Roadha Mihaaru
ފަހުވަގުތު ލީގު އަތުލި ސީޓީއާ ދެކޮޅަށް އާސެނަލް މިރޭ

އާސެނަލް އަތުން ލީގު އަތުލި ސީޓީއާ ދެކޮޅަށް ޝީލްޑް މެޗު މިރޭ

06 އޯގަސްޓް 2023

ލަންޑަން (އޮގަސްޓް 6) - މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 248 ދުވަސް ވަންދެން އޮތް އާސެނަލް އަތުން ފަހުވަގުތު މާގާމު އަތުލައި ތަށި ދިފާއުކުރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް، މިރޭ ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗަށް އާސެނަލް ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮގަސްޓް 6) - މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 248 ދުވަސް ވަންދެން އޮތް އާސެނަލް އަތުން ފަހުވަގުތު މާގާމު އަތުލައި ތަށި ދިފާއުކުރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް، މިރޭ ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗަށް އާސެނަލް ތައްޔާރު ވެއްޖެ އެވެ.

ލީގު ޗެމްޕިއަން ސިޓީ އިން ލީގުގެ ރަނަރަޕް އާސެނަލް އާ ދެކޮޅަށް މިރޭ 8 ޖަހާއިރު ނުކުންނާނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އާއްމު ގޮތެއްގައި ލީގާއި އެފްއޭ ކަޕް ޗެމްޕިއަނުން، ޝީލްޑް މެޗުގައި ކުރިމަތިލާއިރު، މިދިޔަ ސީޒަންގައި ދެ މުބާރާތް ވެސް ކާމިޔާޞު ކުރީ ސިޓީ އެވެ. އާސެނަލް ވާދަކުރަނީ ލީގުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ.

މިދިޔަ ސީޒަންގައި އާސެނަލް އަތުން ލީގު ގެއްލެން ދިމާވި އެންމެ ބޮޑު ސަބަބަކީ ލީގުގެ ފަހު ކޮޅުގައި އަނިޔާ އާއި ވަރުބަލިކަން ޓީމުގެ ކުޅުންތެރިންންނަށް ކުރިމަތިވުމެވެ. މި ސީޒަނަށް އާސެނަލް ވަނީ އެކަމަށް ތައްޔާރު ވުމުގެ ގޮތުން އަގުބޮޑުކޮށް ކުޅުންތެރިން ގަނެ، ސީޒަނަށް ތައްޔާރު ވެފަ އެވެ.

ޕްރީސީޒަން މެޗެއްގައި ހަވާޓްޒް (ކ)، ރައިސް (ވ) ގެ ބަދަލުގައި އަރަނީ.-- ފޮޓޯ: އޭއެފްޕީ

ޕްރީސީޒަން މެޗެއްގައި ހަވާޓްޒް (ކ)، ރައިސް (ވ) ގެ ބަދަލުގައި އަރަނީ.-- ފޮޓޯ: އޭއެފްޕީ

"އާން، މިއީ އެކަން ކުރަންވީ ވަގުތު،" މިއީ ސިޓީ ބަލިކުރަންވީ ވަގުތުކަން ހާމަކޮށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުންނެވެ.

"މިއީ އަހަރެމެން ބޭނުން ގޮތަކީ، ކޮންމެ ޓްރޮފީއަކަށް ވާދަކުރުން. އަހަރެމެން ސާބިތު ކޮށްދޭން ޖެހޭ މިދިޔަ އަހަރުގެ މަސައްކަތަކީ ތައްޓެއް ކާމިޔާބު ކުރަން އެންމެ އެކަށީގެންވާ ވަރެއް ނޫން ކަން."

އެންމެ އަގުބޮޑުކޮށް އާސެނަލް އަށް ގެނައި ކުޅުންތެރިއަކީ 100 މިލިއަން ޕައުންޑް (128 މިލިއަން ޑޮލަރު) އަށް ވެސްޓް ހޭމް ޔުނައިޓެޑުން ގެނައި އެޓީމުގެ ކެޕްޓަން، މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. ޓްރާންސްފާ ފީގެ އިތުރުން ހަ މިލިއަން ޑޮލަރު ހިމެނޭ ޕެކޭޖެއްގެ ދަށުން އާސެނަލް އިން ރައިސް ގެނައީ ވެސް ސިޓީއާ ވާދަކޮށެވެ.

ރައިސްގެ އިތުރުން އާސެނަލް ވަނީ 83 މިލިއަން ޑޮލަރުގެ އަގަކަށް ޗެލްސީއަށް ކުޅެމުން އައި ޖަރުމަން ފޯވާޑް ކައި ހަވާޓްޒް އާއި 49 މިލިއަން ޑޮލަރަށް ނެދަލެންޑްސްގެ އަޔެކްސް އަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ޖޫރިއެން ޓިމްބާ ގެނެސްފަ އެވެ.

