Roadha Mihaaru
ދިއްދުއާއި ވަށަފަރަށް ވެސް އަރައިފޭބުން މަނާކޮށްފި

ސަވާރީ ބޯޓުގެ ކޭސްތަކާ ހެދި ދިއްދު އާއި ވަށަވަފަރު އަދި ނޮޅިވަރަންފަަރަށް ވެސް އަރައިފޭބުން މަނާކޮށްފި

31 ޖުލައި 2020

ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނާ އެކު އެ ބޯޓުން ދަތުރުކުރި 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އެ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ތިބުމުން ކެލާގެ އިތުރުން އެއަތޮޅު ދިއްދު އާއި ވަށަފަރު އަދި ހދ. ނޮޅިވަރަންފަރަށް ވެސް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނާ އެކު އެ ބޯޓުން ދަތުރުކުރި 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އެ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ތިބުމުން ކެލާގެ އިތުރުން އެއަތޮޅު ދިއްދު އާއި ވަށަފަރު އަދި ހދ. ނޮޅިވަރަންފަރަށް ވެސް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ސަވާރީ ބޯޓުގެ ކެޕްޓަނަށް ކޮވިޑް ޖެހިފައިވާކަން އެނގުުމުން އޭނާއާ ކޮންޓެކްޓްވި އެ ބޯޓްގެ އެހެން މީހުން ޓެސްޓް ކުރި އިރު އިތުރު ނުވަ މީހަކަށް ބަލި ޖެހިފައިވާކަން އިއްޔެ ވަނީ އެނގިފަ އެވެ. އެ ރަށު ކައުންސިލުން އިއްޔެ ބުނީ ބަލި ޖެހުނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނަށް ކަމަށެވެ. ބަލިޖެހުނު ބިދޭސީން ބޯޓުގައި ކަރަންޓީނުކޮށްފައިވާ ކަމަށާއި ދިވެހިން ކަރަންޓީނުކޮށްފައި ވަނީ ގޭގޭގައި ކަމަށް ވެސް ކެލާ ކައުންސިލުން އިއްޔެ ބުންޏެވެ.

ރޭގެ ވަގުތެއްގައި މޮނިޓަރިންނަށް ލީ ތިން ރަށް ކަމަށްވާ ދިއްދު އާއި ވަށަފަރާއި ނޮޅިވަރަންފަރަކީ ވެސް ސަވާރީ ބޯޓު ދަތުރުކުރި ރަށްރަށެވެ. އެ ބޯޓުން ކޮވިޑް ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުން ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދިވެސްް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނީ ބުދަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ރޭގެ 6:00 އާ ހަމައަށް ރާއްޖެއިން ކޮވިޑްގެ 152 ކޭސް އަލަށް ފެނުނު ކަމަށެވެ. އޭގެ ތެރެއިން 142 މީހުންނަކީ މާލެ ސަރަހައްދުގައި ތިބި މީހުންނެވެ. އަނެއް 10 މީހުންގެ ތެރެއިން ނުވަ މީހުންނަކީ ސަވާރީ ބޯޓުގެ ފަޅުވެރިންނެވެ. ދިހަ ވަނަ މީހާ އަކީ ބ. ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ރާއްްޖެއިން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 3719 އެވެ. އޭގެ ތެރެއިން 2568 މީހަކު އެބަލިން ރަނގަޅުވެފައިވާ އިރު 16 މީހަކު ވަނީ އެބަލީގައި މަރުވެފަ އެވެ.