Roadha Mihaaru
ރިޒުން މުސާރަ ނުދިން ބިދޭސީންނަށް އަދިވެސް ނުފުރޭ!

ރިޒް ކުންފުނިން މުސާރަ ނުދިން ބިދޭސީން ގައުމަށް ނުފުރި ތާށިވެފައި!

14 ޑިސެމްބަރ 2020

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ރިޒް ކުންފުނިން އެތައް މަހަކު މުސާރަ ނުދީ ހާލުގައި ޖެއްސި ބިދޭސީންނަށް އެނބުރި ގައުމަށް ނުދެވި ހުޅުމާލެ ފެސިލިޓީއެއްގައި "ތާށިވެއްޖެ" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ރިޒް ކުންފުނިން އެތައް މަހަކު މުސާރަ ނުދީ ހާލުގައި ޖެއްސި ބިދޭސީންނަށް އެނބުރި ގައުމަށް ނުދެވި ހުޅުމާލެ ފެސިލިޓީއެއްގައި "ތާށިވެއްޖެ" އެވެ.

މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 170 ބިދޭސީން މުސާރައިގެ މައްސަލައިގައި މުޒާހަރާކުރުމުން އެއީ އެ ކުންފުނީގެ މުވައްޒަފުން ނޫން ކަމަށް ބުނެ ބޮޑުފިނޮޅަށް ދޫކޮށްލީ އެވެ. ފުލުހުން މެދުވެރިވެ، އެ ބިދޭސީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ވިޔަފާރި އުސޫލުން ބިދޭސީން ބައިތިއްބުމަށް ހިންގާ ފެސިލިޓީއަކަށް މިދިޔަ އޮގަސްޓް މަހު ބަދަލުކުރީ މުސާރަ މައްސަލަ ހައްލުވަންދެނެވެ.

އެ މީހުންނަށް މުސާރަ ނުފޮނުވި އެތައް މަހެއް ވުމުން ބަންގްލަދޭޝްގައި ތިބި އާއިލާތައް ވަނީ ހާލުގައި ޖެހިފަ އެވެ. އެހެންވެ ބިދޭސީން އާދޭސްކުރަނީ އެނބުރި ގައުމަށް ފޮނުވައިދޭށެވެ. އެކަން ހަމަޖައްސައިދޭން އެދި މުއައްސަސާތަކަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އަދި ހައްލެއް ނުލިބެ އެވެ.

ބޮޑުފިނޮޅު މައްސަލައިގައި ހިމެނޭ ބިދޭސީންގެ ފަރާތުން "މިހާރު" އަށް ވާހަކަ ދެއްކި ބިދޭސީއަކު ބުނީ އެނބުރި ގައުމަށް ދާން ފުލުހުންގެ ހުއްދަ ލިބިފައިވާ ކަަމަށެވެ. އެކަމަކު، މައްސަލަ ނުނިމެނީސް ނުފުރޭނެ ކަމަށް އެހެން މުއައްސަސާތަކުން ބުނާ ކަމަށެވެ.

"މުސާރަ ނުލިބުނަސް ދާން އެންމެން ބޭނުންވޭ. ފުލުހުންގެ ސިޓީ ވެސް ލިބިފައި އެބައޮތް ފުރޭނެ ކަމަށް. ފޮނުވައިދޭން އެދުނުތާ ވަރަށް ދުވަސްވެއްޖެ، ނުފުރެނީ ކީއްވެ ކަމެއް ނޭނގެ،" އޭނާ ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން އެ މީހުންނަށް ޓިކެޓް ނަގައި ފުރުވާލަން ހަމަޖައްސާފައި ވަނީ، އެނގިފައިވާ ގޮތުގައި، އިމިގްރޭޝަނަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާއިންނެވެ.

ބިދޭސީންގެ ހައްގު ހޯދައިދޭން މަސައްކަތް ކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރަށް ފުލުހުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ބިދޭސީން ފުރުން މަނާކުރަން އިކޮނޮމިކް މިނިސްޓްރީގައި އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ބިދޭސީއަކު ފުރާ ނަމަ ތިން ދުވަސްކުރިން މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްދޭން އިކޮނޮމިކް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ސިޓީގައިވެ އެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ ބިދޭސީންގެ ތެރެއިން 76 މީހަކަށް ރިޒް ކުންފުނިން މުސާރަ ދީފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ބިދޭސީންގެ ކަންބޮޑުވުމަކީ ގައުމަށް ނުދެވި ލަސްވުން ކަމަށާއި އެ މީހުން ފޮނުވާލުމަށް ފަހު ވެސް ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

"އެ މީހުންގެ ބޭންކް އެކައުންޓް ނަމްބަރު ވެސް ނަގައި، މައްސަލަ ނިމޭ ގޮތަކުން މުސާރަ ފޮނުވައިދޭނެ ކަމަށް އަޅުގަނޑުމެން މި އަންނަނީ ބުނަމުން،" ޝުނާނާ ވިދާޅުވި އެވެ.

