16 އޯގަސްޓް 2020
ކޮވިޑް-19ގެ ހާލަތު ގޯސްވެދާނެތީ ވަސީލަތްތައް ހޯދައި ތައްޔާރުވެ ތިބުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވެންޓިލޭޓަރުތައް ހޯދުން ކުރިއަށް ގެންދިޔައީ ދައުލަތަށް ގެއްލުންވެ، ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށް ބެލެވޭތީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައި އެކަން ތަހުގީގުކުރަން އޮޑިޓަ ޖެނެރަލް ލަފާ ދެއްވައިފި އެވެ.
ކޮވިޑް-19ގެ ހާލަތު ގޯސްވެދާނެތީ ވަސީލަތްތައް ހޯދައި ތައްޔާރުވެ ތިބުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވެންޓިލޭޓަރުތައް ހޯދުން ކުރިއަށް ގެންދިޔައީ ދައުލަތަށް ގެއްލުންވެ، ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށް ބެލެވޭތީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައި އެކަން ތަހުގީގުކުރަން އޮޑިޓަ ޖެނެރަލް ލަފާ ދެއްވައިފި އެވެ.
ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭ މުއާމަލާތްތައް ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ ޚާއްސަ އޮޑިޓެއްކޮށް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވަނީ ރިޕޯޓް އާއްމު ކުރައްވައިފަ އެވެ. އެ އޮޑިޓުގައި، ތިން ކުންފުންޏަކާ ހަވާލުކޮށް 145 ވެންޓިލޭޓަރު ހޯދުމުގައި ހުރި ދައުލަތަށް ގެއްލުންވާ ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފައިވެ އެވެ.
- އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން، ދުބާއީ: 75 ވެންޓިލޭޓަރު (34.5 މިލިއަން ރުފިޔާ)
- މެޑް ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: 50 ވެންޓިލޭޓަރު (14.4 މިލިއަން ރުފިޔާ އަށް)
- ނާޑު: 24 ވެންޓިލޭޓަރު (8.3 މިލިއަން ރުފިޔާ)
ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށް، އެ ތަކެތި ނުލިބެނީސް އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ދޫކުރުމާއި ގާބިލްކަމެއް ނެތް އެ ކުންފުންޏާ އެކު އެއްބަސްވީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތުން ބުނާ ވާހަކަ އޮޑިޓުގައި ދޮގުކޮށްފައިވެ އެވެ. އެ ކުންފުނީގެ އިތުރުން މެޑް ޓެކާއި ނާޑު ކުންފުންޏާ އެކު ވީ އެއްބަސްވުމުގައި ތަހުގީގު ކުރަން ޖެހޭ މައްސަލަތަކެއް ހުރި ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ވެންޓިލޭޓަރުތައް ހޯދަން ކުންފުނިތަކާ ހަވާލުކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލްތަކާ އެއްގޮތަށް، ހަމަހަމަކަމާއި ހާމަކަންބޮޑު އިގްތިސާދީ ގޮތުން އެންމެ ފައިދާ ހުރި އަދި ޒިންމާދާރު ގޮތަކަށް ކަން ބެލެވެން ނެތް ކަމަށެވެ.
ވެންޓިލޭޓަރު ގަތުމަށް މެޑްޓެކާ ހަވާލުކުރީ އެންމެ އަވަހަށް އެ ތަކެތި ފޯރުކޮށްދޭނެ ފަރާތްތައް ހެލްތު މިނިސްޓްރީން ހޮވައި އެ ފަރާތްތަކަށް އިސްކަންދީގެންނެވެ. އޭގެތެރެއިން ވެސް ލިސްޓުކުރި ކުންފުނިތަކާ އަޅާބަލާއިރު މެޑްޓެކަށް އިސްކަންދީފައިވާ ކަމަށް އޮޑިޓުގައިވެ އެވެ.
