Roadha Mihaaru
ވެންޓިލޭޓަރު މައްސަލަ: އޭސީސީން އަމަލުކުރި ގޮތް ބަލަނީ

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން އަމަލުކުރި ގޮތް މަޖިލިހުން ބަލަނީ

18 އޯގަސްޓް 2020

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ތުހުމަތު ކުރެވޭ ކަންތައް ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކުރި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ތުހުމަތު ކުރެވޭ ކަންތައް ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކުރި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިދިޔަ އާދިއްތަ ދުވަހު ނެރުއްވި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެކަމަކު އޭގެ ކުރިން އެކަމާ ބެހޭގޮތުން އޭސީސީން ހެދި ދިރާސާ ރިޕޯޓުގައި ވެންޓިލޭޓަރު ގެނައުމުގައި އެއްވެސް މައްސަލައެއް ހުރި ކަމަށް ފާހަގަ ކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އޭސީސީން ހެދި ދިރާސާ ރިޕޯޓާއި އެ ކޮމިޝަނުން މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮމިޝަނުން ބަލަންވާ މިންވަރަށް ނުބެލުން ނުވަތަ އެކަން އެ ކޮމިޝަނުން ބެލީ ތަފާތު ގޮތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، އެ ކޮމިޝަނުން ކުރިން ދެއްކި ވާހަކަތަކާއި ދިރާސާ ރިޕޯޓާ އެކު، އެ މައްސަލަ އިތުރަށް ބެލުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަށް ފޮނުއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ މަޖިލީހުގެ މިިނިވަން މުއައްސަސާ ކޮމެޓީން އިތުރަށް ބަލަން ޖެހޭނެ މައްސަލައެއް،" ނަޝީދު ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓަށް ފަހު އޭސީސީ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ކޮމިޝަނުން އިއްޔެ ބުނީ ވެންޓިލޭޓަރުުތަކުގެ މައްސަލައިގައި ކުރިން ނެރުނީ ޚުލާސާ ރިޕޯޓެއް ކަމަށާއި އެ މައްސަލަ އަދިވެސް އެ ކޮމިޝަނުން ދަނީ ބަލަމުން ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފެންމަތިވި ބޮޑެތި މައްސަލަތަކާ އެކު، އެކަން ތަހުގީގު ކުރަން ފުލުހުންނާއި އޭސީސީއަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އަންގަވައިފަ އެވެ. އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފައިވާއިރު ހެލްތް މިނިސްޓްރީގެ ބައެއް އިސްވެރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަންލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިންނެވެ.