން ގިނަ ފައިދާތަކެއްވާ ކަމަށެވެ.

"އުއްމީދަކީ މި ފަހަރު އަހަރެމެން ކޮޅަށް ވީއޭއާރްގެ ސަބަބުން ފައިދާތަކެއް ވުން. މިސާލަކަށް ފެންނަނީ ޔުނައިޓެޑާ ދެކޮޅަށް ދާ ބައެއް ކަހަލަ ކަންތައްތައް ވީއޭއާރް އިން ރިވިއު ވެސް ނުކުރާތަން. މިއީ ހުރިހާ ފަހަރަކު ވާކަމެއް ނޫން. މި ބުނަނީ މިއީ ގަސްދުގައިވާ ކަމެއް ވެސް ނޫނޭ. އެކަމަކު ފެންނަން އޮތް ހަގީގަތަކީ ފަހަކަށް އައިސް ޔުނައިޓެޑް ކޮޅަށް މި ކަހަލަ ކަންތައްތަކެއް ނިމިފައިވާކަން،" ލަމްޕާޑް ބުންޏެވެ.

މިސާލެއްގެ ގޮތުން ލަމްޕާޑް ދެއްކި އެއް ކަމަކީ ފެބްރުއަރީ މަހުގައި ޗެލްސީ ދަނޑުގައި ޔުނައިޓެޑުން 2-0 އިން މޮޅުވި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބޯޅަ ނެތިސް ޗެލްސީގެ މިޝީ ބަޓްޝުއާޔީ ފައިގައި ޖެހިއިރު ރަތް ކާޑަކުން ސަލާމަތްވުމެވެ. އަނެއް ކަމަކީ އެ މެޗުގައި ޗެލްސީގެ އޮލިވިއޭ ޖިރޫޑާއި ކާޓް ޒޫމާ ޖެހި ގޯލުތައް ބަލައިނުގަންނަން ނިންމުމުގައި ވީއޭއާރް އިން އެއް ހަމަޔަކުން ބަލާފައިނުވުމެވެ

އެފްއޭ ކަޕް ސެމީ ފައިނަލަށް ތައްޔާރުވާން ޔުނައިޓެޑަށް ވުރެން ޗެލްސީ އަށް އިތުރު ދެ ދުވަސް ލިބުމަކީ އެކަމެއްގެ ޝަކުވާ މާ ބޮޑަށް ކުރަން ޖެހޭ ކަމެއް ގޮތުގައި ނުދެކޭ ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.

ލަމްޕާޑް ދެއްކި ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިން ސޯލްޝެއާ ގާތުގައި ސުވާލުކުރުމުން އޭނާ ބުނީ ވާދަވެރި ޓީމުތަކުން ދައްކާ ވާހަކަތަކަކީ ފަހަރުގައި ޔުނައިޓެޑާ ދެކޮޅަށް ހިންގާ ވަކި ކަހަލަ ކެމްޕެއިނަކަށް ވެސް ވެދާނެ ކަމަށެވެ. އަދި ވީއޭއާރްގެ ސަބަބުން ޔުނައިޓެޑަށް ވީ ފައިދާއެއްގެ ވާހަކަ ދައްކާއިރު ޔުނައިޓެޑަށް އޭގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށް އަލި އަޅުވާލުން ވެސް މުހިއްމުކަން ސޯލްޝެއާ ފާހަގަކުރި އެވެ.

"މީގައި އެބަ ހީވޭ ބައެއް މީހުން ބޭނުންވަނީ މި ނިންމުންތައް ނިންމާ ފަރާތްތަކަށް ނުފޫޒު ފޯރުވަން ހެން. ބައެއް މީހުން އެބަ ބުނޭ އަހަރެމެން ނަސީބު ރަނގަޅޭ ވެސް. ވަކި މެނޭޖަރެއް އެބަ ދައްކާ ވަކި ކަހަލަ ވާހަކަތަކެއް. އަހަރެން ބުނެލަން އޮތީ އޮފްސައިޑް ވިއްޔާ އެއީ އޮފްސައިޑް އޭ. އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެކޭ،" ލަމްޕާޑަށް އިޝާރާތްކޮށް ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ވަނީ ވީއޭއާރްގެ ސަބަބުން ޔުނައިޓެޑަށް ގެއްލިފައި ހުރި މެޗުތަކެއްގެ މިސާލުތަކެއްގެ ވާހަކަ ވެސް ދައްކައިފަ އެވެ.

"ނަސީބުގެ ވާހަކަ ދައްކަންޏާ ރަނގަޅުވާނެ ޓޮޓެންހަމް މެޗުގެ ފަހު ވަގުތުގައި އަހަރެމެންނަށް ލިބުނު ޕެނަލްޓީ ގެއްލުމުގެ ވާހަކަ ދައްކަން. އެއީ ވެސް އަހަރެމެންނަށް ގެއްލުނު ތިން ޕޮއިންޓް. ރަތް ކާޑެއްގެ ވާހަކަ ދައްކަންޏާ ސައުތެމްޓަންގެ ރޮމޭއު އަހަރެމެންގެ ގްރީންވުޑަށް ކުރި ފައުލަށް ރަތް ކާޑެއް ދައްކަން ރަނގަޅު. އެހެން އެކަންވީ ނަމަ އަހަރެމެންނަށް އެހީވީސް. އަހަރެމެން ވެސްޓް ހަމް އަތުން ބަލިވި މެޗުގައި މާކް ނޯބަލް އަށް ރަތް ކާޑު ދައްކަން ދިޔަ ހާލަތެއްގައި ނުދައްކާ،" ހިތްހަމަނުޖެހިފައި ހުރެ ސޯލްޝެއާ ބުންޏެވެ.

އޭނާ ބުނީ ހަގީގަތަށް ވިސްނާއިރު ވީއޭއާރްގެ ޝަކުވާކުރަން އޭނާ ވެސް ރަނގަޅުކަމަށާއި އެކަމަކު އޭނާ އަށް ބޮޑަށް މުހިއްމުވަނީ ކުރިއަށް އޮތް މެޗަށް ތައްޔާރުވެ ފުޓްބޯޅައިގެ އެހެން ވާހަކަތައް ދައްކަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު ދޫކޮށްލުން ކަމަށެވެ.

އެފްއޭ ކަޕް ސެމީ ފައިނަލް މެޗަށް ހަމަޖައްސާފައިވާ ރެފްރީންނާ ބެހޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވޭއިރު ސޯލްޝެއާ ބުނީ ރެފްރީންނަކީ ޕްރޮފެޝަނަލުން ކަމަށާއި އެ މީހުންނަށް އަމިއްލަ ވަޒީފާ އަދާކުރަން ފުރިހަމަ އަށް އެނގޭނެ ކަމަށެވެ. އަދި މީޑިއާގައި ބަޔަކު ދައްކާ ވާހަކަތަކެއްގެ ސަބަބުން ރެފްރީންނަށް އަސަރުތަކެއް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ސޯލްޝެއާ ބުންޏެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ލޫކް ޝޯ އަށް މިރޭގެ މެޗު ނުކުޅެވޭނެ އެވެ. އަނެއްކޮޅުން ޗެލްސީގެ އެންގޯލޯ ކާންޓޭ ވެސް މި މެޗުގައި ނުފެންނާނެ އެވެ. ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:00 ގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް އަންނަ މަހު އެއް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ނުކުންނާނީ ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން މޮޅުވި އާސެނަލާ ދެކޮޅަށެވެ.