Roadha Mihaaru
ޗެލްސީ މެޗަކީ އެތުލެޓިކޯ އަށް މަރުގެ މެޗެއް: ސިމިއޯނީ

ޗެލްސީ މެޗަކީ އެތުލެޓިކޯ އަށް މަރުގެ މެޗެއް: ސިމިއޯނީ

05 ޑިސެމްބަރ 2017

ލަންޑަން (ޑިސެމްބަރު 5) - ޗެމްޕިއަންސް ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަކީ މަރުގެ މެޗެއްގެ ގޮތުގައި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ސިފަކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 5) - ޗެމްޕިއަންސް ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަކީ މަރުގެ މެޗެއްގެ ގޮތުގައި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ސިފަކޮށްފި އެވެ.

މުބާރާތުގެ ދެ ވަަނަ ބުރުން ޖާގަ ހޯދަން މިރޭ އެތުލެޓިކޯ އިން ޗެލްސީ ބަލިކުރުމަކުން ނުފުދެ އެވެ. އެއީ އެތުލެޓިކޯ އަށް އަނެއް ބުރަށް ދެވެން އޮތީ ޗެލްސީ އަތުން މޮޅުވުމުގެ އިތުރުން އިޓަލީގައި ކުޅޭ މެޗުން އަޒަރުބައިޖާންގެ ގަރަބަޖް އަތުން ރޯމާ އަށް މޮޅެއް ނުހޯދިއްޖެ ނަމަ އެވެ.

ގްރޫޕް ސީން މިހާތަނަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ޗެލްސީ އަށް އެކަންޏެވެ. އެ ޓީމު ގްރޫޕްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރޯމާ އަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ ތިން ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ގަރަބަޖް އަށް އަދި ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

އެތުލެޓިކޯ އަށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ނުލިބިއްޖެ ނަމަ މާލީ ގޮތުން ވެސް އެ ޓީމަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އެއީ ދާދި ފަހުން އެ ޓީމުން އަލުން ހުޅުވި 310 މިލިއަން ޔޫރޯގެ ވަންޑާ ސްޓޭޑިއަމް ހަދަން ނެގި ލޯން ދައްކަން އިތުރު އާމްދަނީއެއް ހޯދުމުގެ ފުރުސަތު އޮތީ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ދެވެން އޮތް އެންމެ ދުރަކަށް ގޮސްގެންނެވެ.

ސިމިއޯނީ ބުނީ އެ ޓީމުން ހަމައެކަނި ވިސްނާނީ ޗެލްސީ އަތުން މޮޅުވަން އެކަނި ކަމަށެވެ.

"އަހަރެމެންގެ ފޯކަސް ހުންނާނީ ޗެލްސީ ބަލިކުރަން އެކަނި. މިއީ އަހަރެމެންނަށް މަރުގެ މެޗެއް. މި މެޗުން މޮޅުވެގެން ހަމަޖެހުމެއް އޮތީ. އިޓަލީގައި ކުޅޭ މެޗަށް އަހަރެން ވިސްނާނީ ފަހުން. އެއީ އަމިއްލަ އަތުގައި އެބަ އޮތް ފުރަތަމަ ނިންމަން ޖެހޭ މަސައްކަތް،" ފާއިތުވި ހަތަރު އަހަރު އެތުލެޓިކޯ އަށް ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެދިން ކޯޗު ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށާއި ބޭނުންވާ ނަތީޖާ ނެރެވޭނެކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ގްރޫޕް ސްޓޭޖް ނިންމާލަން ބޭނުންވަނީ މޮޅަކާ އެކު ކަމަށާއި އެތުލެޓިކޯ އަށް މި މެޗުން މޮޅެއް މުހިއްމުވާ ހާލަތު ތަފާތު ނަމަވެސް ޗެލްސީން އެކަމަށް ސަމާލުކަން ނުދޭނެ ކަމަށެވެ.

ޗެލްސީ އާއި އެތުލެޓިކޯ މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ކޮންމެ ޓީމެއް ވެސް ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.