Roadha Mihaaru
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ

ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކަށް ނުހުރެވޭނެ: ޑރ. ނަޒްލާ

01 ސެޕްޓެމްބަރ 2020

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކަށް ނުހުރެވޭނެ ކަމަށާއި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނީ ގަވައިދުތަކާ އެއްގޮތަށް ވީހާ ވެސް ގިނަ ބަޔަކު އަމަލުކޮށްގެން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކަށް ނުހުރެވޭނެ ކަމަށާއި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނީ ގަވައިދުތަކާ އެއްގޮތަށް ވީހާ ވެސް ގިނަ ބަޔަކު އަމަލުކޮށްގެން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފުލުހުން ފިޔަވަޅުތައް އަޅަނީ އެއްވެސް މީހަކު ކުށްވެރި ކުރުމުގެ މަގުސަދުގައި ނޫން ކަމަށެވެ. ފަރުދީ ޒިންމާ އަދާކުރުމުގެ ވާހަކަ، ކަމާ ބެހޭ ފަރާތްތަކުން އަބަދު ދައްކާކަމަށް އާއްމުން ބުނާ ކަމަށާއި އެގޮތަށް އެ ވާހަކަ ދައްކަނީ ވެސް ކަމުގެ މުހިއްމުކަމުން ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފުލުހުން ވެސް އެންމެ ފުރަތަމަ ދެނީ ނަސޭހަތެވެ. ފިޔަވަޅު އަޅަނީ ދެ ވަނަ ފަހަރަށް އެކަން ތަކުރާރުކުރުމުން ކަމަށާއި އުސޫލުތަކާ ހިލާފަށް ބޭރުގައި އުޅޭ ނަމަ އެކަމަށް ފުލުހުން އެޓެންޑުކުރިއަސް ހުރިހާ ވަގުތެއްގައި ފުލުހުން ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަންފީޒީ އެހެން އިދާރާތަކާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގެ ވޮލެންޓިއަރުން ހިމަނައިގެން ވެސް ކޮންމެ މީހެއްގެ ފަހަތުގައި މީހަކު ބަހައްޓައިގެން އުސޫލު ތަންފީޒެއް ނުކުރެވޭނެ އެވެ.

"ކޮންމެ ފަހަރަކު، ކޮންމެ ބޭފުޅެއްގެ ފަހަތުގައި ފުލުސް ބޭފުޅަކަށް ނުއެއް ހުރެވޭނެ މަގުމައްޗަށް ނުކުންނަ ކޮންމެ ފަހަރަކު ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެންތޯ ތިބެނީ ބައްލަވާކަށް. ފުލުހުންގެ އިތުރުން އެހެން ތަންފީޒީ އިދާރާތަކުން އެންމެން އެއްކޮށް ވެސް، އެމްއާރުސީ ވޮލެންޓިއާސް ލައިގެން ވެސް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ހަމަ އެކަމެއް އިނގޭތޯ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުސޫލުތަކަށް އަމަލުނުކުރާ މީހުން އެ ހިލާފުވަނީ ހަމައެކަނި އެޗްޕީއޭގެ ގައިޑްލައިންތަކަށް އެކަންޏެއް ނޫނެވެ. އެފަދަ މީހުން އެ ވައްޓާލަނީ އޭނާގެ އާއިލާ އާއި ރައްޓެހިންނާއި އޮފީހުގައި އެއްކޮށް މަސައްކަތްކުރާ މީހުން ވެސް ނުރައްކަލަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމާއަށް ބަލި ޖެހުމަށް ފަހު ގޭގައި ބޭރަށް ނުނިކުމެ ތިބި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މަންމަ އާއި މާމައާ ހުރިހާ ބޭފުޅުންނަށް ވެސް ހަމަ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ. އެއްކޮށް ކޮފީއަށް ވަޑައިގަންނަވާ ރައްޓެހިންނަށް ވެސް ހަމަ، ބައްދަލުވާ ރައްޓެހިންނަށް ވެސް ހަމަ މާސްކް ނާޅާ މަގުމަތިން ވާހަކަދައްކާ ރައްޓެހިންނަށް ވެސް ހަމަ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. ނަޒްލާ (މ) އާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ސަމީރު އަދި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ހިމްޔާ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެޗްއީއޯސީ

އެޗްއީއޯސީގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. ނަޒްލާ (މ) އާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ސަމީރު އަދި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ހިމްޔާ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެޗްއީއޯސީ

"އެހެންވީމަ އެގޮތަށް އޮފީސް ތެރޭގައި އަމަލުކުރާ ކަމުގައި ވަންޏާ އޮފީސް ތެރޭގައި ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ. އަޅުގަނޑު ދަންނަވާނީ އެގޮތަށް އަމަލުކުރައްވާ ކަމުގައި ވަންޏާ ކަނޑައެޅިގެން ތިމާގެ ގާތް މީހުންނަށް އަދި ލޯބިވާ މީހުން ބައްޔަށް ހުށަހަޅަން ނުރައްކަލަކަށް އެ ވައްޓާލެވެނީއޭ. އެގޮތަށް އަމަލުނުކުރަން މި ދަންނަވަނީ."

ކުރީގައި ގެންގުޅުނު އުސޫލުތަކަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްގެން އަޅުގަނޑުމެންނަށް މިކަން ރަނގަޅުކުރެވޭނީ- ނަޒްލާ

މާސްކް ނާޅައި މީހަކު ފިހާރައަކަށް ހިނގައްޖެ ނަމަ އެ މީހަކު މާސްކް އަޅަން ބުނުން ނުވަތަ މާސްކް ނާޅާކަމުގައިވާ ނަމަ ހިދުމަތް ނުދޭން ބުނެ، ކަމާ ބެހޭ ފަރާތްތަކުން ހަދާފައިވާ އުސޫލުތައް ތަންފީޒުކުރުމަކީ ހިދުމަތް ދޭ ފަރާތްތަކުގެ ވެސް ޒިންމާއެއް ކަމަށް، އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން އެއްވެގެން މިކަން ކުރެވޭނީ. ފުލުހުންނަށް ވަރަށް ބޮޑު ފޯސް އެ އެކްސްޕެންޑް ކުރެވެނީ މިކަންކަން ތަންފީޒުކުރުމަށް. އެހެން ނަމަވެސް މިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީީ ވީހާ ވެސް ގިނަ ބަޔަކު އަޅުގަނޑުމެން މި އަޅާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކޮށްގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވީހާ ވެސް ގިނަ ބަޔަކު ގަވައިދާ އެއްގޮތަށް އަމަލުކުރާ ކަމުގައިވާ ނަމަ ވީހާ ވެސް އަވަހަކަށް ކޭސްތައް ކޮންޓްރޯލްކުރެވޭނެ ކަމަށެވެ.

"ކުރީގައި ގެންގުޅުނު އުސޫލުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްގެން އަޅުގަނޑުމެންނަށް މިކަން ރަނގަޅުކުރެވޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އިހަށްވުރެ ބޮޑަށް އަޅުގަނޑުމެން ހަމަ ކެތްތެރިވާން އެބަ މަސައްކަތްކުރަން ޖެހޭ. މިކަހަލަ ދަތި ދުވަސްވަރެއްގައި އަޅުގަނޑުމެން ކުރިން އުޅުނު ދިިރިއުޅުމުގައި ކުރިން އުޅުނު ފަސޭހަތަކުގައި ނޫޅެވޭނެ. އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެބަހުރި ބައިވަރު ރިސްޓްރެކްޝަންސް ތަކެއް މިހާރު."

ޓްރެފިކް ޕޮލިސްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް އާއްމުންގެ މަސައްކަތު ގަޑިތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ. ރޭގަނޑު 9:30 ގައި ފިހާރަތައް ބަންދުކުރާކަން އެނގޭއިރު ވެސް ވަގުތު ޖެހުމުގެ ފަސް މިނެޓް އޮއްވައި ވެސް ބޭނުންވާ އެއްޗެހި ގަންނަން ފިހާރައަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ރޭގަނޑު 8:00ގެ ފަހުން ވެހިކަލް ދުއްވައިގެން މިހާތަނަށް 1،905 މީހަކަށް ނަސޭހަތް ދީފައި އެވެ. އޭގެ ތެރެއިން 274 މީހުން ޖޫރިމަނާކުރި އެވެ. މާސްކް ނާޅައިގެން 2،901 މީހުންނަށް ނަސޭހަތްދީ 1،188 މީހުން ޖޫރިމަނާކޮށްފައިވެ އެވެ. މަނާ ވަގުތުގައި ބޭރުގައި އުޅެގެން 3،813 މީހަކަށް ނަސޭހަތްދީ، އޭގެ ތެެރެއިން 1،580 މީހަކު ޖޫރިމަނާކުރި އެވެ.

ސަމީރު ވިދާޅުވީ އެ އަދަދުތައް އިތުރުވުމަކީ ފުލުހުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.