Roadha Mihaaru
އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށޭތޯ ބަލަނީ

އާ އަހަރުގެ ކިޔެވުން އޮގަސްޓްގައި ފަށަން މަޝްވަރާކުރަނީ

22 ޖުލައި 2020

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރުގެ އޮގަސްޓު މަހު ފަށަން އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާ ކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރުގެ އޮގަސްޓު މަހު ފަށަން އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާ ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކަލަންޑަރުގެ ޑްރާފްޓެއް މިނިސްޓްރީން ވަނީ ޕްރިންސިޕަލުންނަށް ފޮނުވައިފަ އެވެ. އޭގައި ބުނާގޮތުން ކިޔެވުން ފަށާނީ އޮގަސްޓް/ސެޕްޓެމްބަރު މަހެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓްރީން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޮގަސްޓް މަހު ފެށުމާ ގުޅޭ މަޝްވަރާތައް ފަށައި، އެކަޑެމިކް ކަލަންޑަރަށް އާއްމުންގެ ހިޔާލު ހޯދަން މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ހަދާފައިވާ ފޯމު ފުރިހަމަ ކުރާ ހައިސިއްޔަތާއި މަސައްކަތްކުރާ ދާއިރާ އަދި ތައުލީމީ އަހަރުގެ ފެށުން ބާއްވަން ރަނގަޅު ތާރީހެއް އިހުތިޔާރުކުރަން ދީފައި ވެ އެވެ. އެއް ޗޮއިސް އަކަށް އިނީ ޖެނުއަރީ މަހެވެ. ދެން ދީފައި އިނީ އޮގަސްޓް/ސެޕްޓެމްބަރު މަހެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރަން ނިންމީ، ކޮވިޑް-19 އާ ގުޅިގެން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިތައް ހައްލުކުރުމަށެވެ. ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "މިހާރު" އަށް ވިދާޅުވިގޮތުގައި، އެކަޑެމިކް ކަލަންޑަރު އެކުލަވާލާއިރު އާއްމުންގެ ކަންބޮޑުވުންތަކަށް ބަލާނެ ކަމަށެވެ. ކަލަންޑަރު ފައިނަލް ކުރަނީ އެކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ދާއިމީކޮށް ބަދަލުކުރުމާއި 2022 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރާ ގުޅޭގޮތުން ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ. އެންމެ ފަހުގެ ބައްދަލުވުން މާދަމާ އޮންނާނެ އެވެ.

އަންނަ އަހަރުގެ މެއި/ޖޫން މަހު ބާއްވާ އޯ ލެވެލް އިމްތިހާނު، ޖޫން 14 އަދި އޭ ލެވެލް އެ މަހުގެ 21 ގައި ނިމޭނެ އެވެ. ދަރިވަރުންނަށް، އަހަރީ ބޮޑު ޗުއްޓީ ދޭނީ އޭގެ ފަހުންނެވެ. އެއަށްފަހު، އާ އަހަރުގެ ކިޔެވުން ފެށުމަށް މިނިސްޓްރީގެ ޕްލޭން އޮތީ އޮގަސްޓް މަހުގަ އެވެ.

"[ދިރާސީ އަހަރުގެ ކިޔެވުން ފެށުން ބަދަލުކުރުން] ދާއިމީ ބަދަލަކަށް ހެދުމާ ގުޅޭގޮތުންނާއި އެކަމުގެ ކަންބޮޑުވުންތައް ބަލަން ބޭނުންވަނީ. އެކަންކަމަށްފަހު ކަލަންޑަރު އެކުލަވާލާނީ،" އިހުސާން ވިދާޅުވި އެވެ.