Roadha Mihaaru
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި

ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތުހުމަތުތަކާ ގުޅިގެން ޕީޖީ އޮފީހާ އެކު ބައްދަލުވުމެއް

20 އޯގަސްޓް 2020

ކޮވިޑް-19ގެ ފަރުވާއަށް 149 ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީ މެދުވެރިކޮށް ހިންގި ކޮރަޕްޝަން މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ އެކު މި ހަފުތާގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާއަށް 149 ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީ މެދުވެރިކޮށް ހިންގި ކޮރަޕްޝަން މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ އެކު މި ހަފުތާގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރިއަށް ގެންދިޔައީ، ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން ކަމަށެވެ.

"ޕީޖީ އޮފީހުގެ މަޝްވަރާއާ އެކު ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން އަންނަނީ ފުރިހަމަ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް އާއި ރާއްޖޭގެ މެޑްޓެކާއި ނާޑްއާ ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރުމުން އޭސީސީން އިސްވެ މި ތަހުގީގު ފެށީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. މާޗު މަހުގެ ތެރޭގައި، ތަހުގީގާ ގުޅޭ ޚުލާސާ ރިޕޯޓެއް ނެރުނު ނަމަވެސް އޭގައި، މާބޮޑެތި ތުހުމަތުތަކެއް ނެތެވެ. އޭސީސީން ބުނެފައިވާ ގޮތުގައި، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ގޮތުން ނެރުނު އެ ރިޕޯޓުގައި ތަފްސީލުތައް ނުހިމެނީ ތަހުގީގަށް އަސަރު ކޮށްފާނެތީ އެވެ.

އޭސީސީގެ ތަހުގީގު ލަސްކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ހެލްތު މިނިސްޓްރީިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ ބޮޑެތި ޚިޔާނާތްތަކެއް ފަޅާއަރުވާލައިފަ އެވެ. އެހެން ކުންފުނިތަކަށް ފުރުސަތު ގެއްލޭ ގޮތަށް ވަކި ކުންފުނިތަކެއް ހޮވައި ނާޖާއިޒު ފައިދާއެއްވާ ގޮތަށް ހަވާލުކުރިއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ދުބާއީގެ އެގްޒެކިއުޓާސް އަށް ނާޖާއިޒު ފައިދާ ހޯދައި ދިން މައްސަލަ އެވެ.

އޮޑިޓުގެ ކުރިން ވެސް އެ ކުންފުންޏާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި ވަރަށް ބޮޑުު މަކަރެއް ކަން އޮޑިޓުގައިވެ އެވެ.

މި ކުންފުނި ހޮވީ، އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވެފައިވާ ގޮތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދު މާތުރު މަޝްވަރާކުރެއްވުމަށް ފަހު އެވެ.

އޮޑިޓުގައި ދެން ފާހަގަކޮށްފައިވާ މައްސަލައަކީ ޕާފޯމަންސް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓުގައިވެ އެވެ. ދިވެހި ދެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

ދުބާއީގެ ކުންފުންޏަށް ދޫކުރި އެޑްވާންސް ޕޭމަންޓު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން ހުށަހެޅުމުން އެކަން ފިނޭންސް މިނިސްޓްރީން ހުއްޓުވީ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ. ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމް މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިކަމުގައި ހެލްތު މިނިސްޓަރު އަމީންގެ ދައުރު ސާފުވާނީ ކަމާބެހޭ އިދާރާތަކުން ތަހުގީގެއް ހިންގައިގެންނެވެ.

އޮޑިޓް ރިޕޯޓް ނެރުމާ އެކު ރައީސް އޮފީހުން ވަނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ އަސްލަމް ސަސްޕެންޑްކޮށްފަ އެވެ. ކަމާބެހޭ އިދާރާތަކުގެ ތަހުުގީގަށް ޖާގަ ދެއްވުމުގެ ގޮތުން މިނިސްޓަރު އަމީން މަސައްކަތްތަކުން އެކަހެރިވެވަޑައިގަތީ އަމިއްލަ އަށެވެ.