Roadha Mihaaru
100 ދުވަހަށް ފަހު މިރޭ އަލުން ޕްރިމިއާ ލީގު ފަށަނީ

100 ދުވަހަށް ފަހު މިރޭ އަލުން ޕްރިމިއާ ލީގު ފަށަނީ

17 ޖޫން 2020

ލަންޑަން (ޖޫން 17) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލި އިނގިރޭސި ޕްރިިމިއާ ލީގު 100 ދުވަހަށް ފަހު މިރޭ އަލުން ފަށާއިރު ދެ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ކުޅޭ މެޗާއި މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖޫން 17) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލި އިނގިރޭސި ޕްރިިމިއާ ލީގު 100 ދުވަހަށް ފަހު މިރޭ އަލުން ފަށާއިރު ދެ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ކުޅޭ މެޗާއި މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ ވަރުގަދަ ފަސް ގައުމުގެ ތެރެއިން ފުޓްބޯޅަ އަލުން ފެށި ހަތަރު ވަނަ ގައުމަކީ އިންގްލެންޑް އެވެ. އެންމެ ފުރަތަމަ މިދިޔަ މަހު ޖަރުމަނު ލީގު ފެށިއިރު، މިދިޔަ ހަފްތާގައި ސްޕެނިޝް ލީގާއި އިޓަލީ ފުޓްބޯޅަ ވަނީ އަލުން ފަށައިފަ އެވެ. އިޓަލީ ފުޓްބޯޅަ އެނބުރި އައީ އިޓާލިއަން ކަޕް މެޗުތަކުންނެވެ. ލީގު އަލުން ފަށާނީ ކަޕް ނިންމާލުމަށް ފަހު އެވެ.

ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ ހުރި 92 މެޗު ކުޅެން ހަމަޖެހިފައިވަނީ ކުރިއަށް އޮތް 40 ދުވަހުގެ ތެރޭގަ އެވެ. ލީގު ނިންމާލަން އަމާޒު ހިފާފައިވަނީ އަންނަ މަހު 26 އަށެވެ. ކޮވިޑް-19 ގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޔޫރަޕްގެ އެހެން ލީގުތަކެކޭ އެއްގޮތަށް ޕްރިމިއާ ލީގުގެ މެޗުތަށް ވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

ލީގުގެ ފުރަތަމަ މެޗުތަކުގައި ކޮވިޑް-19 ބަލިމަޑުކަމުގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެންނަން ހަމަޖެހިފައިވާއިރު، ސިއްހީ ހިދުމަތްތެރިގެ އަގުވަޒަންކުރުމުގެ ގޮތުން ވެސް ކަންތައްތަކެއް ކުރަން ވަނީ ރާވައިފަ އެވެ. އަދި ފުރަތަމަ 12 މެޗުގައި ކުޅުންތެރިންގެ ޖާޒީގެ ފަހަތުގައި ނަމުގެ ބަދަލުގައި، ނަސްލީ ތަފާތުކުރުންތަކާ (ރޭސިޒަމް) ދެކޮޅަށް ހިންގާ ކެމްޕެއިނަށް ހިތްވަރުދޭ މެސެޖެއް ޖަހަން ވަނީ ނިންމައިފަ އެވެ. ޓީމުތަކުގެ ކެޕްޓަނުންގެ ހުށަހެޅުމަށް ލީގުން ކުރަން ނިންމި މި ކަމަކީ ދާދި ފަހުން އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލާފައިވާތީ އެއާ ދެކޮޅަށް ހިންގާ ކެމްޕެއިންގައި ބައިވެރިވުމުގެ ގޮތުންނެވެ.

ސަރުކާރުގެ ހުއްދައާ އެކު ޕްރިމިއާ ލީގު އަލުން ފަށަން ގިނަ ސަލާމަތީ ފިޔަވަޅުތަކެއް ވަނީ އަޅަން ނިންމައިފަ އެވެ. އެ ގޮތުން ދަނޑުގައި ވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެ އެވެ. ކޮންމެ މެޗަކަށް ދަނޑަށް ވަދެވޭނީ ޖުމްލަ އަދަދަކީ 300 މީހުންނެވެ.

ފީފާ އިން ދީފައިވާ ވަގުތީ ހުއްދައިގެ ދަށުން ޕްރިމިއާ ލީގުގައި ވެސް މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރަން ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގުން އަމަލުކުރަމުން އަންނަ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ވެސް ހިފާނެ އެވެ.

