Roadha Mihaaru
ރިޒްގެ ބިދޭސީން އަދިވެސް ބޮޑުފިނޮޅުގައި

ރިޒްގެ ބިދޭސީން ކޯޓު އަމުރާ ހިލާފަށް އަދިވެސް ބޮޑުފިނޮޅުގައި

21 ޖުލައި 2020

ބ. ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުވެގެން ތިބި ރިޒް ކުންފުނިން އެ ރަށަށް މަސައްކަތު ގެންގޮސްފައި ތިބި ބިދޭސީންނާ ހަވާލުވެ، އެ މީހުން އެ ރަށުން ބޭލުމަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ އެ ކުންފުނިން ހިލާފްވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ބ. ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުވެގެން ތިބި ރިޒް ކުންފުނިން އެ ރަށަށް މަސައްކަތު ގެންގޮސްފައި ތިބި ބިދޭސީންނާ ހަވާލުވެ، އެ މީހުން އެ ރަށުން ބޭލުމަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ އެ ކުންފުނިން ހިލާފްވެއްޖެ އެވެ.

ސީލް ކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅު ހެދުމުގެ މަސައްކަތް ރިޒްއާ ހަވާލުކޮށްފައިވާއިރު، ބިދޭސީންގެ ހަމަނުޖެހުމުގައި ސީލް ކުންފުނީގެ މުދަލަށާއި ރަށަށް ވެސް ގެއްލުންވެފައި ވެއެވެ. މި މައްސަލަ ފެންމަތިވި އިރު ސީލް ކުންފުނިން އޮތީ އެ ރަށުގައި ތިބި ބިދޭސީން ރަށުން ބޭލުމަށް ރިޒް އަށް އަންގައިފަ އެވެ.

މި މައްސަލައިގައި ބ. ތުޅާދޫ ކޯޓުން ކުރި އަމުރުގައި ވަނީ ރިޒް އިން އެ ރަށުގައި ބައިތިއްބައިފަ ތިބި ބިދޭސީން ވަގުތުން ގެންދިއުމަށް އަންގައިފަ އެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ އެ މީހުން އަމުރު ތަންފީޒުކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ވެސް އަންގައިފައި ވެއެވެ.

އަމުރު ނެރުނުތާ ހަފްތާއެއް ވެފައިވާއިރު ބިދޭސީން އަދިވެސް ތިބީ ބޮޑުފިނޮޅުގަ އެވެ. އަމުރު ތަންފީޒުކުރުމަށް ރިޒް ކުންފުނިން ވަނީ ދެކޮޅު ވެސް ހަދައިފަ އެވެ. އަދި ފުލުހުން ވެސް އަދާ ހަމައަށް މިކަމާ މެދު ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

ސީލް ކުންފުނީގެ ވަކީލް މުހުތާޒް މުހުސިން "މިހާރު" އަށް ވިދާޅުވީ އެއްވެސް މަސައްކަތެއް ނުކުރެވޭ އިރު އެތަނުގައި ބިދޭސީން ބައިތިއްބައިގެން ތިބުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ކޮންމެ ދުވަހަކު އަޅުގަނޑުމެން މި އާދޭސްކުރަނީ މިކަން ހައްލުކުރަން، ޓަކި ނުޖަހާ އެންމެ ދޮރެއް ވެސް މިހާރު ނެތް، މިހާރު އަދި އެއޮތީ ފުލުހުންގެ ހިމާޔަތް ވެސް ދީފަ ރަށަށް،" އޭނާ ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ.

މިކަމާ ގުޅިގެން މުހުތާޒް ވިދާޅުވީ އެ ރަށުގައި ގަވާއިދާ އެއްކޮށް އުޅޭ އެކަކު ވެސް ނެތް ކަމަށެވެ.

"ލިޔެކިޔުން އެބަހުރި އެކަމަކު ސީދާ އެ މަސައްކަތުގެ ކޯޓާގައި އެތަނުގައި ނެތް އެކަކު ވެސް، އެހެންވީމަ ދައުލަތުން މިކަންކަމުގެ ޒިންމާ ނަގަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތުން، ކޯޓާގައި ނެތަސް އެ މީހުންނާ މިހާރު ހަވާލުވާން ޖެހޭނީ މަސައްކަތްކުރުވާ ރިޒް އިން ކަމަށެވެ. އެގޮތަށް އެތަނުގައި މީހުން ބޭތިއްބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރިޒް ކުންފުނިން އެ އަމުރު ތަންފީޒުކުރަން ދެކޮޅު ހަދައި، އެ އަމުރު ނެރުނު ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ޖޭއެސްސީ އަށް ވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް ޖޭއެސްސީން އެ މައްސަލަ ބަލައިނުުގަނެ އެވެ.