Roadha Mihaaru
އަޅުގަނޑެއް މަޖިލީހެއް ނުހުއްޓުވާނަން: ރައީސް

ނަޝީދުގެ ތުހުމަތު ދޮގުކުރައްވައި ރައީސް ވިދާޅުވީ މަޖިލިސް ނުހުއްޓުވާނެ ކަމަށް

19 ސެޕްޓެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައިވެރިވުން އޮވެގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ތުހުމަތު އެ މަނިކުފާނު ދޮގުކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައިވެރިވުން އޮވެގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ތުހުމަތު އެ މަނިކުފާނު ދޮގުކުރައްވައިފި އެވެ.

އެމްޑީޕީގެ މެންބަރުން ހާޒިރުނުވާތީ ކޯރަމް ހަމަނުވެގެން އިއްޔެގެ ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު، މިއަދުގެ ޖަލްސާ ވެސް ފެށުނީ ލަހުންނެވެ. އެކަމާ ގުޅިގެން ނަޝީދު ތުހުމަތު ކުރެއްވީ އެއީ ރައީސްގެ ބައިވެރިވުން އޮވެގެން އެމްޑީޕީގެ މެންބަރުން އަމަލު ކުރާ ގޮތެއް ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިން މިއަދު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއީ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި މަޖިލިސް ހުއްޓުވާލުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަކީ 25 އަހަރު މަޖިލީހުގައި އުޅުނު މީހެއް އެހެންވީމާ މަޖިލީހުގެ ކަންކަން ހިނގާ ގޮތް އަޅުގަނޑަށް ވެސް ކޮންމެވެސް ވަރަކަށް އެނގޭ. އެހެންވީމަ އަޅުގަނޑުމެން ހަމަ ގައިމު ވެސް އޭގެ ތެރެއަށް ނުވަންނާނަން،" މާލޭގައި ދޮރުން ދޮރަށް ހިންގުމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ފެށޭ ގޮތް ނުވުމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް "ސެބޮޓާޖުކޮށް" ހުއްޓުވާފައި ބާއްވަނީ "ކަނޑައެޅިގެން" ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ކަމަށެވެ. ނަމަވެސް، ދައުލަތުގެ ބާރުތައް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި އަޅުގަނޑުގެ މަސައްކަތް ނުހުއްޓާނެ ކަމަށް މަނިކުފާނަށް ވަރަށް ސާފުކޮށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ނަޝީދު ވަނީ ރައީސަށް މިއަދު ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. ނަމަވެސް، ރައީސް ވިދާޅުވީ މިހާތަނަށް އެމަނިކުފާނާ ހަމައަށް އެ ސިޓީ ނުލިބޭ ކަމަށެވެ.

ޖަލްސާތައް ފެށުން މިއަދު ލަސްވި ނަމަވެސް، ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ވޯޓަކަށް ދިޔުމާ ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހިއިރު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތަޅުމުގައި ތިއްބެވި އެވެ.