Roadha Mihaaru
އެތުލެޓިކޯ އަކީ ފޭވަރިޓެެކޭ ބުނާތީ އުފާކުރަން: ސިމިއޯނީ

އެތުލެޓިކޯ އަކީ ފޭވަރިޓެެކޭ ބުނާތީ އުފާކުރަން: ސިމިއޯނީ

13 އޯގަސްޓް 2020

ލިޒްބަން (އޮގަސްޓް 13) - އެތުލެޓިކޯ މެޑްރިޑަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލެވޭނެ ފެންވަރުގެ ޓީމެއްގެ ގޮތުގައި ދެކި އެ ޓީމަކީ ފޭވަރިޓެކޭ ފުޓްބޯޅައިގެ މީހުން ބުނާތީ އެކަމާ އުފާކުރާ ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

ލިޒްބަން (އޮގަސްޓް 13) - އެތުލެޓިކޯ މެޑްރިޑަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލެވޭނެ ފެންވަރުގެ ޓީމެއްގެ ގޮތުގައި ދެކި އެ ޓީމަކީ ފޭވަރިޓެކޭ ފުޓްބޯޅައިގެ މީހުން ބުނާތީ އެކަމާ އުފާކުރާ ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

އެތުލެޓިކޯ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ގަދަ 16 ޓީމުގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލައިފަ އެވެ. މިއީ ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވި ފަހުން ދެ ލެގުގެ ޔޫރަޕް ޓައި އަކުން ލިވަޕޫލް ކެޓި ފުރަތަމަ ފަހަރެވެ. އެތުލެޓިކޯގެ ކޯޗުކަމާ ސިމިއޯނީ ހަވާލުވެ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުން އެ ޓީމު ކަޓާފައިވަނީ އިދިކޮޅުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރި ޓީމެއް އަތުންނެވެ. މި ވަގުތު ރޮނާލްޑޯ ހުރި ޔުވެންޓަސް މިހާރު ވަނީ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު އެތުލެޓިކޯ ކޮޅަށް ބުރަވާ ސަބަބުތަކެއް ހުރި ނަމަވެސް ސިމިއޯނީގެ ނަޒަރުގައި މިހާރު އޮތް ފޯމެޓުން ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

"އަހަރެން އުފާވޭ ގިނަ ބަޔަކު މި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އެތުލެޓިކޯ ނަގާތީ. އެކަމަކު ވިސްނަން ޖެހޭ ކަމަކީ އަހަރެމެން ލިވަޕޫލް އަތުން މޮޅުވި މެޗަށް ވެސް 100 އަށް ވުރެން ގިނަ ދުވަސްވެއްޖެ. އެއީ މާޒީވެ ގޮސްފައި އޮތް ކަމެއް. ދެން އަނެއްކޮޅުން ބަލާއިރު މީގެ މިހާރު މި އޮތް ފޯމެޓުން އެންމެ މެޗެއް ގޯސްކޮށްދިޔަސް މުބާރާތުން ކެޓީ،" މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިމިއޯނީ ބުންޏެވެ.

ޗެމްޕިއަންސް ލީގަށް ތައްޔާރުވަމުން ދަނިކޮށް އެތުލެޓިކޯ އަށް ދިމާވި އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ޓީމުގެ ދެ ކުޅުންތެރިއަކު ނުލައި މެޗުތަކަށް އަންނަން ޖެހުމެވެ. ޕޮޒިޓިވްވި ދެ ކުޅުންތެރިއަކީ ސީމް ވިސާލްކޯ އާއި އެންހެލް ކޮރެއާއާ އެވެ.

އެތުލެޓިކޯ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2014 އާއި 2016 ވަނަ އަހަރު ވާދަކޮށްފަ އެވެ. އަދި ސިމިއޯނީގެ ކޯޗުކަމުގައި 2012 އާއި 2018 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރި އެވެ. މި ކަންތައްތަކަށް ވިސްނާ ތަޖުރިބާ ނަޒަރުން ބަލާއިރު އެތުލެޓިކޯ އަށް އެޑްވާންޓޭޖް އޮތް ކަމަށް ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން ގަބޫލުކުރެ އެވެ.

"ޔޫރަޕްގެ މުބާރާތްތަކުގެ ތާރީހަށް ބަލާއިރު އެތުލެޓިކޯ އަށް ތަޖުރިބާގެ އެޑްވާންޓޭޖް އެބައޮތް. އެކަމަކު އެއީ ދެ ލެގުގެ ނޮކައުޓް ބުރެއްގައި ކުރިއަށް ގޮސްގެން. އަހަރެމެންނަށް މިހާރު އޮތް ހިތްހަމަ ޖެހުމަކީ އެއް ލެގުގައި ކޮންމެ ގޮތެއް ވެސް ވެދާނެ. މިހާރު އޮންނާނީ މެޗު ވަގުތުގައި ރަނގަޅަށް ކުޅުން،" ނާގަލްސްމަން ބުންޏެވެ.

އަލުން ޗެމްޕިއަންސް ލީގާ ކުރިމަތިލާއިރު ލައިޕްޒިގަށް އޮތް ކަންބޮޑުވުމަކީ މި މުބާރާތުގެ ކުރީބައިގައި އެ ޓީމަށް ކުޅުނު ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ޗެލްސީ އަށް ބަދަލުވެފައިވުމެވެ. ނާގަލްސްމަން ބުނީ ވާނާ ހުރިނަމަ ޓީމު ފުރިހަމަވާނެކަން ޔަގީންކަމަށާއި އޭނާ ނެތުމުން އެއީ ޝަކުވާ އަކަށް ހަދައިގެން އެ ވާހަކަ ނުދައްކާނެ ކަމަށެވެ.

އެތުލެޓިކޯ އާއި ލިޕްޒިގު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީގައި ކުޅޭނީ ޕީއެސްޖީއާ ދެކޮޅަށެވެ. ޕީއެސްޖީ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި އެޓަލަންޓާ ބަލިކުރުމަށް ފަހު އެވެ.