Roadha Mihaaru

މާސްކު ނާޅައިގެންނާއި ކާފިއުއާ ޚިލާފުވުމުގެ ޖޫރިމަނާ މިލިއަނަކަށް ވުރެ މައްޗަށް

ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ވަކި ގަޑިއެއްގައި މިހާރު ހިންގާ ކާފިއުއާ ޚިލާފު ވެގެންނާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކު ނާޅައި އުޅޭތީ މި މަހުގެ މިހާތަނަށް ކުރި ޖޫރިމަނާގެ އަދަދު 1.1 މިލިޔަން ރުފިޔާ އަށް އަރައިފި އެވެ.

ކޮވިޑުގެ ޖޫރިމަނާ މިލިއަނަކަށް ވުރެ މައްޗަށް
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

16 އޯގަސްޓް 2020

ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ވަކި ގަޑިއެއްގައި މިހާރު ހިންގާ ކާފިއުއާ ޚިލާފު ވެގެންނާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކު ނާޅައި އުޅޭތީ މި މަހުގެ މިހާތަނަށް ކުރި ޖޫރިމަނާގެ އަދަދު 1.1 މިލިޔަން ރުފިޔާ އަށް އަރައިފި އެވެ.

ރާއްޖޭގައި ބަލި ޖެހޭ މިންވަރު އިތުރުވުމާ އެކު، އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މިދިޔަ މަހުގެ 31 އިން ފެށިގެން މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުގައި ނޫޅެވޭ ގޮތަށް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ވަނީ ކޮންމެ ރެއަކު އޮންނަނީ ކާފިއު އިއުލާނުކޮށްފަ އެވެ. މި އެންގުންތަކާ ހިލާފުވާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި 1،000ރ. ނަގަ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލްކަރީމް ވިދާޅުވީ މާސްކް ނާޅައި، އަދި ކާފިއުއާ ހިލާފުވެގެން މިހާތަނަށް 1،118 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެއީ މާސްކު ނާޅައި އުޅެގެން 591 މީހަކާއި ކާފިއު ގަޑީގައި ބޭރަށް ނުކުތް 527 މީހެކެވެ.

މަތީން ވިދާޅުވި ގޮތުގައި މާސްކު ނާޅައި އުޅުނު 63 މީހަކަށް ނަސޭހަތްދީ، 40 މީހަކު ވަނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ޖޫރިމަނާކޮށްފަ އެވެ. ކާފިއު ގަޑީގައި ބޭރަށް ނުކުމެގެން މިދިޔަ ހުކުރު ދުވަހު އެކަނި ވެސް 83 މީހަކު ޖޫރިމަނާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ރޭގަނޑުގެ މަނާ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅޭ މީހުން މަދު ކަމަށާއި މީހުން ނުކުންނަނީ ވެސް ޒަރޫރީ ބޭނުންތަކުގައި ކަމަށެވެ. އެކަމަކު، ހަވީރުގެ ވަގުތުތަކުގައި، ހާއްސަކޮށް ބީޗާއި ހުސްބިންތަކުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ތިބޭ ކަމަށާއި ބައެއް މީހުން މާސްކު ނާޅައި ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓޭކްއަވޭގެ ހިދުމަތް ދޭ ތަންތަނުގައި މީހުން ގައިދުރުކަން ނުބަހައްޓާ އުޅޭ ކަން ވެސް މަތީން ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފެށުމުން ކޮވިޑް ފެތުރޭ ވަރު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފަ އެވެ.