ސިޓީ އިން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އާރުބީ ލައިޕްޒިގަށް ކުޅޭ ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލަށެވެ. ސިޓީން އޭނާ ގެނައީ ފަސް އަހަރަށް 98 މިލިއަން ޑޮލަރުގެ އަގެއް ދީފަ އެވެ. މީގެ އިތުރުން އޭނާއާ އެކު ގައުމީ ޓީމަށްކުޅޭ ޗެލްސީގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗަށް ސިޓީން ވަނީ 32 މިލިއަން ޑޮލަރު ހޭދަ ކޮށްފަ އެވެ.

ގްވާޑިއޯލް (ކ)، އާއި ކޮވަސިޗް (ވ).--

ގްވާޑިއޯލް (ކ)، އާއި ކޮވަސިޗް (ވ).--

އާސެނަލް އަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެން ލީގު ކާމިޔާޞު ކުރި ސިޓީ އަށް މި ސީޒަނުގައި ގެއްލުނު އެންމެ މުހިއްމު ކުޅުންތެރިންނަކީ ކެޕްޓަން އިލްކާއި ގުންޑޮއާން އާއި ރިޔާދު މާރޭޒް އެވެ. ކޮންތްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާގައި ގުންޑޮއާން ބާސެލޯނާ އަށް ބަދަލު ވެފައި ވާއިރު، މަޖުބޫރު ވެގެން ރިޔާދު މާރޭޒް ސައުދީ އަރަބިއްޔާގެ އަލް އަހްލީ އަށް ވިއްކާލީ 38 މިލިއަން ޑޮލަރުގެ އަގަކަށެވެ.

"އަހަރެމެން އެންމެ ރަނގަޅަށް ތައްޔާރު ވެގެނެއް ނޫން މިތިބީ. މިއީ ފައިނަލެއް، އުންމީދަކީ އަހަރެމެން ރަނގަޅު ވިސްނުމަކާ އެކު މެޗު ކާމިޔާބު ކުރަން މަސައްކަތް ކުރުން،" ސިޓީގެ ތައްޔާރީތަކާ ގުޅޭގޮތުން އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

"ކޮންމެ ޕްރީ ސީޒަނެއް ވެސް މި އޮންނަނީ އަހަރެމެން ޕްރިމިއާ ލީގު ތިންފަހަރު ހޯދައި އެހެން މުބާރާތްތަކެއް ވެސް ހޯދާ ފަހުން، ދެން އަހަރެންނަށް ހީވެފައި އޮންނަނީ ކުޅުންތެރިން ވަރުބަލި ވާނެއޭ. އެކަމަކު އެހެނެއް ނޫން، އެކުދިން ތިބީ މެޗަށް ތައްޔާރަށް."

ޕްރީ ސީޒަންގައި އާސެނަލް ވަނީ އެމެރިކާ ޓުއާގެ ކުރިން ޖަރުމަންގެ ނަމްބާގާ އެއްވަރު ކޮށްފަ އެވެ. އެމެރިކާ ޓުއާގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި ނަމަވެސް ފަސޭހަ ކަމާއެކު ވަނީ ބާސެލޯނާ ބަލިކޮށްފަ އެވެ. އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގެ އޯލް ސްޓާ ޓީމަކާ ދެކޮޅަށް ކުޅެގެން ވެސް އާސެނަލް ވަނީ ފަސޭހައިން މޮޅުވެފަ އެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ލިއަންޑްރޯ ޓްރޮސާޑް އާސެނަލް އަށް ތިން ގޯލު ޖހައިދިން އިރު، އަލަށް ގެނައި ކައި ހަވާޓްޒް ދެ ގޯލު ޖެހި އެވެ.

ސިޓީން ޖަޕާނުގައި އެގައުމުގެ ލީގު ޗެމްޕިއަނާއި އޭގެ ފަހުން ބެޔާން މިއުނިކް ބަލިކުރި ނަމަވެސް ދެކުނު ކޮރެއާގައި އެތުލެޓިކޯ މެޑްރިޑް އަތުން ވީ ބައްޔެވެ. މިދިޔަ ސީޒަންގެ ލީގުގައި އެންމެ ގިނަ ގޯލު ޖެހި އާލިން ބްރައުޓް ހާލަންޑް ވަނީ ޕްރީ ސީޒަންގައި ސިޓީ އަށް ދެ ގޯލު ޖަހައިދީފަ އެވެ.