Roadha Mihaaru
"ދެން އޮތީ ތަށި މިލްކުކުރާނެ ޓީމެއް އެކުލަވާލުން"

ދެން އޮތީ ތަށި މިލްކުކުރަން ޓީމެއް އެކުލަވާލުން: ޝާކިއްޓޭ

25 އޮކްޓޯބަރ 2016

ޔޫތު ޗެމްޕިއަންޝިޕް ޖެހިޖެހިގެން ދެ ފަހަރު ކާމިޔާބުވުމާ އެކު ދެން އޮތީ މި މުބާރާތުގެ ތަށި މިލްކުކުރަން ވަރުގަދަ ޓީމެއް އެކުލަވާލުން ކަމަށް އީގަލްސްގެ ޔޫތު ޓީމުގެ ކޯޗު އަދި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޔޫތު ޗެމްޕިއަންޝިޕް ޖެހިޖެހިގެން ދެ ފަހަރު ކާމިޔާބުވުމާ އެކު ދެން އޮތީ މި މުބާރާތުގެ ތަށި މިލްކުކުރަން ވަރުގަދަ ޓީމެއް އެކުލަވާލުން ކަމަށް އީގަލްސްގެ ޔޫތު ޓީމުގެ ކޯޗު އަދި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

އީގަލްސް އިން އެންމެ ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2014 ވަނަ އަހަރުގަ އެވެ. އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މި އަހަރު މި މުބާރާތް ބޭއްވިއިރު، އީގަލްސް އިން މި ވަނީ ތަށި ދިފާއުކޮށްފަ އެވެ. އީގަލްސް އިން އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބުކުރި ސްކޮޑުން މި ފަހަރު މަދުވަނީ ހަތަރު ކުޅުންތެރިއެކެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ މުބާރާތުގައި އީގަލްސް އިން ކުޅެން ޖެހޭނީ މި ފަހަރުގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނެތި އެވެ.

"ދެން އޮތީ އެންމެ ބުރަ މަސައްކަތް. އެއީ ތަށި މިލްކުކުރަން މަސައްކަތް ފެށުން. މި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް އަންނަ ފަހަރު ނުކުޅެވޭނެ. ދެން އަންނަ ފަހަރަށް ރަނގަޅު ޓީމެއް އެކުލަވާލައިގެން ނޫނީ ކާމިޔާބު ހޯދަން އުނދަގޫވާނެ. އެއީ އެހެން ޓީމުތައް ވެސް ނުކުންނާނީ ވަރުގަދަ ކޮށްގެން،" ޝާކިއްޓޭ ބުންޏެވެ.

އީގަލްސް އިން މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރިއިރު ޓީމަށް މޮޅު ކުޅުމެއް ދެއްކި ހުސެއިން ޝިފާއު ޔޫސުފާއި އަންސަރު އިބްރާހިމް (އަންކޮ)ގެ އިތުރުން އަހުމަދު ރިޒުވާން (ރިޒޭ) އަށް އުމުރު ހަމަވުމުގެ ސަބަބުން އަންނަ އަހަރުގެ މުބާރާތުގައި ނުކުޅެވޭނެ އެވެ.

އީގަލްސް ސީނިއާ ޓީމުގެ ކޯޗު ސާންތީ (ވ) އާއި ޔޫތު ޓީމުގެ ކޯޗު ޝާކިއްޓޭ.-- ފޮޓޯ: އީގަލްސް

އީގަލްސް ސީނިއާ ޓީމުގެ ކޯޗު ސާންތީ (ވ) އާއި ޔޫތު ޓީމުގެ ކޯޗު ޝާކިއްޓޭ.-- ފޮޓޯ: އީގަލްސް

އޭނާ ބުނީ މި ފަހަރު އީގަލްސް އިން މި މުބާރާތް ކާމިޔާބުކުރީ ހިތްވަރު އެލުވައިނުލާ އެންމެ ފަހު މެޗާ ހަމައަށް ކުރި ހިތްވަރުން ކަމަށެވެ.

"ސާންތީ އަށް ހާއްސަ ޝުކުރެއް އަދާކުރަން"

އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެ ފަހަރު ވެސް މުބާރާތުގެ މޮޅު ކޯޗަކީ ޝާކިއްޓޭ އެވެ. ޝާކިއްޓޭ ބުނީ ކޯޗިން ކެރިއަރުގައި އޭނާ އަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި ވެސް އީގަލްސްގެ ސީނިއާ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ދައުރު ބޮޑު ކަމަށެވެ.

"އަޅުގަނޑަށް މި ކާމިޔާބީތައް ހާސިލްކުރެވުނު ނަމަވެސް މީގައި ސާންތީ އަށް ހާއްސަ ޝުކުރެއް އަދާކުރަން. އެއީ މި ޓީމު އެކުލަވާލައި ޓީމަށް ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ސާންތީގެ ފަރާތުން ލިބޭ. ސާންތީގެ އެހީތެރިކަން ނުލިބި މި ކާމިޔާބީ ލިބޭނެއެކޭ އަޅުގަނޑެއް ނުބުނާނަން،" ޝާކިއްޓޭ ބުންޏެވެ.

ސާންތީ ބުނީ ޝާކިއްޓޭ އަކީ މުސްތަގުބަލުގައި ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ގާބިލުކަން ހުރި ކޯޗެއް ކަަމަށާއި އީގަލްސް ސީނިއާ ޓީމުގައި ސާންތީ ނެތް ދުވަހަކު އެންމެ ފެނުން ގާތީ ޝާކިއްޓޭ ކަމަށެވެ.