Roadha Mihaaru
ސިއްރު ހެއްކަށް ގާނޫނުން ހުރަހެއް ނެތް: ދައުލަތް

ސިއްރު ހެއްކަށް ގާނޫނުން ހުރަހެއް ނެތް، ހުރަސް އެޅީ ހައި ކޯޓުން: ދައުލަތް

19 ޖުލައި 2020

ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތް ގޮތުން ސިއްރުން ހެކިބަސް ނަގަން ހުރަހެއް ނެތް ކަމަށާއި ނަމަވެސް އެކަމަށް ހުރަސް ކުރިމަތިވީ ގާނޫނުގެ އެ މާއްދާއާ މެދު ހައި ކޯޓުން ދިން މާނަކުރުމުގެ ސަބަބުން ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތް ގޮތުން ސިއްރުން ހެކިބަސް ނަގަން ހުރަހެއް ނެތް ކަމަށާއި ނަމަވެސް އެކަމަށް ހުރަސް ކުރިމަތިވީ ގާނޫނުގެ އެ މާއްދާއާ މެދު ހައި ކޯޓުން ދިން މާނަކުރުމުގެ ސަބަބުން ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ޖިިނާއީ އިޖުރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ބުނާ ގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. އެކަމަކު 1976 ގެ ކުރީކޮޅު ހަދާފައިވާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައި ނެތުމުން ހައި ކޯޓުން ނިންމީ ގާނޫނު އޮޮތް ގޮތުން ސިއްރުން ހެކިބަސް ނެގޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.

ހެއްކާ ބެހޭ އެ ކުޑަކުޑަ ގާނޫނަށް 44 އަހަރު ވީ އިރު، މި ޒަމާނަށް ފެތޭ ފަދަ އޭގެ ގާނޫނެއް ހެދޭ ގޮތެއް އަދިވެސް ނުވެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމެއްގެ މައްސަލާގައި ހައި ކޯޓުން ނިންމި އެ ނިންމުމާ އެކު، ދަށު ކޯޓުތަކުގައި ސިއްރުން ހެކިބަސް ނަގަން އެދިފައި ހުރި މައްސަލަތައް ވަނީ މަޑުޖެހިފަ އެވެ. ދައުލަތުން ވަނީ ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ފަނޑިޔާރުންގެ އިތުރު ސުވާލުތަކެއް ދައުލަތާ އަމާޒުކުރަން މިއަދު ބޭއްވި އަޑުއެހުމުގައި، 149 ވަނަ މާއްދާ އޮތް ގޮތުން ސިއްރު ހެކިބަސް ނެގުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ގާނޫނުގެ އެ މާއްދާގެ ސަބަބުން ސިއްރު ހެކިބަސް ނަގަން ހުރަހެއް ނެތް ކަމަށާއި މައްސަލަ ދިމާވީ ހައި ކޯޓުގެ ނިންމުން އައި ގޮތުން ކަމަށެވެ. އެއީ ސިއްރު ހެކިބަސް ނެގޭނެ ކަމަށް ކުރިން ހައި ކޯޓުން ނިންމި ނިންމުންތަކާ ޚިލާފް ނިންމުމެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ހެއްކާ ބެހޭ ގާނޫނަށް ހަވާލާދީފައިި އޮތްއޮތުމާ ބެހޭ ގޮތުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނިގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ހެއްކާ ބެހޭ ގާނޫނަށް ހަވާލާ ދެވިފައި އޮތީ މަޖިލީހަށް ހެދުނު އޮޅުމަކުންނެވެ. އެކަމަކު އެއީ ސިއްރު ހެކިބަސް ނަގަން އޮތް ހުރަހެއް ނޫން ކަމަށް ބުނެ، ދައުލަތުން ދެއްކީ ސިއްރުން ހެކިބަސް ނެގުމާ ބެހޭ ގޮތުން ހައި ކޯޓުން ކުރިން ނިންމާފައި ހުރި ނިންމުންތަކެވެ.

ދައުލަތުން ބުނިގޮތުގައި ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އުސޫލެއް ނެތުމުން ކަމަށް ބުނެ ޖިިނާއީ އިޖުރާއާތުގެ ގާނޫނުގެ އުސޫލުތަކުގެ ބާރު ކެނޑޭ ގޮތަށް ގާނޫނު މާނަކުރަން ފަށައިފި ނަމަ، ޖިނާއީ އަދުލުގެ ނިޒާމު ހިންގަން ކޮންމެހެން ބޭނުންވާ ކަންކަން ހުއްޓުމަކަށް އަންނާނެ އެވެ. އެހެންވެ، މިހާރު އޮތް ހައްލަކީ އެކަންކަން ކުރެވޭނެ ގޮތަށް ކޯޓުތަކުން މާނަ ކުރުމެއް ހޯދައި ދިނުން ކަމަށާއި، އެކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަން ތައްޔާރުވާ އިސްލާހުތަކުގެ ތެރެއިން އެކަމަށް ހައްލެއް ގެނެސްދޭނެ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައި ކަމަށެވެ. އަދި ހެއްކާ ބެހޭ އާ ގާނޫނެއް އައުމުން އެ މައްސަލަ ހައްލުވާނެ ކަމަށާއި އެހެންވެ، ސުޕްރީމް ކޯޓުގެ ކިބައިން އެދެނީ ވަގުތީ ހައްލެއް ހޯދަން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ސިއްރުން ހެކިބަސް ނަގަން އެދެނީ ކޮން ބާވަތެއްގެ މައްސަލަތަކެއްގައިތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ކޮންމެ މައްސަލައެއްގައި އެކަމަށް ނޭދޭނެ ކަމަށެވެ. މިހާރު އެކަމަށް އެދެނީ ޖިނާއީ ބޮޑެތި މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ކަމަށް ދައުލަތުން ބުންޏެވެ.

ހެކި ސިއްރު ކުރުމުގައި ހެކިވެރިޔާއަށް ރައްކާތެރިކަން ދޭނެ މިންވަރު ކަނޑައަޅަނީ ކޮން އުސޫލަކުންތޯ އާއި އެގޮތަށް އެދޭއިރު ދައުވާ ލިބޭ މީހާއަށް އެކަމަށް ޗެލެންޖް ކުރުމުގެ ފުރުސަތު ލިބޭތޯ ބެންޗުން ސުވާލު ކުރުމުން ދައުލަތުން ބުނީ އެކި މައްސަލަތަކުގައި ރައްކާތެރިކަން ދެނީ އެކި މިންވަރަށް ކަމަށެވެ. އަދި އެކަމަށް ދައުލަތުން އެދުނަސް، ޝަރީއަތުގައި ޗެލެންޖް ކުރުމުގެ ފުރުސަތު ދައުވާ ލިބޭ މީހާއަށް އޮންނާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށް، މަތީ ކޯޓުގެ ބެންޗުން އިއުލާންކުރެއްވި އެވެ. އެހެންކަމުން ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރެއިން މަރުގެ މައްސަލަތަކާއި ނުރައްކާތެރި މާރާމާރީ ފަދަ ސިއްރު ހެކި ހުށަހަޅާފައި ހުރި އެތައް މައްސަލައެއް މިހާރު ކޯޓުތަކުން އޮތީ މަޑުޖައްސާލައިފަ އެވެ.