Roadha Mihaaru
ވެންޓިލޭޓަރުތައް ލަސްވަނީ ފުލް ޕޭމަންޓަށް އެދޭތީ

ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ ފުލް ޕޭމަންޓަށް ޑިމާންޑް ކުރާތީ: އެޗްއީއޯސީ

05 އޯގަސްޓް 2020

ދުބާއީގެ ކުންފުންޏަކުން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރު ގެނައުން ލަސްވަނީ ވެންޓިލޭޓަރުތަކުގެ ފުރިހަމަ އަގު އެއްކޮށް ދެއްކުމަށް އެ ކުންފުނިން ޑިމާންޑް ކުރާތީ ކަމަށް އެޗްއީއޯސީން މިރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ދުބާއީގެ ކުންފުންޏަކުން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރު ގެނައުން ލަސްވަނީ ވެންޓިލޭޓަރުތަކުގެ ފުރިހަމަ އަގު އެއްކޮށް ދެއްކުމަށް އެ ކުންފުނިން ޑިމާންޑް ކުރާތީ ކަމަށް އެޗްއީއޯސީން މިރޭ ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ވެންޓިލޭޓަރުތައް ނުގެނެވި ލަސްވެފައި ވަނީ އެ ތަކެތީގެ ފުރިހަމަ އަގު އެއްކޮށް ދައްކަން ދުބާއީ ކުންފުނިން އެދެމުންދާތީ ކަމަށެވެ. ނަމަވެސް އެގޮތަށް ނުހަދައި ފައިސާގެ ކަންކަން ނެގޯޝިއޭޓް ކުރުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ރިކޮމެންޑޭޝަންގައި ހިމެނޭ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާ އެވެ.

ވެންޓިލޭޓަރުތަކުގެ އަގުން 75 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 10 ވެންޓިލޭޓަރަކީ ވެސް ކޮވިޑް-19ގެ ފަރުވާ އަށް ބޭނުންކުރުމަށް ޝަރުތު ހަމަވާ ވެންޓިލޭޓަރުތަކެއް ނޫނެވެ.

މި ވެންޓިލޭޓަރުތައް އެންމެ ލަސްވެގެން ވެސް މިދިޔަ މޭ މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް ދެ މަސް ފާއިތުވެފައިވާއިރު އަދިވެސް ވެންޓިލޭޓަރުގެ މާބޮޑު އަޕްޑޭޓެއް ލިބިފައެއް ނުވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ފެށި ތައްޔާރީތަކުގައި އެކި ކުންފުނިތަކުން 149 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކޮށްފައި ވެއެވެ. އެއީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 50 ވެންޓިލޭޓަރާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރެވެ.

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭނެ 124 ވެންޓިލޭޓަރު މިހާރު ވެސް ރާއްޖޭގައި އެބަހުރި ކަމަށް އެޗްއީއޯސިން ވަނީ ބުނެފަ އެވެ.