Roadha Mihaaru
ދިރާގުން ނޯޓް 20ގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި

ދިރާގުން ގެލެކްސީ ނޯޓް 20 އާއި 20 އަލްޓްރާ 5ޖީ ޕްރީއޯޑަރަށް ހުޅުވާލައިފި

22 އޯގަސްޓް 2020

ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު "ގެލެކްސީ ނޯޓް 20" އާއި "ނޯޓް 20 އަލްޓްރާ 5ޖީ" ފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު "ގެލެކްސީ ނޯޓް 20" އާއި "ނޯޓް 20 އަލްޓްރާ 5ޖީ" ފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން އެންމެ ފަހުން ތައާރަފު ކުރި އީ-ސިމް ބޭނުންކުރެވޭ ޓެކްނޮލޮޖީއާއެކު ބާޒާރަށް ނެރޭ މި ފޯނުތަކަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފޯނުތަކެކެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ކުންފުނީގެ ވެބްސައިޓް www.dhiraagu.com.mv/Samsung_Galaxy_Note_20_5G_20_Ultra_5G.aspx މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ވަނީ މި ފޯނުތަކަށް ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހަދިޔާއެއް ވެސް ދޭން ނިންމައިފަ އެވެ. އެގޮތުން ޕްރީއޯޑާ ކުރާ ކޮންމެ ގެލެކްސީ ނޯޓް 20 އަކާ އެކު ގެލެކްސީ ބަޑްސް ޕްލަސްއެއް ލިބޭއިރު ނޯޓް 20 އަލްޓްރާ 5ޖީ އާ އެކީ ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ ފޯނަކާއެކު 6 މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ދޭނެ އެވެ.

ދިރާގުން ގެލެކްސީ ނޯޓް 20 5ޖީ ގެ ފޯނުތައް ތަފާތު ދެ ކުލައެއްގައި ލިބޭނެ އެވެ. އެއީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން އެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީ، މިސްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް ކުލައިގައި ލިބެން ހުންނާނެ އެވެ. މިއީ 256 ޖީބީގެ ފޯނުތަކެކެވެ.

ސެމްސަންގުން ބުނެފައިވާ ގޮތުގައި މި ދެ ފޯނުގައި ވެސް 5ޖީ ބޭނުން ކުރެވޭނެ އެވެ. މި ފޯނުތައް ގޭމް ކުޅޭ މީހުންނާއި "ޕަވާ ޔޫސާސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވާނެ ކަމށް ވެސް އެ ކުންފުނިން ގަބޫލު ކުރެ އެވެ. އެގޮތުން މި ފޯނުތަކުގެ ޑިސްޕްލޭގެ ސަބަބުން ގޭމު ކުޅޭ މީހުންނަށް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ގެލެކްސީ ނޯޓް20 ގެ ސްކްރީން ސައިޒުގައި 6.7 އިންޗް ހުންނަ އިރު އަލްޓަރާ 20 5ޖީ ގެ ސްކްރީން ސައިޒަކީ 6.9 އިންޗި އެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯނުތައް ގަތުމަށް ހާއްސަ އެއް އަހަރު ދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއް ވެސް ތައްޔާރުކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން ގެލެކްސީ ނޯޓް 20އެއް 3،499ރ. ދެއްކުމަށްފަހު މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 1،549ރ. އެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީ ފޯނުތަކަށް ފުރަތަމަ މަހު 3،999ރ. ދެއްކުމަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،989ރ. އެވެ.

ގެލެކްސީ ނޯޓް 20 އެއްފަހަރާ ފައިސާ ދައްްކައިގެން ގަންނަ ނަމަ ލިބެން ހުންނާނީ 19،199ރ. އަށެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީ ލިބެން ހުންނާނީ 24،199ރ. އަށެވެ.