Roadha Mihaaru
މި ހަފުތާގައި ނެޝަނަލް އެމްބިއުލާންސްގެ ހިދުމަތް ފަށަނީ

ނެޝަނަލް އެމްބިއުލާންސްގެ ހިދުމަތް މި ހަފުތާގައި ފަށާނެ: ހެލްތު މިނިސްޓްރީ

25 އޯގަސްޓް 2020

ނެޝަނަލް އެމްބިއުލާންސްގެ ހިދުމަތް މި ހަފުތާ ތެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނެޝަނަލް އެމްބިއުލާންސްގެ ހިދުމަތް މި ހަފުތާ ތެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ޑައިރެކްޓަރު އަހުމަދު ނާސިރު "މިހާރު" އަށް ވިދާޅުވީ މި ހިދުމަތް އެންމެ ފުރަތަމަ ފަށާނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށެވެ. އަދި މިކަން ފަށާނީ ކޮވިޑް-19 ފެތުރޭތީ އެކަމާ ދެކޮޅަށް މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނާސިރު ވިދާޅުވި ގޮތުގައި، ފަހުން ހުރިހާ މެޑިކަލް އެމަޖަންސީތަކެއްގައި ވެސް މި ހިދުމަތް ލިބޭނެ އެވެ.

"ކޮވިޑް ޖެހިގެން ގޭގައި މަޑުކުރަމުން އަންނަ މީހުން، ހޮސްޕިޓަލްތަކަށް ގެންދިިއުމުގެ ހިދުމަތްތައް ދޭން އަޅުގަނޑުމެން އެހީތެރިވާނީ،" ނާސިރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މި ހިދުމަތް ފަށާއިރު 11 ލޭންޑް އެމްބިއުލަންސް ބޭނުންކުރާނެ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ވިލިމާލެ އަދި މާލެއާ ދެމެދު ސީ އެމްބިއުލަންސް ވެސް ތައާރަފްކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކަތް ކުރަމުން ދިޔައީ މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ނެޝަނަލް އެމްބިއުލަންސްގެ ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސަން. އެކަމަކު ކޮވިޑާ ގުޅިގެން މި ދިމާވި ހާލަތުގެ ސަބަބުން މި ކަން މި ވަނީ މަޑުޖެހިފައި،" ނާސިރު ވިދާޅުވި އެވެ.

ނެޝަނަލް އެމްބިއުލަންސްގެ ހިދުމަތް ހޯދަން މިހާރު ގުޅަން ޖެހޭނީ ކޮވިޑް-19 އާ ގުޅިިގެން ސިއްހީ ހިދުމަތް ހޯދަން ގުޅާ 1676 ނަންބަރަށް ކަމަށް ނާސިރު ވިދާޅުވި އެވެ. ނަމަވެސް މި ހިދުމަތް މުޅި ރާއްޖެއަށް ތައާރަފްކުރާނީ އެކަމަށް ހާއްސަ ނަންބަރު "100" އާ އެކު އެވެ. އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައި ހުރެފައި ވެސް މެޑިކަލް އެމާޖަންސީއެއް ދިމާވުމުން އެ ނަންބަރަށް ގުޅުމުން ހިިދުމަތް ލިބޭނެ ކަމަށެވެ.

"މިކަމަށް ހާއްސަ ސޮފްޓްވެއާއަކާ އެކު އަޅުގަނޑުމެން މި ހިދުމަތް ތައާރަފްކުރާނީ. ހެލްތު ސެންޓަރުތަކުގައި ވެސް މި ސޮފްޓްވެއާ ބޭނުންކުރެވޭނެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސާނަން،" ނާސިރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަކޮށްފައި ވާއިރު ނެޝަނަލް އެމްބިއުލާންސްގެ ހިދުމަތް ފަށަން ހެލްތު މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އަންނަނީ ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ވެސް ހިންގަމުންނެވެ. މިދިޔަ އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި 40 މީހުންނަށް، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާއި އެމްއެންޑީއެފާއި ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

"ޑްރައިވަރުންނާއި ޕެރަމެޑިކްސް އަދި ކޯލް ސެންޓަރުގައި މަސައްކަތްކުރާ މީހުން ވެސް އަޅުގަނޑުމެން މި އަންނަނީ ތަމްރީންކުރަމުން،" ނާސިރު ވިދާޅުވި އެވެ.