މެޑްޓެކް ފިޔަވައި އެހެން ކުންފުނިތަކެއްގެ އަގު ހޯދާފައި ވިޔަސް އެއީ ވާދަވެރި ބިޑެއްގެ ތެރެއިން ކުރިއަށް ގެންދަން ނޫން ކަމަށް ތުހުމަތުކޮށްފައިވެ އެވެ. މެޑްޓެކް ހިމެނޭ ގޮތަށް، އަގު ހޯދަން ފޮނުވި ތިން ކުންފުންޏަށް ހަމަހަމަ ފުރުސަތު ދީފައި ނުވާ ކަމަށް އޮޑިޓުގައިވެ އެވެ.
ވެންޓިލޭޓަރު ގެންނަން އަގު ހޯދީ މެޑްޓެކާއި ނާޑުގެ އިތުރުން އެސްޓީއޯ އިންނެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރު ގަތުމަށް އެސްޓީއޯ އިން ވެސް ހުށަހެޅިއިރު އެ ކުންފުންޏަށް ކޯޓޭޝަން ހުށަހަޅަން ދިނީ އެހެން ކުންފުނިތަކަށް ވުރެން ކުޑަ ވަގުތުކޮޅެކެވެ. އޮޑިޓުގައި ބުނެފައިވާ ގޮތުގައި ކޯޓޭޝަން ހުށަހަޅަން އެސްޓީއޯ އަށް ދިނީ އެންމެ 20 މިނެޓެވެ. އެއީ އެކަށީގެންވާ ވަގުތަކަށް ނުވާތީ އެސްޓީއޯ އިން ނިންމީ ކޯޓޭޝަން ހުށަނާޅާށެވެ.
އޮޑިޓުން ހާމަވާން އޮތީ ގަސްތުގައި އެ ބީލަމުން އެސްޓީއޯ ކަޓުވާލާފައި އޮތް ކަމެވެ. އެއީ، ކޯޓޭޝަން ބަދަލުކުރުމުގެ ފުރުސަތު މެޓް ޓެކާއި ނާޑަށް ދީފައިވާ އިރު އެސްޓީއޯ އަށް އެ ފުރުސަތު ފަހިކޮށްދީފައި ނުވުމެވެ.
އޮޑިޓުގައި ބުނީ ވަކިވަކި ކުންފުނިތަކެއް ހޮވައި ހެލްތު މިނިސްޓްރީން އެދިފައި ވަނީ ވަކި އަދަދަކަށް ވެންޓިލޭޓަރުތައް ގެނެސްދިނުމަށެވެ. އެ އަދަދުތައް ކުންފުނިތަކަށް ދޭން ކަނޑައެޅި ގޮތެއް ވެސް ސާފެއް ނޫން ކަމަށް އޮޑިޓުގައިވެ އެވެ.
މެޑްޓެކަށް 30، ނާޑަށް 10 އަދި އެސްޓީއޯ އަށް 15 ވެންޓިލޭޓަރު ގެންނަން ހަވާލުކުރަން ހެލްތުން އުޅުނު ގޮތެއް ސާފުނުވާ ކަމަށާއި އެސްޓީއޯއަކީ ހެލްތު މިނިސްޓްރީގެ ބަޔޯ މެޑިކަލް ސާމާނު ގެންނަ ކުންފުންޏަށްވާއިރު ވެންޓިލޭޓަރު ގަތުމަށް އެ ކުންފުންޏަށް އަދަދު މަދު ކުރި ސަބަބެއް ލިއުންތަކުން އެނގެން ނެތް ކަމަށް އޮޑިޓުގައިވެ އެވެ.
