Roadha Mihaaru
ދަނޑު ބޭރުން އާސެނަލަށް ގާޑިއޯލާގެ އިހުތިރާމެއް ނެތް

ދަނޑު ބޭރުން އާސެނަލަށް ގާޑިއޯލާގެ އިހުތިރާމެއް ނެތް

21 ޖުލައި 2020

ލަންޑަން (ޖުލައި 21) - ޔުއެފާ އިން މެންޗެސްޓާ ސިޓީ އަށް ދިން އަދަބު ދަމަހައްޓަން މަސައްކަތްކުރި ކްލަބްތަކުގެ ތެރޭގައި އާސެނަލް ހިމެނޭކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް، އެ ޓީމަށް ދަނޑު ބޭރުން މާ ބޮޑު އިހުތިރާމެއް ނުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 21) - ޔުއެފާ އިން މެންޗެސްޓާ ސިޓީ އަށް ދިން އަދަބު ދަމަހައްޓަން މަސައްކަތްކުރި ކްލަބްތަކުގެ ތެރޭގައި އާސެނަލް ހިމެނޭކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް، އެ ޓީމަށް ދަނޑު ބޭރުން މާ ބޮޑު އިހުތިރާމެއް ނުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން، ކުރިއަށް އޮތް ދެ އަހަރަށް ސިޓީ ސަސްޕެންޑްކުރި އެވެ. އެކަމަކު ދާދި ފަހުން ކުޅިވަރާ ބެހޭ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ އެ ސަސްޕެންޝަން އުވާލުމުގެ އިތުރުން ޖޫރިމަނާ ވެސް ވަނީ ކުޑަކޮށްފަ އެވެ. ކޯޓުގައި އެ މައްސަލަ ހިނގިއިރު، ސިޓީގެ ސަސްޕެންޝަން ދަމަހައްޓަން އަށް ކްލަބަކުން މަސައްކަތްކުރި އެވެ. އެ ޓީމުތަކުގެ ތެރޭގައި އާސެނަލް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެފްއޭ ކަޕްގެ ފައިނަލުގެ ފުރުސަތު އާސެނަލުން ހޯދީ ސެމީގައި ސިޓީ އަތުން 2-0 އިން މޮޅުވެގެންނެވެ.

"މެޗުތަކުގައި ސިޓީއާ ދެކޮޅަށް ނުކުންނަ ޓީމުތަކަށް އަބަދުވެސް އަހަރެންގެ އިހުތިރާމް އޮންނާނެ. އެ ގޮތުގެ މަތިން އާސެނަލަށް ވެސް އޮންނާނެ. ދަނޑުމަތީގައި އަހަރެންގެ ހުރިހާ އިހުތިރާމެއް އާސެނަލަށް އެބައޮތް. އެކަމަކު ދަނޑުގެ ބޭރުން އަހަރެންގެ މާ ބޮޑު އިހުތިރާމެއް ނެތް. ދަނޑުމަތީގައި ހިނގި ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އާއި އާސެނަލްގެ މެޗަށް އަހަރެން މަރުހަބާ ކިޔަން،" ލީގުގައި މިރޭ ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

ސިޓީ އަކީ މަކަރު ހަދާ އޮޅުވާލާ ޓީމެއް ކަމަށް ތުހުމަތުތަކެއްކުރި މީހުން އެބަތިބި ކަމަށާއި ސިޓީގެ ކިބައިން އެ އެންމެން މާފަށް އެދެންޖެހޭ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވެސް ސިޓީއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހިދާނެ ކަމަށް ސިޓީގެ އޮފިޝަލަކު ވަނީ މީޑިއާގައި ބުނެފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލާ މެދު ގާޑިއޯލާ ހިތްހަމަ ނުޖެހެނީ ހަމައެކަނި ސީއޭއެސްގެ މައްސަލައިގައި އާސެނަލް ކުޅުނު ރޯލުގެ ސަބަބުން އެކަންޏެއް ނޫނެވެ. އާސެނަލްގެ ކޯޗަކަށް މިކޭލް އާޓެޓާ ގެންދިޔައިރު އެ ކްލަބުން މަސައްކަތްކުރި ގޮތާ މެދު ވެސް ގާޑިއޯލާގެ ހިތްހަމަ ނުޖެހުންތަކެއް ހުއްޓެވެ. އާސެނަލުން މިދިޔަ ޑިސެމްބަރު މަހު އާޓެޓާ އެ ޓީމުގެ ކޯޗަކަށް ގެނައީ ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ހުއްޓަ އެވެ.

"އާސެނަލް އަންނަނީ އާޓެޓާގެ ކޯޗުކަމުގައި ކުރިއެރުން ހޯދަމުން. އެއީ އަހަރެން އޭނާ އަށްޓަކައި އުފާކުރާކަމެއް،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް މި ސީޒަނުގައި އެފްއޭ ކަޕާއި އިނގިރޭސި ޕްރިމިއާ ލީގު ގެއްލިފައިވާއިރު، އެ ޓީމަށް ލިބުނީ ލީގު ކަޕް އެވެ. އަދި ޗެމްޕިއަންސް ލީގަކީ ވެސް ސިޓީގެ ޓާގެޓެކެވެ. ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުންބޭރުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެފަ އެވެ. ސިޓީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ. އެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެގެން ސިޓީ އަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބިއްޖެނަމަ އެ ޓީމު ދާން ޖެހޭނީ ޕޯޗުގަލްގެ ލިޒްބަން އަށެވެ.

ވަޓްފޯޑްގެ ވިކަރޭޖް ރޯޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 22:00 ޖަހާއިރު އެވެ.