Roadha Mihaaru
ޔުނައިޓެޑް ކަޓައިފި، ސެމީގައި ޗެލްސީ-ސިޓީ ކުރިމަތިލަނީ

ޔުނައިޓެޑް ކަޓައިފި، ސެމީގައި ޗެލްސީ އާއި ސިޓީގެ ކުރިމަތިލުމެއް

22 މާޗް 2021

ލަންޑަން (މާޗް 22) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ލެސްޓާ ސިޓީ އަތުން 3-1 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ކެޓިއިރު، ސެމީ ފައިނަލުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ލަންޑަން (މާޗް 22) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ލެސްޓާ ސިޓީ އަތުން 3-1 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ކެޓިއިރު، ސެމީ ފައިނަލުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

އަންނަ މަހު 17 ވަނަ ދުވަހު އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅޭ އެފްއޭ ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ލެސްޓާ ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި 18 ވަނަ ދުވަހު މިދިޔަ އަހަރުގެ ފައިނަލުގައި އާސެނަލް އަތުން ބަލިވި ޗެލްސީ ކުޅޭނީ ސިޓީއާ އެވެ. މި ފަހަރުގެ ސެމީން ޗެލްސީ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި މިރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެގެންނެވެ. ޗެލްސީއާ ދެކޮޅަށް ސެމީގައި ކުޅޭ ސިޓީ ވަނީ ކުއާޓާ ފައިނަލުގައި އެވަޓަން ކަޓުވާލައިފަ އެވެ.

ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ މެޗުގެ 24 ވަނަ މިނިޓްގައި ކެލެޗީ އިހެނާޗޯ ޖެހި ގޯލުންނެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި އިހެނާޗޯ މި ގޯލު ޖެހީ ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑް ހެދި ގޯހަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ޑޯނީ ވެން ޑަ ބީކް ގުޅިގެން ކުރި އެޓޭކެއްގައި ގްރީންވުޑް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފް ކުޅުން ފެށިގެން ހަތް މިނިޓް ތެރޭގައި ލެސްޓާ އަށް އަލުން ލީޑުނަގައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް އެވެ. އޭގެ އިރުކޮޅެއް ފަހުން ޖޭމީ ވާޑީ އަށް ލެސްޓާގެ ލީޑުފުޅާކޮށްދޭން ލިބުނު ރަނުގެ ފުރުސަތެއްގެ ބޭނުން ނުހިފުނެވެ.

ޔުނައިޓެޑުން ވަނީ މެޗުގެ 64 ވަނަ މިނިޓްގައި ހަތަރު ބަދަލެއްކޮށްފަ އެވެ. އެގޮތުން ސްކޮޓް މެކްޓޮމިނޭ، ބްރޫނޯ ފެނާންޑޭސް، ލޫކް ޝޯ އަދި އެޑިންސަން ކަވާނީ ވަނީ ކުޅެން އަރުވައިފަ އެވެ. އެކަމަކު ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ލެސްޓާ އަށް 39 އަހަރު ފަހުން އެފްއޭ ކަޕް ސެމީން ޖާގަ ކަށަވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި އިހެނާޗޯ އެވެ. މާކް އޯލްބްރައިޓަން ހިލޭ ޖެހުމަކުން ނެގި ހުރަހަކުން އިހެނާޗޯ ވަނީ ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން އަތުގައި ޖައްސާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލެސްޓާ އެންމެ ފަހުން އެފްއޭ ކަޕްގެ ސެމީގައި ކުޅުނީ 1982 ވަނަ އަހަރު އެވެ. ޔުނައިޓެޑް ވަނީ މިދިޔަ އަހަރުގެ ސެމީގައި ޗެލްސީ އަތުން ބަލިވެފަ އެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ ޝެފީލްޑްގެ އޮލީ ނޯވުޑް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޗެލްސީގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަކީމް ޒިޔެޗް އެވެ. ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 14 މެޗުން ވެސް ބަލިވެފައިނުވެ އެވެ.