އޮޑިޓުގައި ބުނީ ވެންޓިލޭޓަރު ގެނައުމަށް އެކި ކުންފުނިތަކުން ކޯޓޭޝަން ހޯދުމުގެ މާ ކުރިން މެޑްޓެކާ މުއާމަލާތްތަކެއްކޮށް 50 ވެންޓިލޭޓަރު ގަތުމަށް ވަނީ އަގު ހޯދާފައި ކަމަށެވެ. ވެންޓިލޭޓަރު ފޯރުކޮށްދޭން އެސްޓީއޯގެ ތިން ހުށަހެޅުމެއް ހުށަހެޅިއިރު ވެސް ބިޑް ކޮމިޓީއަށް ލިބުނު ކަމެއް ޔައުމިއްޔާތަކުގައި ނެތް ކަމަށް އޮޑިޓުގައިވެ އެވެ.
ރިޕޯޓުގައި ބުނިގޮތުގައި އާ ބްރޭންޑެއްގެ ވެންޓިލޭޓަރުތަކެއް އެސްޓީއޯ އިން ގެންނަން އެދިގެން އެ ހުށަހެޅުން ގަބޫލުނުކުރިއިރު މެޑްޓެކުން ގެންނަން އެއްބަސްވި ވެންޓިލޭޓަރުތަކުގެ ބްރޭންޑް ބަދަލުކޮށްފައިވެ އެވެ. އަދި އެއީ ވެންޓިލޭޓަރުތައް ގެންނަން މެޑްޓެކާ އެކު އެއްބަސްވުމުގައި ސޮއިކުރި ފަހުންނެވެ. މެޑްޓެކުން ވަނީ ހުރިހާ ވެންޓިލޭޓަރުތަކެއް ވެސް ގެނެސްފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ މާޗް 19ގައި 20 ވެންޓިލޭޓަރު ހޯދަން ހަތް މިލިއަން ރުފިޔާ އަށް ނާޑު ކުންފުންޏާ ހަވާލުކުރީ އެހެން ކުންފުނިތަކުގެ އަގުތައް ބަލައި ވާދަވެރި ކަމުގެ ތެރެއިން ކަމަށް ބެލެވެން ނެތް ކަަމަށެވެ. އެހެން ކުންފުނިތަކުގެ އަގުތައް ބެލި ކަމުގެ ލިއުމެއް ހެލްތު މިނިސްޓްރީން އޮޑިޓް އޮފީހަށް ފޯރުކޮށްދެވިފައި ނުވާ ކަަމަށް ވެސް އެތަނުން ބުންޏެވެ.
މި ކުންފުންޏާ އެކު އެއްބަސްވީ ދެ ހަފުތާ ތެރޭގައި ވެންޓިލޭޓަރު ގެނައުމަށެވެ. އެކަމަކު އެ މުއްދަތުގައި އެކަން ނުކުރެވި ނާޑަށް ވެސް އެއްބަސްވުމުގައިވާ މުއްދަތަށް ވުރެން 120 ދުވަސް ހެލްތު މިނިސްޓްރީން އިތުރުކޮށްފައިވާ ކަމަށް އޮޑިޓުގައިވެ އެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މެޑްޓެކާއި ނާޑު ކުންފުންޏާ ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރަމުން ދިއުމަކީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ. މިއީ ކުޑަ އަގެއްގައި މިކަން ކުރަން ތިބި ފަރާތްތަކުގެ ހައްގުތައް ވެސް ގެއްލިގެންދާ ޒިންމާދާރު ގޮތެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ގޮތް ތަހުގީގުކުރަން ލަފާ ދިން އިރު އޭސީސީން އަންނަނީ މި މައްސަލަތައް ބަލަމުންނެވެ. އެކަމަކު އެ ކޮމިޝަނުން ފުރަތަމަ އާއްމުކުރި ރިޕޯޓުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިކޮށްފައެއް ނުވެ އެވެ.
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
32 މިލިއަން ހޭދަކުރި ސާމާނަށް ވީ ގޮތެއް ނޭނގެ!
ދުބާއީ ކުންފުންޏާ އެކު ހެލްތުން ސީދާ މަކަރާއި ހީލަތް!