ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ދެނީ އަގުހުރި ހިދުމަތެއް ކަމަށާއި އެ ފަރާތްތަކަށް ވެވެން އޮތް އެހީއެއް ސަރުކާރުން ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
04 ޖޫން 2020
ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ދެނީ އަގުހުރި ހިދުމަތެއް ކަމަށާއި އެ ފަރާތްތަކަށް ވެވެން އޮތް އެހީއެއް ސަރުކާރުން ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެެއްވަމުން ނަހުލާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ ޓެކްސީ ޑްރައިވަރުންގެ ކަންތައްތައް ބައްލަވަމުންނެވެ.
"ކުރިއަށް އޮތް ތާނގައި ވެސް އަދި މިހާރު ވެސް އަޅުގަނޑުމެން ވާހަކަ ދައްކައިގެން ސަރުކާރުގެ ފަރާތުން ވެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ ބޭފުޅުންނަށް ވާނެކަން އަދި އެ ބޭފުޅުން އިތުރު ކަމަކަށް ބޭނުންފުޅު ވިޔަސް އަޅުގަނޑުމެންނަށް ގުޅައި، އެ ކަމަކީ ކޮބައިތޯ އަޅުގަނޑުމެންނާ ހިއްސާ ކޮށް، އެއީ އަޅުގަނޑުމެންނަށް އެހީތެރި ވެވޭނެ ދާއިރާގެ ތެރޭގައި އޮތް ކަމެއް ކަމަށް ވާ ނަމަ އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނެ،" ނަހުލާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންްކުރުމުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް ވަރަށް ބޮޑަށް ހުއްޓި، ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން މިހައިތަނަށް ކޮށްފައި ވަނީ ކޮން މަސައްކަތްތަަކެއްތޯ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހީމް ނަސީމް ސުވާލު ކުރެއްވި އެވެ. ޖަވާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ލޮކްޑައުންއަށް ލުއި ދިންއިރު، ފުރަަތަަމަ ހުއްދަ ދޭން ސަރުކާރުން ނިންމީ ކޮންމެ ސެންޓަރަކުން ހަ ޓެކްސީއަކަށް ކަމަށާއި އެ އަދަދު 10 އަކަށް އިތުރު ކުރީ ޓްރާންސްޕޯޓް މިނިސްޓްރީން ވާހަކަ ދައްކައިގެން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
ޓެކްސީ ޑްރައިވަރުންނަށް އެހީތެރިވާން ކޮށްފައިވާ މަސައްްކަތްތަކުގެ ތަފްސީލް ދެއްވަން ނަހުލާ ހަވާލު ކުރެއްވީ މިނިސްޓްރީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންނާ އެވެ.
ރޭގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވެރިވެވަޑައިގަތީ ނަހުލާގެ އިތުރުން ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު، ޑެޕިިއުޓީ މިނިސްޓަރު ޝިމާޒް އަލީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް މަހުދީ އިމާދު، ޑިރެކްޓަ ޖެނެރަލް، ރީޖަނަލް އެއާޕޯޓްސް ސާމީ އަގީލް އަދި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޒުބައިރެވެ.
ސްޓޭޓް މިނިސްޓަރު ޒުހައިރު ވިދާޅުވީ ކޮވިޑް-19 އާ ހެދި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ތައާރަފްކުރި ރިލީފް ޕެކޭޖްތަކުގެ ތެރެއިން ޑްރައިވަރުންނަށް އެހީތެެރިކަމެއް ހޯދައިދޭން އިކޮނޮމިކް މިނިސްޓްރީއާ ވެސް ވާހަަކަ ދައްކާފައިވާނެ ކަމަށެވެ.
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ
ޓެކްސީ އަގާ ބެހޭ ފޯރަމް: ދެކޮޅުން ބަހުގެ ހަމަލާތަކެއް
އަގު ބޮޑުކޮށް ޓެކްސީ ދަތުރުކުރި 15 މައްސަލަ ޕޮލިހަށް
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
މަސައްކަތް ނުފެންނަނީ ފޮޓޯނުނަގާތީ ކަމަށްވެދާނެ: ނަހުލާ
ނަހުލާ ކޮމިޓީއަށް ހާޒިކުރަން ޖާބިރު އެދިވަޑައިގެންފި
ޓެކްސީ އެޕްލިކޭޝަނަށް ފަސް ހުށަހެޅުމެއް
ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަނީ
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"