Roadha Mihaaru
އާލިއާގެ މަންމަ ސޯނީ އެނގެނީ ކިހާ ވަރަކަށް؟

އާލިއާ ބަޓްގެ މަންމަ ސޯނީ އެނގެނީ ކިހާ ވަރަކަށް؟

26 އެޕްރީލް 2021

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާންއަކީ ހިންދީ ސިނަމާގައި މާ މަޝްހޫރު ނަމެއް ނޫނެވެ. އެކަމަކު، އޭނާ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވެ އެވެ. ގިނައިން ކުޅެފައި ވަނީ ސަޕޯޓިން ރޯލުތަކެވެ. މިހާރު ވެސް ސޯނީ 64، އަކީ ފިލްމުތަކުން މަދުމަދުން ނަމަވެސް ފެންނަ ބަތަލާއެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާންއަކީ ހިންދީ ސިނަމާގައި މާ މަޝްހޫރު ނަމެއް ނޫނެވެ. އެކަމަކު، އޭނާ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވެ އެވެ. ގިނައިން ކުޅެފައި ވަނީ ސަޕޯޓިން ރޯލުތަކެވެ. މިހާރު ވެސް ސޯނީ 64، އަކީ ފިލްމުތަކުން މަދުމަދުން ނަމަވެސް ފެންނަ ބަތަލާއެކެވެ.

ސޯނީ އުފަންވީ އިނގިރޭސި ވިލާތުގެ ބާމިންހަމަށެވެ. އޭނާގެ ރަށްވެހިކަން ވެސް އޮންނަނީ އެ ގައުމުގަ އެވެ. ސޯނީގެ ބައްޕަ އަކީ ކަޝްމީރުގެ މީހެކެވެ. މަންމަ އަކީ ޖަރުމަންގެ ރައްޔިތެކެވެ.

ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓާއި ސޯނީ ކައިވެނިކުރީ 1986 ގަ އެވެ. އެ ކައިވެންޏަކީ އޭރު މަހޭޝްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ދަރިން ކަމަށްވާ ޕޫޖާއި ބަޓާއި ރާހުލް ބަޓް ވަރަށް ނުގަބޫލު ކައިވެންޏެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޕޫޖާ އާއި ދޮންމަންމަ ސޯނީއާ ދެމެދު ގުޅުން ވެސް ރަނގަޅެއް ނޫނެވެ. އެކަކު އަނެކަކާ ވާހަކަ ވެސް ނުދައްކައި ގިނަ ޒަމާންތަކެއް ދިޔަ ނަމަވެސް މިހާރު ޕޫޖާ އާއި ސޯނީގެ ގުޅުން ވަރަށް ރަނގަޅެވެ.

ސޯނީ އާއި މަހޭޝް އަށް ލިބުނީ ދެ އަންހެން ދަރިންނެވެ. އެއީ އާލިއާގެ އިތުރުން އޭނާގެ ދޮއްޓަށް ހުރި ޝާހީން ބަޓެވެ. މަހޭޝްގެ ފިރިހެން ދަރިފުޅު ރާހުލް ފަދައިން ޝާހީނަކީ ވެސް ފިލްމީ ކަންކަމާ އުޅޭ ޒުވާނެއް ނޫނެވެ. އެކަމަކު އޭނާ އަކީ ލިޔުންތެރިކަމަށް ވަރަށް ބޮޑު ޝައުގުވެރިކަން ދޭ މީހެކެވެ. އަމިއްލަ އަށް ތަޖުރިބާކުރަން ޖެހުނު ޑިޕްރެޝަނުގެ ވާހަކަ ފޮތެއްގެ ސިފައިގައި ވެސް ނެރެފައިވެ އެވެ.

ސޯނީ މިހާތަނަށް "ބަޓް ކޭމްޕް" އިން ހެދި ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު އޭނާގެ އެކްޓިން ކެރިއަރު ފެށުނީ އިނގިރޭސި ތިއޭޓަރު ޕްލޭ "ދަ ކަލެކްޓާ" އިންނެވެ. ހިންދީ ސިނަމާ އަށް ސޯނީ ތައާރަފުވީ ހިންދީ ތިއޭޓަ ޕްލޭ "ބަންދު ދަރުވާޒޭ" އިންނެވެ.

މަހޭޝް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން ސޯނީ މަސައްކަތްކޮށްފައި ވަނީ ގުމްރާހް، ސަޅަކް، ސާރަންޝް، ޑެޑީ އަދި ސާގަ އެވެ. މި ނޫން ވެސް ފިލްމުތައް ހިމެނެ އެވެ.

މި ފަހުން ސޯނީ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި ވޯ، ޕޭޖް 3، ޝޫޓްއައުޓް އެޓް ވަޑާލާ އަދި ލަވް ބްރޭކްއަޕްސް ޒިންދަގީ ހިމެނެ އެވެ.

ދަރިފުޅު އާލިއާއާ އެކު ސޯނީ 2018 ގައި "ރާޒީ" ގައި މަސައްކަތް ކޮށްފައި ވެ އެވެ.

ފިލްމުތަކުގައި އެކްޓްކުރުމުގެ އިތުރުން އޭނާ މިހާތަނަށް ތިން ފިލްމު ޑައިރެކްޓްކޮށްފައި ވެސް ވެ އެވެ. އެއީ ލަވް އެފެއާ އާއި އަދުނާން ޚާންގެ އިތުރުން ނަޒަރު އެވެ.

ފީޗާ ފިލްމުތަކުގެ އިތިރުން ސޮނީ ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ސްޓާ ޕްލަސްގެ "ލަވް ކާ ހޭ އިންތިޒާރު" އާއި ޑީޑީ ނެޝަނަލްގެ "ބުނިޔާދު" ހިމެނެ އެވެ.

އަންނަ މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގްގެ "ސަރުދާރު ކާ ގްރޭންޑްސަން" އިން ސޯނީ ފެންނާނެ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކޯލް މައި އޭޖެންޓް" ވެސް ހިމެނެ އެވެ.