Roadha Mihaaru
ރިޒްގެ މައްސަލަ ޓްރައިބިއުނަލުން ބަލައިގެންފި

ރިޒް ކުންފުންޏާ ގުޅޭ މައްސަލަ ޓްރައިބިއުނަލުން މަހެއް ފަހުން ބަލައިގެންފި

24 އޯގަސްޓް 2020

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް އެއްފަހަރާ މުސާރަ ދިނުމަށާއި އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން، ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އަމުރެއް ރިޒް ކުންފުނީގެ މައްޗަށް ނެރެދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ މަހެއް ފަހުން ބަލައިގަނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް އެއްފަހަރާ މުސާރަ ދިނުމަށާއި އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން، ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އަމުރެއް ރިޒް ކުންފުނީގެ މައްޗަށް ނެރެދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ މަހެއް ފަހުން ބަލައިގަނެފި އެވެ.

އެ ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިއަދު ބުނީ 200 މަސައްކަތްތެރިންގެ ފަރާތުން، ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރު ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލަ މިދިޔަ ބުދަ ދުވަހު ޓްރައިބިއުނަލްގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 15 ގައި ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވަން އަދި ތާވަލު ނުކުރާ ކަމަށް ބުންޏެވެ.

މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން މަސައްކަތް ކުރުވަން ގެންގުޅުނު އެ ބިދޭސީން ވަނީ މުސާރަ ނުދޭ މައްސަލައިގައި މިިދިޔަ ޖުލައި މަހުގެ ކުރީކޮޅު ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ބަޔަކު ރަހީނުކޮށް، މުދަލަށް ވެސް ގެއްލުން ދީފަ އެވެ. މި ހަމަނުޖެހުމާ އެކު، ފެށި ތަހުގީގުގައި ރިޒްގެ މައްޗަށް ވަނީ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.

ޕީއައިއެލްސީން ހުށަހެޅި މައްސަލައިގައި ވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށާއި މުސާރަ ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި ގައުމަށް އެނބުރިދާން އެދޭ މީހުންނަށް އެ އިންތިޒާމުތައް ރިޒް ކުންފުނިން ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

މި މައްސަލަތައް ޝަރުއީ މަރުހަލާގެ ބޭރުން ހައްލުކުރަން ރިޒް ކުންފުންޏާ ބައްދަލުކޮށް، މަޝްވަރާ ކުރިއަސް އެއްވެސް ހައްލެއް ލިިބިފައިނުވާ ކަމަށް ވަކީލުންގެ ޓީމުން ބުނެ އެވެ.

އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތްކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރެއިން ގަވައިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން ވަނީ ކުރިން ބުނެފަ އެވެ. މި ބިދޭސީންނަށް މުސާރަ ނުދެވި އޮތީ ބޮޑުފިނޮޅުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުންޏަސް ސީލް އިން ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ރިޒުން ބުނަމުން އަންނަނީ އެއީ ރިޒްގެ މުވައްޒަފުން ނޫން ކަމަށެވެ. އެހެންވެ އެ މީހުންނާ ހަވާލުވާން ވެސް ރިޒުން އިންކާރު ކުރުމުން ކޯޓުން އަމުރެއް ވެސް ނެރުނެވެ.

ބޮޑުފިނޮޅުން އެ ބިދޭސީން ބޭލުވުމަށް ފަހު އެ މީހުން ވަނީ ހުޅުމާލޭގައި ހުންނަ ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އެ މީހުންގެ ކެއުމާއި ތިބުމުގެ ޚަރަދު ބަލަހައްޓަނީ ރިޒް ކުންފުނިންނެވެ.