އާޓެޓާ އާއި ގާޑިއޯލާގެ ކުރިމަތިލުމެއް

އާސެނަލްގެ ކޯޗުކަމާ އާޓެޓާ މިދިޔަ ޑިސެމްބަރު މަހު ހަވާލުވީ މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުގެ މަގާމު ދޫކޮށްލައިފަ އެވެ. ކޮވިޑް-19ގެ ބަލި މަޑުކަން ވެސް ތަަހައްމަލުކުރި އާޓެޓާ މިރޭ ސިޓީއާ ދެކޮޅަށް ނުކުންނަައިރު، މިއީ އާސެނަލްގެ ކޯޗެއްގެ ގޮތުގައި ހުރެ ސިޓީ ދަނޑުގައި އޭނާ ކުރާނެ ފުރަތަމަ ތަޖުރިބާ އެވެ. އަދި ކޯޗިން ކެރިއަރުގައި ގާޑިއޯލާއާ ދެކޮޅަށް ނުކުންނާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ގާޑިއޯލާ (ކ) އާއި އާޓެޓާ. -- ފޮޓޯ: އޭއެފްޕީ

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ގާޑިއޯލާ (ކ) އާއި އާޓެޓާ. -- ފޮޓޯ: އޭއެފްޕީ

"އަހަރެން ވަރަށް ހާއްސަ ހަނދާންތަކެއް އެ ކްލަބްގައި ވާނެ. މިއީ ވަރަށް ތަފާތު އިހުސާސެއް ކުރެވޭނެ ކަމެއް. ގާޑިއޯލާ ކައިރިން އަހަންނަށް ވެސް ގިނަ ކަންތައްތަކެއް ދަސްވި. މިއި ވަރަށް ހާއްސަ މެޗަކަށް ވެސް ވާނެ،" މިރޭގެ މެޗުގެ ކުރިން އާޓެޓާ ބުންޏެވެ.

މި އަހަރު ފެށި ފަހުން ލީގުގައި އާސެނަލް އަދި ބަލިނުވެ އެވެ. ރަށުންބޭރުގައި ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ވަގުތު ލީގުގެ ނުވަ ވަނައިގައި އޮތް އާސެނަލަށް ލީގު އަލުން ފަށާއިރު ކުރިމަތީގައި އޮތީ ބޮޑު ޗެލެންޖެކެވެ. އުނދަގޫ މެޗުތަކެއް ހުރިއިރު، ލީގުގެ މަތީ މަގާމަކަށް ދާން އެ ޓީމުގެ ކޯޗު އާޓެޓާ އަށް ޓާގެޓެއް ދީފައިވާތީ އެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ދިގު މުއްދަތަކަށް ފުޓްބޯޅަ ނުކުޅެ ތިބުމަށް ފަހު އެނބުރި އަންނައިރު ކުޅުންތެރިންގެ ކިބައިގައި ސީރިއަސް މެޗު ފިޓްނަސް ހުންނާނެ ކަމަށެވެ. އަނިޔާގެ މައްސަަލަ އެއް ކުޅުންތެރިން ރިޕޯޓްކޮށްފައި ނެތް ކަމުގައި ވިޔަސް ގާޑިއޯލާގެ ނަޒަރުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

"އަހަރެމެންނަށް ރަނގަޅަށް ތައްޔާރުވާން މި ލިބުނީ ތިނެއް ނޫނީ ހަތަރު ހަފްތާ. އެކަމަކު ޖަރުމަނާއި އިޓަލީ ދެން ސްޕެއިން ފަދަ ގައުމުތަކުގައި އެ އަށް ވުރެން ގިނަ ވަގުތު ލިބިއްޖެ. އެހެންވީމަ ނުބުނެވޭނެ އަހަރެމެން މި ތިބީ މެޗުތަކަށް އަންނަން އެންމެ ބޭނުންވި ރަނގަޅު ހާލަތުގައޭ،" މިދިޔަ ދެ އަހަރު ސިޓީ އަށް ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ގާޑިއޯލާ ބުންޏެވެ.

އަނިޔާގެ ސަބަބުން މިދިޔަ އޮގަސްޓް މަހު ކުޅުމާ ދުރަށް ދާން ޖެހުނު ސިޓީގެ ލެރޯއި ސާނޭ މިހާރު ވަނީ ފިޓްވެފަ އެވެ. ދާދި ފަހުން ސިޓީ ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ސާނޭ ވަނީ ކުޅެފަ އެވެ.

ލީގުގެ ދެ ވަނައިގައި ސިޓީ އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެން 25 ޕޮއިންޓް ފަހަތުގަ އެވެ. މިރޭ ސިޓީ ބަލިވެއްޖެނަމަ އާދިއްތަ ދުވަހު އެވަޓަން ބަލިކޮށް ލިވަޕޫލަށް ލީގު ކަށަވަރުކުރެވޭނެ އެވެ.

ލީގު އަލުން ފަށާ މެޗުގައި ޝެފީލްޑާއި އެސްޓަން ވިލާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 10 ޖަހާއިރު އެވެ. އަދި އާސެނަލާއި ސިޓީގެ މެޗު ފަށާނީ 00:15 ގަ އެވެ.