Roadha Mihaaru
ހިތަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

ހިތަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

10 އޯގަސްޓް 2020

އައްޑޫ ހިތަދޫން އިއްޔެ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ އަވަށަށް އަރައިފޭބުން މަނާކޮށް، މޮނިޓަރިންގެ ހާލަތަށް ގެނައުމަށް ފަހު އެކަން މިއަދު އެޗްޕީއޭ އިން އުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫން އިއްޔެ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ އަވަށަށް އަރައިފޭބުން މަނާކޮށް، މޮނިޓަރިންގެ ހާލަތަށް ގެނައުމަށް ފަހު އެކަން މިއަދު އެޗްޕީއޭ އިން އުވާލައިފި އެވެ.

އައްޑޫގެ އެންމެ އާބާދީ ބޮޑު އަވަށް މޮނިޓަރިންގެ ހާލަތަށް އިއްޔެ ގެނައި ފަހުން ރޭ ވެސް އަންހެނަކު އެ އަވަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އިއްޔެ އެ ރަށުން ޕޮޒިޓިވްވީ ބިދޭސީއެކެވެ.

މިކަމާ ގުޅިގެން ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމަށް ފަހު، މިއަދާއި މާދަމާ ހިތަދޫގެ ސްކޫލްތަކުގެ ކިޔެވުން ވެސް ބަންދުކޮށްފައިވެ އެވެ.

މޮނިޓަރިންގެ ހާލަތު އުވާލައި އެޗްޕީއޭ އިން ނެރުނު ނޯޓިސްގައި ބުނީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އިތުރަށް އެކަން ދަމަހައްޓަން ޖެހޭ ސަބަބެއް މި ވަގުތު ނެތުމުން ހިތަދޫގެ މޮނިޓަރިންގެ ހާލަތު އުވައިލީ ކަމަށެވެ.

ފަނަރަހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އާންމުންގެ ތެރޭގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އުފެދުނެވެ.

ހިތަދޫ އިއްޔެ މޮނިޓަރިން އަށް ލި އިރު، ހޮނިހިރު ދުވަހުގެ ރޭ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ.