Roadha Mihaaru
މާސްކް އަޅާތޯ ބަލާނެ ކަމަށް ފުލުހުން ބުނެފި

ކޮވިޑްގެ ބިރު އަނެއްކާވެސް ބޮޑުވެ މާސްކް އަޅާތޯ ބަލަން ފުލުހުން ނުކުމެއްޖެ

06 ޖެނުއަރީ 2022

ކޮވިޑު-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާސްކް މަޖުބޫރުކޮށްފައި އޮތް އޮތުން ތަންފީޒުކުރަން ފުލުހުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާސްކް މަޖުބޫރުކޮށްފައި އޮތް އޮތުން ތަންފީޒުކުރަން ފުލުހުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މިރޭ ބުނެފި އެވެ.

މާސްކް އަޅަން ހަނދާންކޮށްދީ، މިކަން ތަންފީޒުކުރަން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައި މި ވަނީ ކޮވިޑް-19 ގެ އާ ވެރިއަންޓެއް ކަމަށްވާ އޮމިކްރޮން ރާއްޖޭން ފެނުނު ފަހުން ކޮވިޑްގެ ކޭސްތައް ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމާ އެކުގަ އެވެ.

ފުލުހުން ކުރި ޓްވީޓުގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް މަޖުބޫރުކޮށްފައިވާ ކަމަށާއި މިކަން ތަންފީޒުކުރަމުން ގެންދާނެ ކަމަށެވެ.

"ތިމާއާއި އަނެކާގެ ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކު އެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަން،" ފުލުހުންގެ ޓްވީޓްގައިވެ އެވެ.

ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް، ކަމާގުޅޭ ތަޖުރިބާކާރުންނާ ހަވާލާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"ސިއްހީ މާހިރުން އަޅުގަނޑުމެންނަށް ލަފާ ދެއްވީ ކުރިއަށް މި އޮތް ތިން ހަފުތާ އަކީ އަނެއްކާ ވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް،" ނ. ލަންދުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވި އެވެ.

ކޮވިޑުގެ ކޭސްތައް މަދުވާން ފެށުމުން މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުން ވަނީ ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފަ އެވެ. ރާއްޖޭގައި މާސްކް އެޅުން އެންމެ ފުރަތަމަ މަޖުބޫރުކުރީ، އެންމެ ބޮޑަށް ކޮވިޑް ފެތުރުނު މާލެ ސަރަހައްދުގައި، ޖޫން، 2020 ގަ އެވެ.

އެހެން ރަށްރަށުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކުރީ އޭގެ ފަހުންނެވެ.

މާސްކް ނާޅައި އުޅޭ މީހުން މީގެ ކުރިން ޖޫރިމަނާ ކުރަމުން އައި ނަމަވެސް މި ފަހުން އެ ހުރިހާ ކަމެއް އޮތީ ދޫކޮށްލައިފަ އެވެ.