Roadha Mihaaru
ކޭމްޕްތަކުގައި ޗައިނާއިން މުސްލިމުންގެ ސިކުނޑި ދޮވެލަނީ

ކޭމްޕްތަކުގައި ޗައިނާ އިން މުސްލިމުންގެ "ސިކުނޑި ދޮވެލަނީ"

26 ނޮވެމްބަރ 2019

ޝިންޖިއާން (ނޮވެމްބަރު 26) - ޗައިނާގެ ހައި ސެކިއުރިޓީ ޖަލުތަކުގައި ބަންދުކޮށްފައި ތިބި މުސްލިމުންގެ ސިކުނޑިތައް ދޮވެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލީކްވެފައިވާ ލިޔުންތަކުން ހާމަވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޝިންޖިއާން (ނޮވެމްބަރު 26) - ޗައިނާގެ ހައި ސެކިއުރިޓީ ޖަލުތަކުގައި ބަންދުކޮށްފައި ތިބި މުސްލިމުންގެ ސިކުނޑިތައް ދޮވެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލީކްވެފައިވާ ލިޔުންތަކުން ހާމަވެއްޖެ އެވެ.

ނަމަވެސް ޗައިނާ ސަރުކާރުން ބުނެފައި ވަނީ ހުޅަނގުގެ ޝިންޖިއާން ސަރަހައްދުގައި މުސްލިމުން ގެންގުޅެނީ ވޮލަންޓަރީ އެޑިއުކޭޝަން ތަމްރީނު ދޭ މަރުކަޒުތަކެއްގައި ކަމަށެވެ. އަދި މުސްލިމުންގެ އުޅުމާއި އަޚުލާގު ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ލީކުކޮށްފައި ވަނީ ފޭކް ލިޔުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ބީބީސީ ޕެނަރޯމާ" އަށް ލިބިފައިވާ ރަސްމީ ލިޔުންތަކުން އެނގޭ ގޮތުގައި މުސްލިމުން ގެންގުޅެނީ ވަރަށް ބޮޑަށް ބަންދުކޮށްގެންނެވެ. އަދި ވަކި ގޮތްތަކެއް ގަބޫލް ކުރުމަށް ބޮޑެތި އަދަބުތައް ދޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޝިންޖިއާންގެ އެކި ހިސާބުތަކުގައި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ތެރޭ މި ކޭމްޕްތައް ޗައިނާ އިން ހަދާފައި ވަނީ ހަރުކަށި ފިކުރުގެ ވީގާރް މުސްލިމުން ބަންދު ކުރުމަށެވެ. އެ ކޭމްޕްތަކުގައި މިލިއަނެއްހާ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ކަމަށްވެ އެވެ.

އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އިން ހޯދި ހޯދުންތަކުގައި ވަނީ ޝިންޖިއާންގެ ކޮމިއުނިސްޓް ޕާޓީގެ އޭރުގެ ޑިޕިއުޓީ ސެކްރެޓަރީ ޖެނެރަލް 2017 ވަނަ އަހަރު ފޮނުވި ނުވަ ސަފްހާގެ މެމޯއެއް ހިމަނައިފަ އެވެ. އެ މެމޯއިން އެނގޭ ގޮތުގައި ކޭމްޕްތައް ހިންގަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލުތަކެއްގެ ގޮތަށެވެ. މެމޯގައި ހިމެނޭ ކަންކަމުގެ ތެރޭގައި ޖަލުން އެއްވެސް މީހަކު ނުފިލޭނެކަން ކަށަވަރު ކުރުމާއި މެންޑަރިން ދަސްކުރުމަށް އެންމެ އިސްކަން ދިނުމާ އަދި ކޮންމެ މީހެއްގެ ވެސް އުޅުން މޮނިޓާ ކުރުން ހިމެނެ އެވެ.

ކޭމްޕްތަކުގައި ތިބޭ މީހުންނަށް އަންނަ ބަދަލުތައް ބަލައި އެ މީހުންނަށް ޕޮއިންޓް ދޭ އުސޫލެއް ވެސް ގެންގުޅެ އެވެ. ކޭމްޕްތަކުން ދޫކޮށްލަނީ އެ މީހަކު ބަދަލުވެފައިވާކަން ކޮމިއުނިސްޓް ޕާޓީގެ ހަތަރު މެންބަރުންގެ ކޮމިޓީ އަށް ޔަގީންވުމުންނެވެ.