Roadha Mihaaru
ހެލްތުގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަނީ

ހެލްތުގެ ހިޔާނާތް ބަލަން އޭސީސީ އާއި ފުލުހުން ތަހުގީގެއް ފަށައިފި

23 އޯގަސްޓް 2020

ކޮވިޑް-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީ މެދުވެރިކޮށް ހިންގި ކަމަށް އޮޑިޓް ރިޕޯޓުން ފެންމަތިވެފައިވާ ޚިޔާނާތް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީ މެދުވެރިކޮށް ހިންގި ކަމަށް އޮޑިޓް ރިޕޯޓުން ފެންމަތިވެފައިވާ ޚިޔާނާތް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ލަފާ ދެއްވި ކަންކަން ބަލަން ފުލުހުންނާއި އޭސީސީ އަށް އެންގީ ރައީސް އޮފީހުންނެވެ. އެ ރިޕޯޓު ނެރުމާ އެކު ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ތަހުގީގު ނިމެންދެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެވަޑައިގަތީ އަމިއްލަ އަށެވެ.

ހެލްތު މިނިސްޓްރީގެ ޚިޔާތާން ބަލަން ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ފަށާފައިވާ ކަން އޭސީސީން މިއަދު ކަށަވަރުކޮށްދިނެވެ. އެ ތަހުގީގުގެ ކުރިން އޭސީސީން ވަނީ އެ ކޮމިޝަނުން އަމިއްލަ އިސް ނެގުމަށް ވެސް މައްސަލަ ތަހުގީގުކޮށް ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެ ތަހުގީގުން ފާހަގަވި ކަންކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ އެކު ވަނީ މަޝްވަރާ ވެސް ފަށައިފަ އެވެ.

މާލެތެރޭގައި ކޮވިޑް ފެތުރި އާއްމުންގެ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް މެދުވެރިވުމުގެ ކުރިން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނައުމަކީ ސަރުކާރުން އިސްކަމެއް ދީގެން ކުރި ކަމެކެވެ. ހެލްތު މިނިސްޓްރީގެ ބަޖެޓުން ވެންޓިލޭޓަރުތައް ގެންނަން ނިންމައި ބީލަމަށް ނުލައި ކުންފުނިތަކެއް ހޮވީ އަވަހަށް ގެނައުމުގެ ބޭނުމުގައި ކަމަށް ހެލްތު މިިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވި ޝަކުވާ ބޮޑުވުމުން، އެކަމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދިނެވެ. އެކަމަކު އޮޑިޓް ރިޕޯޓުން ވަނީ ބޮޑެތި ގޯސްތަކެއް ދައްކައިފަ އެވެ. އެހެން ކުންފުނިތަކަށް ފުރުސަތު ގެއްލޭ ގޮތަށް ވަކި ކުންފުނިތަކެއް ހޮވައި ނާޖާއިޒު ފައިދާއެއްވާ ގޮތަށް ހަވާލުކުރިއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ދުބާއީގެ އެގްޒެކިއުޓާސް އަށް ނާޖާއިޒު ފައިދާ ހޯދައި ދިން މައްސަލަ އެވެ.

އޮޑިޓުގެ ކުރިން ވެސް އެ ކުންފުންޏާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި ވަރަށް ބޮޑުު މަކަރެއް ކަން އޮޑިޓުގައިވެ އެވެ.

މި ކުންފުނި ހޮވީ، އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވެފައިވާ ގޮތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދު މާތުރު މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

އޮޑިޓުގައި ދެން ފާހަގަކޮށްފައިވާ މައްސަލައަކީ ޕާފޯމަންސް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓުގައިވެ އެވެ. ދިވެހި ދެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

ދުބާއީގެ ކުންފުންޏަށް ދޫކުރި އެޑްވާންސް ޕޭމަންޓު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން ހުށަހެޅުމުން އެކަން ފިނޭންސް މިނިސްޓްރީން ހުއްޓުވީ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ. ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމް މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިކަމުގައި ހެލްތު މިނިސްޓަރު އަމީންގެ ދައުރު ސާފުވާނީ ކަމާބެހޭ އިދާރާތަކުން ތަހުގީގެއް ހިންގައިގެންނެވެ.