Roadha Mihaaru
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި

ވެންޓިލޭޓަރުގެ މައްސަލައިގައި ޕީޖީގެ ނިންމުން ރިވިއުކޮށްދޭން އެދިއްޖެ

25 އޮކްޓޯބަރ 2020

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުން އަލުން މުރާޖައާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުން އަލުން މުރާޖައާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ.

މިގޮތަށް އެދުނުކަން ފިޔަވައި އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު އިތުރު ތަފްސީލެއް މިރޭ ނުދެއްވަ އެވެ.

ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގަށް ފަހު، އޭސީސީން ޕީޖީގައި އެދުނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭށެވެ. އެއީ، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި ޑިރެކްޓަރު ނައުޝާދު އަލީ އާއި ބިޑް ކޮމިޓީ މެމްބަރު އާމިނަތު ޝައުފާ އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ އާއި ލީގަލް އޮފިސަރު އަލީ ޝިހާމާއި އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒެވެ.

އޭސީސީން އެދުނު ގޮތަށް ދައުވާނުކޮށް މައްސަލަ އަނބުރާ ފޮނުވާލެއްވީ، ޕީޖީ ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އޭރު ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުންނެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ ޕީޖީ ސިފަކުރެއްވި ގޮތުގައި، އިދާރީ މައްސަލަތަކެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ މިނިސްޓަރު އަމީނާއި ދެން ތިއްބެވި ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ އެވެ. އެކަމަކު އޭސީސީގެ މުޅި ތަހުގީގުން ފާހަގަވެފައި އޮތީ، ޕީޖީ ވިދާޅުވި ގޮތުގައި، އަމަލުކުރި ގޮތުން އަރާފައި ހުރި އޮޅުންތައް ނުވަތަ މައްސަލަތަކެކެވެ. ކޮރަޕްޝަންގެ ދައުވާ އުފުލިއިރު، އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނު ކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.

އެކަމަކު އޭސީސީން މި ވާހަކަ ދޮގުކުރެ އެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ. އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.

އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.

އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް ނުދެ އެވެ.