Roadha Mihaaru
މީހުން ގެއްލުވާލުން ހުއްޓުވާ މުއާހަދާއަށް ރުހުންދީފި

މީހުން ގެއްލުވާލުން ހުއްޓުވާ މުއާހަދާގައި ސޮއިކުރަން މަޖިލީހުން ރުހުން ދީފި

24 އޯގަސްޓް 2020

ގަދަކަމުން ގެއްލުވައިލުމުގެ ނުރައްކަލުން މީހުން ރައްކާތެރިކުރުމުގެ ބައިނަލްއަގްވާމީ މުއާހަދާގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގަދަކަމުން ގެއްލުވައިލުމުގެ ނުރައްކަލުން މީހުން ރައްކާތެރިކުރުމުގެ ބައިނަލްއަގްވާމީ މުއާހަދާގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި މަޖިލީހުގައި ތިއްބެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

އިންޓަނޭޝަނަލް ކޮންްވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (އައިސީޕީޕީއީޑީ) އަކީ އދ. ގެ އާއްމު މަޖިލީހުން 2006 ގައި ފާސްކޮށްފައިވާ މުއާހަދާއެކެވެ. ގެއްލުވައިލެވުމުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށްޓަކައި ދައުލަތްތަކުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެ މުއާހަދާގައިވެ އެވެ.

މުއާހަދާ އިން ދައުލަތްތަކަށް ލާޒިމްކުރާ ކަންތައްތައް:

- މީހުން ގެއްލުވައިލުމުގެ އަމަލުތައް ތަހުގީގުކޮށް، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން.

- ގަދަަކަމުން މީހުން ގެއްލުވައިލުމަކީ ގާނޫނުގައި ކުށެއް ކަމަށް ކަނޑައެޅުން.

- އެ ކުށް ކުރާ މީހާއަކީ އެހެން ގައުމެއްގެ މީހަކަށް ވިޔަސް ގާނޫނުން އިސްތިސްނާ ނުވާ ގޮތަށް އިޙުތިސާސް ކަނޑައެޅުން.

- ކުށް ކުރާ މީހުން ހޯދައި، އެހެން ގައުމެއްގައި ހުރި ނަމަ އަނބުރާ ގެންނަން ގައުމުތަކާ އެކު މަސައްކަތް ކުރުން. އެ ކުށުގެ ޝިކާރައަކަަށް ވާ މީހުންނަށް އެހީވުން އަދި އެމީހުން މަރާލާފައިވާ ވާ ނަމަ ހޯދައިގެން ހަށިގަނޑު ގެނައުން.

- މީހަކު ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ގާނޫނުގައިވާ އެންމެ ކުޑަ މިންވަރަށް އެކަން ތަންްފީޒުކުރުން. ބަންދުކުރަން (ދައުލަތަށް) އޮންނަ ހައްގު ވެސް ކޯޓަށް ހުށަހެޅެން އޮތުން ( ބަންދުގެ މުއްދަތު ޖަހަން ކޯޓު އަމުރު ހޯދަން ޖެހުން ފަދަ އުސޫލުތައް).

- ބަންދުކޮށްފައިވާ މީހުންގެ ރަޖިސްޓަރީއެއް ބޭއްވުން. ބަންދުކުރެވޭ މީހުންގެ އާއިލާތަކަށާއި ވަކީލުންނަށް އެ ރަޖިސްޓަރީ ފެންނާނެ ގޮތް ހެދުން.

- ގަދަކަމުން ގެއްލުވާލާފައިވާ މީހުންނަށް ބަދަލު ދިނުމާއި އަނބުރާ ވަޒަނަށް ފޮނުވައިދިނުން (އެހެން ގައުމެއްގެ މީހެއް ނަމަ އެމީހެއްގެ ގައުމަށް ފޮނުވައިދިނުން).

- ގަދަކަމުން ގެއްލުވައިލުމުގެ ކުށުގެ ޝިކާރަައަކަށްވާ މީހުން ރިހެލިބިލިޓޭޓްކޮށް، އެ މީހުންގެ އަބުރު އަލުން ހޯދައި ދިނުމާއި އެ މީހާ އަލުން ދިރިއުޅުމެއް ފެށުން ފަަދަ އެންމެހައި ކަންތައްތަކަށް އެހީތެރިވުން.

ރާއްޖެ އިން އައިސީޕީޕީޑީއީ ގައި ސޮއިކުރަން ރުހުން ދޭން ފާސްކުރުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ގެއްލުވައިލައިފާ މީހުންނާ ގުޅޭ ކޮމިޝަނެއް ވެސް މަޖިލީހުން އުފައްދާފައިވާ ކަަމަށެވެ. އެ މީހުންނާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް ވެސްް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އެ ވިދާޅުވީ ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނަކުން އެ ކޮމިޝަނަށް ވަނީ ގާނޫނީ ބާރު ވެސް ދީފަ އެވެ.

ނަމަވެސް އެ ކޮމިޝަނަށް އެ މަސައްކަތް ނުކުރެވޭ ކަމަށް ނަޝީދު ވަނީ މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފަ އެެވެ.