Roadha Mihaaru

ހެލްތުގެ އޮޑިޓު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނެ: ސަރުކާރު

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދަން ހެލްތު މިނިސްޓްރީން ހިންގި މުއާމަލާތުތަކުގައި ހިންގާފައިވާ ސުވާލު އުފެދޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އޮޑިޓު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާނެ: ސަރުކާރު

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދަން ހެލްތު މިނިސްޓްރީން ހިންގި މުއާމަލާތުތަކުގައި ހިންގާފައިވާ ސުވާލު އުފެދޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ޚާއްސަ އޮޑިޓު ރިޕޯޓު ރައީސް އޮފީހަށް ރަސްމީކޮށް ލިބޭނީ މާދަމާ ކަމަށެވެ. އެހެންވެ، އެ ލިބުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

"އެއީ ކޮންމެ ބޭފުޅަކަސް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން ފިޔަވަޅު އަޅާކަށް. އެ ޔަގީންކަން އަޅުގަނޑުމެން ދެން،" ހޫދު ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

އެ ރިޕޯޓުން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ. ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށް ހެލްތުން ބުނަމުން އައި ވާހަކަ ވެސް އޮޑިޓުގައި ވަނީ ދޮގުކޮށްފަ އެވެ.

ދުބާއީން ގެންނަ ވެންޓިލޭޓަރުގެ އިތުރުން ރާއްޖޭގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގެ ކަންކަން ވެސް ހިންގާފައި ވަނީ ގޯސްކޮށް ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.