25 އޯގަސްޓް 2020
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެމްބަރުން އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމުމުގައި ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް، އޭނާގެ މަސްލަހަތު ފުށުއަރާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެމްބަރުން އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމުމުގައި ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް، އޭނާގެ މަސްލަހަތު ފުށުއަރާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލި 41 ބޭފުޅުންގެ ތެރެއިން 15 ބޭފުޅަކަށް ރުހުން ދޭން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޮތީ ނިންމައިފަ އެވެ. އެކަމުގައި އެ ކޮމިޓީގެ މެމްބަރު ސަނީފް މަސްލަހަތު ފުށުއަރާ ކަމެއް އޮވެ، އޭނާ ބައިވެރިވެވަޑައިގަތް ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވީ މިއަދުގެ ޖަލްސާގައި މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ސަނީފްގެ މައްސަލަ އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވީ ސަނީފުގެ ކުރީގެ އަނބިކަނބަލުންނަށް ރުހުން ދޭން ސީއެސްސީ އަށް އައްޔަން ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި އޮތުމުންނެވެ.
އެ މައްސަލާގައި އިމްތިޔާޒު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ސަނީފުގެ މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށް ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ. އެކަމަކު އެފަދަ ކަންކަމުން މެމްބަރުން ތަނާޒުލްވާން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ފާސްކުރި އެވެ. އެގޮތަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ، އާއިލީ ގޮތުން ގުޅުން ހުރި ފަރާތްތަކުގެ ކަންކަމުން ތަނާޒުލްވާން ޖެހޭ ގޮތަށް ގަވާއިދުގައި މިހާރު ކަނޑައަޅާފައި ނެތުމެވެ. މީގެ ކުރިން ވެސް މެމްބަރުންގެ އާއިލީ ގޮތުން ގާތް ބޭފުޅުންގެ ކަންކަމުގައި އެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި އެގޮތަށް ނިންމަން ނާޒިމް ހުށަހެޅުއްވި އެވެ. އެކަމަކު، އެފަދަ ކަންކަމުގައި މެމްބަރުން ތަނާޒުލްވާން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރުން މުހިންމު ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިއަދު ވަކި މެމްބަރެއް ވީމާ އަޅުގަނޑުމެން ގަވާއިދެއް ހަދައިގެން ނުގޮސް މިހާރު އޮތް ގޮތަށް މިހާރު ނިންމަންވީ. ފަހުން އެ ގަވާއިދަށް ދާނީ،" ނާޒިމް ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ އާއިލީ ގޮތުން ގާތް މީހުން ކަނޑައަޅާފައިވަނީ މާލިއްޔަތު ގަވާއިދުގައި ކަމަށާއި އެ ގަވާއިދު ވެސް ކުރީގެ އަނބިންނަކީ އާއިލީ ގޮތުން ގާތް މީހުން ކަމަށް ބަލާފައި ނުވާ ކަމަށެވެ.
ނާޒިމް ހުށަހެޅުމަށް ކޮމިޓީގެ ގިނަ މެމްބަރުން ވެސް ތާއީދު ކުރެއްވި އެވެ. މިއީ މި މަޖިލީހުގައި އިމްތިޔާޒް ކޮމިޓީން މެމްބަރެއްގެ މައްސަލައެއް ނިންމި ފުރަތަމަ ފަހަރެވެ.
ސަނީފްގެ ކުރީގެ އަނބިކަނބަލުން ވެސް ހިމެނޭ ގޮތަށް ސީއެސްސީ އަށް ހޮވާނެ މެމްބަރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވެސް އޮތީ ކަނޑައަޅައިފަ އެވެ.
ސީއެސްސީގެ އާ ރައީސަކަށް ނާސިހު
ސީއެސްސީގެ ލިސްޓް އެކުލަވާލި ގޮތް ބަލަން އަންގައިފި
އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފި
އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް
ސީއެސްސީގެ 4 މެމްބަރަކު ވަކިކުރަން ކޮމެޓީން ނިންމައިފި
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ
އެންމެފަހުން ސީއެސްސީގެ ރައީސާއި މެމްބަރުން ވަކިކުރަނީ
ސީއެސްސީގެ ނައިބު ރައީސް ޝަހީދު ވަކިކުރަނީ
ސީއެސްސީއަށް އާމިރާ އައްޔަން ކުރަން ފާސްކޮށްފި