Roadha Mihaaru
އަމީތާބުގެ ގެއާ ބެހޭ އާ ވާހަކަތަކެއް ދައްކައިފި

އަމީތާބުގެ ގެއާ ބެހޭ އާ ވާހަކަތަކެއް ދައްކައިފި

12 އެޕްރީލް 2021

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގައި ހުންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބްގެ ހިތްގައިމު ގެ "ޖަލްސާ" އާ ބެހޭ ގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް ފޭނުންނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގައި ހުންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބްގެ ހިތްގައިމު ގެ "ޖަލްސާ" އާ ބެހޭ ގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް ފޭނުންނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.

އަމީތާބާއި އޭނާގެ އާއިލާގެ ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ އަދި ބައްޗަން އާއިލާގެ ގެތަކުގެ ތެރެއިން އެ އާއިލާ އަބަދު ވެސް އެންމެ ލޯބިވާ ގެއަކީ ކުރީގެ އެތައް ފިލްމެއް ޝޫޓްކޮށްފައިވާ ޖަލްސާ އެވެ. އެ ގޭގައި މަންޒަރުތަކެއް ޝޫޓްކޮށްފައިވާ ފިލްމު އަދި އަންހެނުން ޖަޔާ ބައްޗަނާ އަކު އަމީތާބް ވެސް މުހިއްމު ރޯލެއް ކުޅުނު 1975 ގެ ފިލްމު "ޗުޕްކޭ ޗުޕްކޭ" ގެ ފޮޓޯއަކާ ވެސް އެކު އަމީތާބް ބުނީ އެ ގެ އަކީ ކުރިން ޕްރޮޑިއުސަރު އެންސީ ސިއްޕީގެ ގެއެއް ކަމަށެެވެ.

"އެ ގެ ގަނެގެން ފަހުން އަހަރެމެން ވާނީ އަލުން އިމާރާތްކޮށްފައި،" އަމީތާބް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މުމްބާއީގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ އަދި ގިނަ ފިލްމީ ތަރިން ވެސް ދިރިއުޅޭ ޖުހޫ އޭރިއާގައި ހުންނަ ގޭގައި ޝޫޓްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ޗުޕްކޭ ޗުޕްކޭ" ގެ އިތުރުން "އާނަންދު" އާއި "ނަމަކް ހަރާމް" އާއި "ސައްތޭ ޕޭ ސައްތާ" ހިމެނެ އެވެ. އެ ހުރިހާ ފިލްމުތަކަކީ އަމީތާބްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ.

"ޗުޕްކޭ ޗުޕްކޭ" އިން ފެންނަ ގޭގެ ވާހަކަ އަމީތާބް އާދީއްތަ ދުވަހު ކިޔައިދިނީ އެ ފިލްމު ރިލީޒްކުރިތާ 46 އަހަރުވުމާ ދިމާކޮށެވެ. ރިޝިކޭޝް މުކަރްޖީ ޑައިރެކްޓްކުރި އެ ފިލްމަކީ ވެސް ސިއްޕީ ޕްރޮޑިއުސްކުރި ފިލްމެކެވެ.

ބޮލީވުޑްގެ އެންމެ މުއްސަނދި އާއިލާތަކުގެ ތެރޭގައި ހިމެނޭ އަމީތާބްގެ ގެ ޖަލްސާ އަކީ މިހާރު ބޮޑު ގަނޑުވަރެއް ކަހަލަ ގެއެކެވެ. މިހާރު އެ ގެ އަކީ ޒަމާނީ ގިނަ ވަސީލަތްތައްކެއް ހިމެނޭ ގޮތަށް ކުރިއަށް ވުރެ އެތައް ގުނަ ބޮޑުކޮށް އަދި ބޮޑު ބަގީޗާއެއް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ގެއެކެވެ. އިންޑިއާގައި ފާހަގަކުރާ ހާއްސަ ދުވަސްތަކާ ގުޅިގެން ފޭނުންނާ އާންމުކޮށް އަމީތާބް ބައްދަލުކުރަނީ ވެސް ޖަލްސާގެ ގޯތިތެރެއިންނެވެ. އެއީ 24 ގަޑިއިރު ފޯރިމަރާ ގެއެކެވެ. އަމީތާބް ދެކިލަން ފޭނުން އާންމުކޮށް ޖަމާވަނީ ވެސް ޖަލްސާގެ ކައިރިއަށެވެ.

ޖަލްސާގެ އިތުރުން ވެސް އަމީތާބްގެ ގަނޑުވަރެއް ފަދަ އިތުރު ގެތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޕަރީކްޝާ އާއި ޖަނަކް އަދި ވަތުސާ ހިމެނެ އެވެ. ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އަމީތާބާއި އާއިލާ މެމްބަރުންގެ ގެތައް ހުރެ އެވެ.