Roadha Mihaaru
ޔާސިރަށް ކުރި ތުހުމަތުތަކުގައި އަސާސެއް ނެތް: އާއިލާ

ޔާސިރަށް ކުރި ތުހުމަތުތަކުގައި އަސާސެއް ނެތް، ސުވާލެއް ވެސް ނުކުރޭ: އާއިލާގެ ވަކީލުން

04 އޯގަސްޓް 2020

ރާއްޖޭގައި ބަންދުކޮށްފައި ހުއްޓާ މަރުވި، ޔަމަންގެ ޔާސިރު ޔަހްޔާގެ މައްޗަށް ސަރުކާރުން ކުރި ތުހުމަތުތަކުގެ ހަގީގަތެއް ނެތް ކަމަށް އޭނާގެ އާއިލާގެ ވަކީލުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ބަންދުކޮށްފައި ހުއްޓާ މަރުވި، ޔަމަންގެ ޔާސިރު ޔަހްޔާގެ މައްޗަށް ސަރުކާރުން ކުރި ތުހުމަތުތަކުގެ ހަގީގަތެއް ނެތް ކަމަށް އޭނާގެ އާއިލާގެ ވަކީލުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް މާޗް، 2017 ގައި ޔާސިރު ޓެރަރިޒަމްގެ ތުހުމަތެއްގައި ހައްޔަރު ކުރި އެވެ. އޭގެ ފަހުން އެއްވެސް ތަހުގީގެއް އަދި ދައުވާއެއް ކުރުމެއް ނެތި ޔާސިރު ބަންދުކޮށްފައި ވަނިކޮށް، ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް ފަހު ޖެހުނު ސްޓްރޯކެއްގައި ހާލު ދެރަވެ، ފަރުވާ ދެމުން ދަނިކޮށް އޭނާ މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ. ޔާސިރު މަރުވީ، ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް ފަހު، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް ޖެހުނު ސްޓްރޯކެއްގަ އެވެ.

އޭނާ ދިވެއްސަކާ ކައިވެނިކޮށް، ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ޔާސިރު ހައްޔަރުކުރީ އަލްގައިދާއާ ގުޅުން ކަމަށް ބޭރުގެ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ ކަމަށާއި އޭނާ ރާއްޖެ އިން ފުރުމުގެ ފުރުސަތު ދިނުމުން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން، ޔާސިރުގެ އާއިލާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ އަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށް ސަރުކާރުން ބުނާއިރު، 2014 ވަނަ އަހަރު ރާއްޖެ އައި ފަހުން ތިން އަހަރު ވަންދެން ދޫކޮށްލާފައިވާ ކަމަށާއި އެ ތުހުމަތުތަކުގެ އަސާސެއް ނެތް ކަން އެކަމުން އެނގޭ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން 2017 ވަނަ އަހަރު ޔާސިރު ހައްޔަރު ކުރުމަށް ފަހު، އެއްވެސް ތަހުގީގެއް އަދި ދައުވާއެއް އުފުލާފައި ނުވުމަކީ ވެސް ތުހުމަތުތަކުގައި އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"ޔާސިރު ޔަހްޔާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން ވެސް އޮޅުން ފިލުވައި ދީފައި ނުވާއިރު އަދި އެ ތުހުމަތާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައި ނުވުމަކީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް،" ވަކީލުންގެ ބަޔާނުގައި ބުންޏެވެ.

ވަކީލުން ބުނިގޮތުގައި، އެއްވެސް ތަފްސީލެއް ދިނުމެއް ނެތި ޔާސިރު ފުރައިގެން ދާން ރާއްޖޭގެ އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް އެންގިއިރު، އޭނާގެ އަނބިމީހާ އިނީ ބަލިވެ އެވެ. އަދި އަނބިމީހާ ވިހެއުމަށް ފަހު، ފުރައިގެން ދާނެ ކަމަށް ޔާސިރު އިމިގްރޭޝަނަށް އެންގި ކަމަށް ވަކީލުންގެ ބަޔާނުގައި ވެ އެވެ. އެކަމަކު، ފަހުން ޔާސިރުގެ ވިސާ ކެންސަލްކޮށް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަނުން އޭނާ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން، ޔާސިރު ރާއްޖެ އިން ފުރުވައިލުމަށް އޭނާ އެއްބާރުލުން ނުލިބުނު ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ވެސް ހަގީގަތާ ޚިލާފް ވާހަކަ އެކެވެ. ޔާސިރު ފުރުވުމަށްޓަކައި ބޭނުންވާ ލިޔުންތައް ހަމަކުރަން އާއިލާ އިން މަސައްކަތްކުރި ކަމަށް ބަޔާނުގައިވެ އެވެ. އަދި އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރީ ގާނޫނާ ޚިލާފަށް ބަންދު ކުރުމުގެ އިތުރަށް، ބަންދުގައި ހުންނައިިރު ލިބެންޖެހޭ ހައްގުތައް ނުދޭތީ ކަމަށާއި އެކަން ކަމާބެހޭ އިދާރާތަކާއި އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވަކީލުން ބުނެ އެވެ.

"އެ ހަޅުތާލުތައް ޔާސިރު ފަށާފައިވަނީ ފާއިތުވި މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލް ދިނުން ހުއްޓާލުމުންނެވެ. މި ހައްގުތައް ނުލިބޭ ކަމުގެ ޝަކުވާ ކުރުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޔާސިރު ޔަހްޔާ އަށް އެ ހައްގުތައް ނުލިބެނީ އޭނާއަކީ ބިދޭސީއަކަށްވުމުން ކަމަށް ކަރެކްޝަނަލް ސާވިސްގެ ލީގަލް އޮފިސަރު ވަނީ ޔާސިރު ޔަހްޔާގެ އާއިލާއަށް އަންގައިފަ އެވެ." ބަޔާނުގައިވެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޔާސިރު މަރުވުމުން އޭނާއަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް އަދި ދިފާއުވުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި އެފަދަ ތުހުމަތެއް އެޅުވުމަކީ އިންސާނީ ކަރާމާތާ ޚިލާފު ކަމެއް ކަމަށް ވަކީލުން ބުންޏެވެ. އެކަން ކުރީ އޭގެ ސަބަބުން އޭނާގެ އަންހެނުންނާއި ދަރިފުޅަށް ކުރިމަތިވެދާނެ އަސަރަކަށް ބެލުމެއް ނެތި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޔާސިރުގެ އާއިލާ އަށް އިންސާފު ހޯދައި ދިނުމަށް ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ހުުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވަކީލުން ބުންޏެވެ.