Roadha Mihaaru
ޔުނައިޓެޑް ކަޓުވާލުމަށް ފަހު ޗެލްސީ ފައިނަލަށް

ޔުނައިޓެޑް ކަޓުވާލުމަށް ފަހު ޗެލްސީ އެފްއޭ ކަޕް ފައިނަލަށް

20 ޖުލައި 2020

ލަންޑަން (ޖުލައި 20) - އިނގިރޭސި އެފްއޭ ކަޕް ސެމީގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 3-1 އިން ބަލިކޮށް ޗެލްސީން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 20) - އިނގިރޭސި އެފްއޭ ކަޕް ސެމީގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 3-1 އިން ބަލިކޮށް ޗެލްސީން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ޗެލްސީން ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލާ ދެކޮޅަށެވެ. އާސެނަލުން ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ.

މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޗެލްސީން ހޯދީ ފައިނަލުގައި އާސެނަލް ބަލިކުރުމަށް ފަހު އެވެ. އެކަމަކު އޭރު ދެ ޓީމުގައި ތިބި ކޯޗުން މިހާރު ވަނީ ބަދަލުވެފަ އެވެ. މައުރީޒިއޯ ސާރީގެ ބަދަލުގައި ޗެލްސީގައި ހުރީ ފްރޭންކް ލަމްޕާޑް އެވެ. އަދި އުނާއި އެމެރީގެ ބަދަލުގައި އާސެނަލްގައި ހުރީ މިކޭލް އާޓެޓާ އެވެ. އާޓެޓާ އާއި ލަމްޕާޑް ވަނީ ކުޅުންތެރިންގެ ގޮތުގައި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ރޭގެ މެޗުން ބަލިވުމާ އެކު ޔުނައިޓެޑުން ހުރިހާ މުބާރާތެއްގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް 19 މެޗަށް ފަހު ނިމުން އައީ އެވެ. އަނެއްކޮޅުން ޗެލްސީ އަތުން މި ސީޒަނުގައި ހަތަރު ފަހަރު މޮޅުވާން ލިބުނު ފުރުސަތު ވެސް ޔުނައިޓެޑަށް ގެއްލުނީ އެވެ. ރޭގެ މެޗުގެ ކުރިން މި ފަހަރު ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗާއި ލީގު ކަޕްގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ވަނީ ޗެލްސީ ބަލިކޮށްފަ އެވެ.

ލަމްޕާޑް ބުނީ މިއިީ ބަދަލު ހިފުމުގެ ރޫޙުގެ ބަދަލުގައި ހޯދި މޮޅަކަށް ވުރެން މި ސީޒަނުގައި ތަށްޓެއް ހޯދުމުގެ މަގުސަދުގައި ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތެއް ކަމަށެވެ.

"ދެން އޮތީ އެންމެ ފައިނަލެއް ނޫން. ތިން ފައިނަލް. ލީގުގައި ވެސް އޮތީ ދެ ފައިނަލް މެޗު،" ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ މުހިއްމުކަމަށް އިޝާރާތްކޮށް ކުރިއަށް ހުރި މެޗުތަކާ ބެހޭގޮތުން ލަމްޕާޑް ބުންޏެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން ޔުނައިޓެޑުން ވެސް ނުކުތީ ޗެލްސީ އެކޭ އެއްގޮތަށް ތިން ޑިފެންޑަރުން ލައިގެން ކުޅޭ ސިސްޓަމަށެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޔުނައިޓެޑްގެ އެރިކް ބެއިލީ ބޮލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކޮށް ފޯވާޑް އެންތަނީ މާޝިއަލް ކުޅެން އަރުވައި ޔުނައިޓެޑުން ކުރީގެ ސިސްޓަމަށް ބަދަލުކުރި އެވެ. އޭގެ އިރުކޮޅެއް ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީ އަށް ލީޑުނަގައިދިނީ އޮލިވިއޭ ޖިރޫޑް އެވެ. ކެޕްޓަން ސެޒާ އަޒްޕްލިއަސެއްޓާ ނަގައިދިން ހުރަހަކުން ޖިރޫޑް ޖެހި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފަ އެވެ. އެ ބޯޅަ އެ އަށް ވުރެން ރަނގަޅަށް ޑެހެއާ އަށް މަތަކުރެވޭނެ އެވެ.

ޑެހެއާ އަތުގައި ޖެހިފައި ގޯލަށް ބޯޅަ ވަންނަނީ. -- ފޮޓޯ: އޭއެފްޕީ

ޑެހެއާ އަތުގައި ޖެހިފައި ގޯލަށް ބޯޅަ ވަންނަނީ. -- ފޮޓޯ: އޭއެފްޕީ

ރަނގަޅު ރޫހެއްގައި ޔުނައިޓެޑުން ދެ ވަނަ ހާފުގައި ކުޅެން ފަށައިގެން ހަމަޖެހިނުލެވެނީސް ޑެހެއާގެ ބޮޑު ގޯހަކުން ޗެލްސީން ލީޑުފުޅާކުރި އެވެ. މެޗުގެ 46 ވަނަ މިނިޓްގައި މޭސަން މައުންޓް ތިރިތިރިން ޖެހި ބޯޅައެއް ހިފަން އުޅުމުގެ ތެރޭގައި ޑެހެއާ އަތުގައި އެ ބޯޅަ ޖެހިފައި ގޯލަށް ވަނީ އެވެ. އޭގެ ފަހުން ޑެހެއާ ވަނީ ޗެލްސީން ތިން ވަނަ ގޯލެއް ޖަހަން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ހުއްޓުވައިފަ އެވެ. ޗެލްސީން ތިން ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. މި ގޯލަކީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޕައުލް ޕޮގްބާ އާއި މޭސަން ގްރީންވުޑް ކުޅެން އަރުވައިގެން ދެ ވަނަ ހާފުގައި ޔުނައިޓެޑުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސް އެވެ.

ޔުނައިޓެޑް ރޭގެ މެޗުން ބަލިވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ޑެހެއާ އަށް ހެދުނު ގޯހެވެ. މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ފުޓްބޯޅައިގައި އެ ކަހަލަ ދުވަސްތައް ވެސް އަންނާނެ ކަމަށާއި ޑެހެއާ އަށް އަދިވެސް އިތުބާރުކުރާ ކަމަށެވެ. އަދި ލީގުގައި ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑުން ބޭނުންކުރާނީ ދެ ވަނަ ކީޕަރު ސާޖިއޯ ރޮމޭރޯ ތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭގެ އަށް ސީދާ ޖަވާބެއް ދޭން ސޯލްޝެއާ ދެކޮޅު ހެދި އެވެ.

އެފްއޭ ކަޕްގެ އެންމެ ފަހު ހަތަރު މުބާރާތުގެ ތެރެއިން ތިން ފަހަރު ޔުނައިޓެޑް މުބާރާތުން ކެޓީ ޗެލްސީ އަތުން ބަލިވެގެންނެވެ. މިއީ ޗެލްސީން މި މުބާރާތުގެ ފައިނަލުގައި ކުޅޭނެ 14 ވަނަ ފަހަރެވެ.