Roadha Mihaaru
ޗައިނާގެ ޝިންޖިއާންގައި ބަލި ފެތުރި ކުއްލި ހާލަތަށް

ޗައިނާގެ މުސްލިމުން ދިރިއުޅޭ ސަރަހައްދުގައި ބަލި ފެތުރޭތީ ކުއްލި ހާލަތަށް

19 ޖުލައި 2020

ޝިންޖިއާން (ޖުލައި 19) - ޗައިނާގެ ހުޅަނގުގައި ވީގޫރް މުސްލިމުން ދިރިއުޅޭ ޝިންޖިއާންގެ ވެރިރަށް އުރުމްގީގައި ކޮރޯނާވައިރަސް ފެތުރޭތީ އެ ސަރަހައްދު ކުއްލި ހާލަތަށް ގެނެސްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޝިންޖިއާން (ޖުލައި 19) - ޗައިނާގެ ހުޅަނގުގައި ވީގޫރް މުސްލިމުން ދިރިއުޅޭ ޝިންޖިއާންގެ ވެރިރަށް އުރުމްގީގައި ކޮރޯނާވައިރަސް ފެތުރޭތީ އެ ސަރަހައްދު ކުއްލި ހާލަތަށް ގެނެސްފި އެވެ.

އުރުމްގީ އިން އިއްޔެ ވެސް ވަނީ 17 ކޭސް ފެނިފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ މިހާރު ވަނީ އެ ސަރަހައްދު ލޮކްޑައުން ހާލަތަށް ގެނެސްފައި ކަމަށެވެ.

މިދިޔަ އަހަރު ފަހުކޮޅު ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުނު ފަހުން ޗައިނާ އިން އެ ބަލި ކޮންޓްރޯލް ކުރި ނަމަވެސް ދޭތެރެ ދޭތެރެއިން ބައެއް ސަރަހައްދުތަކުން ވައިރަހުގެ އާ ކޭސްތައް ފެނެ އެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ޗައިނާ އިން ވަނީ ގާތްގަނޑަކަށް 85،000 މީހުން ޕޮޒިޓިވްވެ 4،600 މީހުން މަރުވެފަ އެވެ.

ޝިންޖިއާން އޮޓޮނޮމޯސް ރީޖަންގެ ވެރިރަށް އުރުމްގީގެ އާބާދީ އަކީ 3.5 މިލިއަނެވެ. އެ ސަރަހައްދުން ކޮރޯނާވައިރަހުގެ ކޭސްތައް ފެންނަން ފަށާފައި ވަނީ ބުދަ ދުވަހުން ފެށިގެންނެވެ. އެހެންވެ އުރުމްގީން ވަނީ ވައިގެ ހުރިހާ ދަތުރުފަތުރެއް ހުއްޓާލައި ސަބްވޭގެ ޚިދުމަތް ވެސް މެދުކަނޑާލައިފަ އެވެ. ހޮނިހިރު ދުވަހުން ފެށިގެން މިހާރު ވަނީ ގްރޫޕް ހަރަކާތްތައް ބޭއްވުން ވެސް މަނާކޮށްފަ އެވެ.

އުރުމްގީގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އާ ކޭސްތައް ފެނުނު އިމާރާތްތަކުގައި އުޅޭ އެންމެން ސްކްރީން ކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ފަހުން އުރުމްގީގެ އެންމެން ޓެސްޓް ކުރާނެ އެވެ.

ޝިންޖިއާންގެ ޑިރެކްޓަރު އޮފް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ރުއި ބައޮލިން ވިދާޅުވީ އުރުމްގީގައި ވައިރަސް ފެތުރެން ފެށި ކްލަސްޓާ މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

ޝިންޖިއާންގެ އާބާދީގެ ބޮޑު ބަޔަކީ ވީގޫރް ދަރިކޮޅުގެ މުސްލިމުންނެވެ. ވީގޫރު މުސްލިމުންގެ މިލިއަނެއްހާ މީހުން ޗައިނާ އިން ވަނީ ޑިޓެންޝަން ސެންޓަރުތަކުގައި ބަންދުކޮށްފަ އެވެ. މީހުން ބަންދުކޮށްފައިވާ ސެންޓަރެއްގައި ބަލި ފެތުރިދާނެ ކަމުގެ ކަންބޮޑުވުން އޮފިޝަލުން ވަނީ ފާޅުކޮށްފަ އެވެ.

ޗައިނާގައި ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފައި ވަނިކޮށް ޖޫން މަހު ވަނީ ވެރިރަށް ބެއިޖިން އިން އާ ކޭސްތައް ފެންނަން ފަށައިފަ އެވެ. ނަމަވެސް މިހާރު ވަނީ މުޅި ސިޓީގައި ޓެސްޓް ކުރުމުގެ ޕްރޮގްރާމެއް ހިންގައި ބަލި ކޮންޓްރޯލް ކޮށްފަ އެވެ.