Roadha Mihaaru
ކޮވިޑާ ގުޅިގެން އެމްއެންޑީއެފުން ޚަރަދުކުރީ ރަނގަޅަށް

ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ޚަރަދުތައް ކުރީ ރަނގަޅަށް: އޮޑިޓް

18 އޯގަސްޓް 2020

ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ޚަރަދުތައް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ޚަރަދުތައް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި މިއަދު ބުނެފި އެވެ.

ކޮވިޑާ ގުޅިގެން ކުރަމުންދާ ޚަރަދުތަކުގެ އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮޮށްފައިވާތީ، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ގެންދަވަނީ އެފަދަ އޮޑިޓްތައް ހައްދަވަމުންނެވެ. މިހާތަނަށް ނެރުނު ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން އެނގުނު ގޮތުގައި ކޮވިޑާ ގުޅިގެން އެ ދެ މިނިސްޓްރީގެ ޚަރަދުތަކުގައި ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އެކަންކަން ތަހުގީގު ކުރަން ވަނީ ފަށައިފަ އެވެ.

އޮޑިޓާ ޖެެނެރަލް ހަސަން ސޮއި ކުރައްވައި، ނެރުއްވި އެމްއެންޑީއެފްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ޚަރަދުކުރަން ކަނޑައެޅި 17 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުވީ 5.2 މިލިއަން ރުފިޔާ އެވެ. ބާކީ 11.8 މިލިއަން ރުފިޔާ ހުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި، އޮޑިޓާ ޖެނެރަލް ހަސަން ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފްުންން ޚަރަދު ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ އެންގުންތަކާ އެއްގޮތަށެވެ.

ރިޕޯޓުގައިވާ ގޮތުން، އެމްއެންޑީއެފުން ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ޚަރަދެއް ކުރީ ކަނޑު އުޅަނދުތަކަށް ތެޔޮ އެޅުމަށެވެ. އެއީ 3.2 މިލިއަން ރުފިޔާ އެވެ. މަރާމާތު ކުރުމާއި ބެލެހެއްޓުމަށް އެއް މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ރިޕޯޓުގައިވެ އެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރު ގެންނަން ހަވާލު ކުރުމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާތީ، އެކަންކަން ތަހުގީގު ކުރަން ފެށުމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަމިއްލަ އަށް މަސައްކަތުން އެކަހެރިވެވަޑައިގެންފަ އެވެ. އަދި އެ މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުންނާއި ބައެއް އިސްވެރިން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.