Roadha Mihaaru
ކޮވިޑް ޖެހިގެން އައިސީޔޫގައި އަށް މީހަކަށް ފަރުވާދެނީ

ކޮވިޑް ޖެހިގެން އައިސީޔޫގައި އަށް މީހަކަށް ފަރުވާދެނީ

06 އޯގަސްޓް 2020

ކޮވިޑް-19 ޖެހިގެން ހާލު ބޮޑުވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން އަށް މީހަކު ބާއްވާފައި ވަނީ އައިސީޔޫގައި ކަމަށާއި އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ޖެހިގެން ހާލު ބޮޑުވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން އަށް މީހަކު ބާއްވާފައި ވަނީ އައިސީޔޫގައި ކަމަށާއި އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް، މީޑިއާ ބްރީފިންގައި ވިދާޅުވީ، މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 110 މީހަކަށް ކަމަށެވެ.

ހާލު ބޮޑުވެގެން އައިސީޔޫގައި ފަރުވާދޭ އަށް މީހުންގެ ތެރެއިން ހަ މީހަކު ބާއްވާފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށާއި ބާކީ ދެ މީހުން ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11 ގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ވެންޓިލޭޓަރުގައި އޮތް މީހާ އަށް ފަރުވާ ދެނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-16 ފެސިލިޓީގައި ކަމަށެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 85 މީހަކަށް ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެކަކު، ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ވެސް އެކަކަށް ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 4،595 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 2،706 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާދެމުން އަންނަނީ 1،854 މީހަކަށެވެ. އަދި 19 މީހުން ވަނީ މަރުވެފަ އެވެ.

މާލޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި އިރު މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ނަމަވެސް ލޮކްޑައުން އަށް ލުއިތައް ދީ، އާންމުކޮށް ތަންތަން ހުޅުވައިލި ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވެ، ދިވެހިންގެ އަދަދު މިހާރު ވަނީ ގިނަ ވެފަ އެވެ. މިހާތަނަށް 2،410 ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ލޮކްޑައުންގެ ލުއިތަކާ އެކު، ރާއްޖޭގައި ކޮވިޑް ފެތުރޭ ވަރު މައްޗަށް ދާތީ އަނެއްކާ ވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދު އަދި ބަލި ޖެހިފައިވާ އެހެން މީސްމީހުން ތިބި ރަށްރަށުގައި މާސްކު އަޅަން މަޖުބޫރު ކުރުމާއި މާލެ ސަރަހައްދުގެ ސްކޫލްތައް ދެ ހަފުތާ އަށް ބަންދު ކުރުމާއި މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުން ހިމެނެ އެވެ. އަދި މާލޭ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުތެރެއަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. މާލޭ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކާއި ފިހާރަތައް ވެސް ކޮންމެ ރެއެއްގެ 9:30 އިން ފެށިގެން މިހާރު ބަންދެވެ.