Roadha Mihaaru
ޗައިނާގައި ބިލް ގޭޓްސް އަށް ހުރަހެއް ނެތީ ކީއްވެ؟

ޗައިނާގައި ބިލް ގޭޓްސް އަށް ހުރަހެއް ނެތީ ކީއްވެ؟

20 އޯގަސްޓް 2020

މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން އުޅޭ ވާހަކަ އަޑުއިވުމުން ބޮލަށް އުނދަގޫވި އެވެ. މިއީ މައިކްރޮސޮފްޓުން ކީއްކުރަން ކުރަން އުޅޭ ކަމެއްހޭ ހިތަށް އެރި އެވެ. އެކަމަކު، މިހާރު ސަބަބު އެނގިއްޖެ އެވެ. ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން އުޅޭ ވާހަކަ އަޑުއިވުމުން ބޮލަށް އުނދަގޫވި އެވެ. މިއީ މައިކްރޮސޮފްޓުން ކީއްކުރަން ކުރަން އުޅޭ ކަމެއްހޭ ހިތަށް އެރި އެވެ. އެކަމަކު، މިހާރު ސަބަބު އެނގިއްޖެ އެވެ. ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

ޓެކްނޮލޮޖީ ކުންފުނިތަކުން ބުނާ ގޮތުގައި، ޗައިނާ އަކީ ފަސޭހަ ގައުމެއް ނޫނެވެ. އެ މީހުން އެދޭ ގޮތް ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރެވޭކަށް ނޯވެ އެވެ. ވަރަށް ކެތްތެރިވާން ޖެހެ އެވެ. މި ނޫން ގޮތެއްގައި ހާލަތު ބަދަލުވާ ގޮތް، ފޭސްބުކް، ޔޫޓިއުބް، ވިކިޕީޑިޔާ، ޓްވީޓާ އަދި އިންސްޓާގްރާމް އަށް ވާނީ ތަޖުރިބާކުރެވިފަ އެވެ. މި ނޫނަސް މަޝްހޫރު ކިތަންމެ ޕޯޓަލްއަކަށް ޗައިނާ އޮތީ ބަންދުވެފަ އެވެ. އެކަމަކު، މި ކަހަލަ ބޮޑު ބަންދުވުމަކުން މައިކްރޮސޮފްޓް ބަންދެއް ނުވެ އެވެ.

ބިލް ގޭޓްސް އަކީ ޗައިނާގައި ޝަރަފުވެރި ނަމެކެވެ. އޭނާ އަށް ގައުމެއްގެ ވެރިއެއްގެ ޝަރަފު ޗައިނާ އިން ލިބިވަޑައިގަނެ އެވެ. ބިލް ގޭޓްސް އަކީ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެކެވެ. އަމުރު އައި ގޮތަކަށް އަމަލުކުރައްވަ އެވެ.

މައިކްރޮސޮފްޓުން ޗައިނާގައި ކުޅެނީ "ފެއާ ޕްލޭ"ގެ އުސޫލުންނެވެ. ނަތީޖާ މި އޮތީ އެވެ. މައިކްރޮސޮފްޓް "ލިންކްޑްއިން" ޗައިނާގައި އެބަ ހިންގަ އެވެ. ސްކައިޕް އަދި "ޓީމް" އަކަށް ހުރަހެއް ނެތެވެ. މައިކްރޮސޮފްޓް "ސާޗް އިންޖީން" ބިންގް ވެސް ބޭނުންކުރެ އެވެ. ނަމަވެސް، ސެންސަރުކުރަން ޖެހޭ ބައެއް މައުލޫމާތު ސެންސަރުނުކޮށް ދޫކޮށްލެވޭ ފަހަރު ވަގުތީ ގޮތުން ބިންގް ބްލޮކްކުރެ އެވެ. މައިކްރޮސޮފްޓް "އެކްސްބޮކްސް" އަކީ ވެސް ޗައިނާގައި މަޝްހޫރު ގޭމް ކޮންސޯލެކެވެ.

ޗައިނާ އަށް އިގުތިސާދީ ގޮތުން ދަތިކުރަން އެމެރިކާ ކުރާމަސައްކަތްތަކުގައި، އެމެރިކާގެ ކުންފުނިތައް ވެސް އެބަ ފިތެ އެވެ. މިސާލަކީ އެޕަލް އެވެ. އަދި މިހާތަނަށް ހަމަލާއެއް ނޭރި ނަމަވެސް، އޮތީ ބިރުން ފިތްކަނޑައިގެންދާ ވަރުގަ އެވެ. މައިކްރޮސޮފްޓަކަށް މި ބިރެއް ނެތެވެ.

ޗައިނާގައި މައިކްރޮސޮފްޓް ވިންޑޯޒް ބޭނުންކުރުން މަދުކޮށް އަދި ވަގުތު ޖެހުމުން ހުއްޓާލާ ވާހަކަތަކެއް ވެސް އިވުނެވެ. އަމަލީ މަސައްކަތްތައް ފެށި ކަމަށް ވެސް ވެ އެވެ. މިހެން މިކަން އޮއްވައި، ފާއިތުވި ފެބްރުއަރީގައި ޗައިނާގެ ރައީސް، ޝީ ޖިންޕިން ބިލް ގޭޓްސް އަށް ޚާއްސަ ސިޓީއެއް ފޮނުއްވި އެވެ. ޗައިނާއިން ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން ކުރި މަސައްކަތްތަކަށް ބިލް ގޭޓްސް ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެމެރިކާ އަށް 2015 ގައި ޝީ ޖިންޕިން ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މައިކްރޮސޮފްޓްގެ ހެޑްކުއާޓަރަށް ވަޑައިގަތުމަށް ވަގުތު ހޯއްދެވި އެވެ. އެ ތަނަށް ޝީ ޖިންޕިން ވަޑައިގެން ބިލް ގޭޓްސް އަދި އަނބިކަނބަލުންނާ ބައްދަލުކުރައްވައި އުފާކުރެއްވި އެވެ. މައިކްރޮސޮފްޓް އިން ޓިކްޓޮކް ގަންނަން ޖެހޭ ހިސާބަށް މި އާދެވުނީ އެވެ.

މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން އުޅެނީ އެމެރިކާގައި ޓިކްޓޮކް މަނާކުރަން އުޅޭތީ އެވެ. ޓިކްޓޮކް އަކީ ޗައިނާގެ ބައިޓްޑާންސް އިން ހިންގާ ޚިދުމަތެކެވެ. މައްސަލަ އަކީ ޗައިނާގެ އެއްޗަކަށް ވުމެވެ. ޓިކްޓޮކަށް ދެމިއޮވެވެން އޮތީ އެމެރިކާ އަށް ނިސްބަތްވެގެންނެވެ. މައިކްރޮސޮފްޓުން ޓިކްޓޮކް ގަތުމުން އެމެރިކާގެ މުދަލަކަށް ވެސް ވީ އެވެ. ޓިކްޓޮކަށް ވަމުން ދާ ގޮތް ޗައިނާ އަށް ބިލް ގޭޓްސް ކިޔައިދެއްވާނެ އެވެ.