"އެ މީހުންނަކީ ކުށްވެރިންނެއް ނޫން، ނުފުރި ހައްގެއް ނިގުޅައިގަނެވުން އެއީ ވެސް މައްސަލައެއް."

ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ)ގެ ޕްރޮގްރާމް އޮފިސަރު ހޫދު އައްބާސް "މިހާރު"އަށް ވިދާޅުވީ ބޮޑުފިނޮޅުގައި މަސައްކަތް ކުރި ބިދޭސީ މުވައްޒަފުން އެނބުރި ގައުމަށް ދިއުމާ މެދު އެތަނުން އެއްވެސް އިއުތިރާޒެއް ކޮށްފައި ނުވާނެ ކަމަށެވެ. އެ މުވައްޒަފުން ގައުމަށް ދާން ބޭނުންވާ ނަމަ އެކަމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އަނބުރާ ދިއުމަށް ވެސް ހުރަހެއް ނާޅާނެ ކަމަށް ވިދާޅުވި އެވެ.

"ބޮޑުފިނޮޅުގައި ތިބި ބިދޭސީން ފުރުން މަނާކޮށްފައިވާ ކަން ފުލުހުންގެ ފަރާތުން މި އޮތޯރިޓީއަށް އަދި މިހާތަނަށް އަންގާފައެއް ނުވޭ،" ހޫދު ވިދާޅުވި އެވެ.

މުސާރަ ނުދިން މައްސަލައިގައި، ބޮޑުފިނޮޅުގައި ދިވެއްސަކު ރަހީނުކޮށް، ފުލުހުންނާ ވެސް ކުރިމަތިލައި އެ ރަށުގެ ބައެއް ތަކެއްޗަށް ވެސް ބިދޭސީން ގެއްލުން ދިނެވެ. މި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރު ވެސް ކުރި އެވެ. މި މުޒާހަރާ އަށް ފަހު ހުޅުމާލެ އަށް އެ މީހުން ގެންނަން ޖެހުނީ ރިޒް ކުންފުނިން ހަވާލުވާން ދެކޮޅު ހެދުމުންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި، ސީލް ކުންފުނިން ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކުރީ އެ ކުންފުނީގެ އެންމެ 14 ބިދޭސީންނެވެ.

އެ ބިދޭސީން ހުޅުމާލެ އަށް ގެންދިޔައީ ސަރުކާރުން ބުނެފައިވާ ގޮތުގައި ކެއުންބުއިމަށް ހިނގާ ހަރަދު ރިޒް ކުންފުނިން ހަމަޖައްސައިދޭން އެއްބަސްވުމުންނެވެ.

ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ ބޮޑުފިނޮޅުގެ މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ ބިދޭސީންނަށް މަޖުބޫރުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ކަމަށެވެ. ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ބިދޭސީންގެ މުސާރަ ހަމަޖައްސައިދޭން ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ރިޒް ކުންފުންޏަށް އެންގި އެވެ. އެ އޮތޯރިޓީން އެންގީ ރިސޯޓު ހަދަން ރިޒް ކުންފުނިން ބޭތިއްބި 179 ބިދޭސީންނަށް މިދިޔަ އޮގަސްޓު މަސް ނިމުމުގެ ކުރިން މުސާރަ ދިނުމަށެވެ. އެކަމަކު އެ އެންގުމަށް ރިޒް ކުންފުނިން އަމަލެއް ނުކުރި އެވެ. މައްސަލަ ބަލަން ރިޒް ކުންފުނިން އެއްބާރުލުން ނުދިން ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމަށް އެލްއާރުއޭ އިން ބުނެފައިވިޔަސް ބިދޭސީންގެ ހައްގުގައި އެޅުނު ފިޔަވަޅެއް މިހާތަނަކަށް ނެތެވެ.

ބިދޭސީންނަށް މުސާރަ ދޭން އެންގި މައްސަލައިގައި ރިޒުން ބުނެފައި ވަނީ، މުސާރައިގެ މައްސަލަ ނިމިގެންދާން ޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބިދޭސީންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ނިމުމުންނެވެ.