Roadha Mihaaru
އީގަލްސްއަށް ފަސޭހަ މޮޅެއް، ސަސްއިން މާޒިޔާ ބަލިކޮށްފި

އީގަލްސް އަށް ފަސޭހަ މޮޅެއް، ސަސް އިން މާޒިޔާ ބަލިކޮށްފި

27 ޖެނުއަރީ 2022

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ފަސޭހަކަމާ އެކު ކްލަބް އީގަލްސް އިން މިއަދު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މިރޭ މާޒިޔާ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ފަސޭހަކަމާ އެކު ކްލަބް އީގަލްސް އިން މިއަދު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މިރޭ މާޒިޔާ ބަލިކޮށްފި އެވެ.

އީގަލްސް އިން މިއަދު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ވާދަކޮށް މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ. އެޓީމުން ފުރަތަމަ ހާފް ނިންމާލީ ތިން ލަނޑުގެ ލީޑަކާ އެކު އެވެ. މެޗުގެ 35 ވަނަ މިނިޓުގައި މިޖްދާފް އަބްދުލް މަޖީދު އީގަލްސްގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު އޭގެ ދެ މިނިޓު ފަހުން ދެވަނަ ލަނޑު ޖަހައިދިނީ އަބްދުﷲ އިޔާދު މުހައްމަދެވެ. ހާފު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ރިޝާން އެވެ.

ދެވަނަ ހާފުގައި އީގަލްސްގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޝަރީފް މުހައްމަދާއި ކެޕްޓަން ހުމައިދު ހުސެއިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝަރީފް ވަނީ ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސްގެ ސީނިއާ ޓީމުގައި ހިމެނިގެން ބައެއް މެޗުތަކުގެ ފުރަތަމަ 11 އިން ވެސް ޖާގަ ހޯދައިފަ އެވެ. އީގަލްސްގެ ފަހު ލަނޑު ޖަހައިދިން ހުމައިދު ވަނީ ޕްރެޒިޑެންޓްސް ކަޕުގައި އީގަލްސް އިން ފަހު ވަގުތު ގްރާންޑޭ ބަލިކުރި ލަނޑު ވެސް ޖަހައިދީފަ އެވެ.

ހަވީރު ކުޅުނު މެޗުގައި ހުމެއިދު އީގަލްސްގެ ފަހު ލަނޑު ޖެހުމަށް ފަހު ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ހަވީރު ކުޅުނު މެޗުގައި ހުމެއިދު އީގަލްސްގެ ފަހު ލަނޑު ޖެހުމަށް ފަހު ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

މިއީ ފަސް ޓީމު ހިމެނޭ ގުރޫޕް އޭގައި ހިމެނޭ ދަ ގްރާންޑޭ މި އަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެވެ.

ފުރަތަމަ މެޗުގައި އީގަލްސް އަތުން 1-0 އިން ބަލިވި ސުޕަ ޔުނައިޓެޑް މިރޭ މާޒިޔާ ބަލިކުރީ 1-0 އިންނެވެ. ސަސް މޮޅުވި ލަނޑު 62 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ މުތާއު މުހައްމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސަސްގެ އަހުމަދު އައިހަމް މޫސާ އެވެ.

މި ނަތީޖާއާ އެކު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން އީގަލްސް އޮތީ މި ގުރޫޕުގެ އެއްވަނައިގަ އެވެ. މާޒިޔާ ދެވަނައިގައި އޮތްއިރު ސަސް އޮތީ ތިންވަނައިގަ އެވެ. މި ދެ ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާ ކުޅޭނީ ގުރޫޕް ބީގެ ދެ މެޗެވެ. ހަވީރު ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލު ކުރާއިރު މާދަމާ ރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.