Roadha Mihaaru
އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނީ އައްޑޫން

މިދިޔަ 24 ގަޑިއިރު އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނީ އައްޑޫން

01 ސެޕްޓެމްބަރ 2021

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 200 އާ ގާތްކުރާއިރު، އެންމެ ގިނަ ބަޔަކަށް އެ ބަލި ޖެހުނީ އައްޑޫން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން މިރޭ ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 200 އާ ގާތްކުރާއިރު، އެންމެ ގިނަ ބަޔަކަށް އެ ބަލި ޖެހުނީ އައްޑޫން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން މިރޭ ދައްކައިފި އެވެ.

ރާއްޖެ އިން ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް މިހާރު އުޅޭ އައްޑޫން އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އާ ހަމައަށް 29 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއީ އެއީ ފޭދުން ފަސް މީހަކާއި ހިތަދޫން ހަ މީހަކާއި ހުޅުމީދޫން ނުވައެއް އަދި މަރަދޫން ވެސް ނުވަ މީހެކެވެ.

އައްޑޫގައި ކޮވިޑް ފެތުރުން އިތުރުވުމާ ގުޅިގެން އެ ސިޓީ މިހާރު ވަނީ މޮނިޓަރިން އަށް ލައި، ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގައި ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް ކާފިއު އިއުލާން ކޮށްފަ އެވެ. އަދި އާންމު ވިޔަފާރިތަކުން ހިދުމަތް ދިނުމުގެ އުސޫލު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އައްޑު އަށް ފަހު ކޮވިޑް ކޭސްތައް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެން އެންމެ ގިނައީ ހދ. ނޮޅިވަރަމްގަ އެވެ. އެ ރަށުން 23 މީހަކަށް ބަލި ޖެހުނުއިރު، ފުވައްމުލަކުން ވެސް 20 މީހަކަށް ބަލިޖެހިފައިވެ އެވެ.

ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ދަށްވެފައި ވިޔަސް، ރަށްރަށުގައި ދުވަހެއް ދުވަހަކަށް އެ ބަލި ދަނީ އިތުރުވަމުންނެވެ. މިދިޔަ 24 ގަޑިއިރު ވެސް އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ މާލެ ސަރަހައްދު ފިޔަވައި ރަށްރަށުންނެވެ.

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 189 މީހަކަށް ކޮވިޑް ޖެހުނުއިރު، އޭގެ ތެރެއިން 119 މީހުންނަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ފިޔަވައި އެހެން ރަށްރަށުގައި ތިބި މީހުންނެވެ. މާލެ ސަރަހައްދުން އެ މުއްދަތުގައި ކޮވިޑަށް ޕޮޒިޓީވްވީ 35 މީހެކެވެ. އަދި ރިސޯޓުތަކުން ވެސް އަލަށް އެ ބަލި ޖެހިގެން ފެނުނީ 35 މީހެކެވެ.

އިތުރު ރަށްތަކުން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު:

- ހދ. ކުޅުދުއްފުށި: އެންމެ މީހެއް.

- މ. ވޭވަށް: 12 މީހެއް.

- ރ. ދުވާފަރު: ފަސް މީހެއް.

- ރ. މަޑުއްވަރި: ފަސް މީހެއް.

- އއ. ހިމަންދޫ: 11 މީހެއް.

ކޮވިޑް ބަލީގައި މިހާތަނަށް 226 މީހަކު ވަނީ ރާއްޖެ އިން މަރުވެފަ އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި މިހާރު އުމުރުން 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދެމުން އަންނައިރު، މިހާތަނަށް 300،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ.

ގިނަ ބަޔަކު ވެކްސިން ޖަހަން ބާރު އެޅުވުމުގެ ގޮތުން ސަރުކާރުން ވަނީ ވެކްސިން ނުޖަހާ މީހުންނަށް ދަތިކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައި، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވަރަށް ބޮޑެތި ލުއިތައް ވެސް ދީފަ އެވެ.