Roadha Mihaaru
ސަންޖޭގެ ފަރުވާ އަށް އެމެރިކާގެ ފަސް އަހަރުގެ ވިސާ

ސަންޖޭ ދަތުގެ ފަރުވާ އަށް އެމެރިކާ އިން ފަސް އަހަރުގެ ވިސާ ހޯދައިފި

27 އޯގަސްޓް 2020

ޕުއްޕާމޭގެ ކެންސަރު ޖެހިގެން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގި އެކްޓަރު ސަންޖޭ ދަތު ފަރުވާ ހޯދަން ވަރަށް އަވަހަށް އެމެރިކާ އަށް ފުރާނެ ކަމަށާއި އޭނާ މިހާރު ފަސް އަހަރުގެ ވިސާ ވެސް ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕުއްޕާމޭގެ ކެންސަރު ޖެހިގެން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގި އެކްޓަރު ސަންޖޭ ދަތު ފަރުވާ ހޯދަން ވަރަށް އަވަހަށް އެމެރިކާ އަށް ފުރާނެ ކަމަށާއި އޭނާ މިހާރު ފަސް އަހަރުގެ ވިސާ ވެސް ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 61 އަހަރުގެ އެކްޓަރު އަންނަ މަހުގެ ތެރޭގައި ނިއު ޔޯކަށް ފުރާނެ އެވެ. އަދި އޭނާއާ އެކު އަންހެނުން މާންޔަތާ ދަތާއި ދެ ދަރިންނާއި ކޮއްކޮ ޕްރިޔާ ދަތު ވެސް ދާނެ އެވެ.

ސަންޖޭ ފަރުވާ އަށް އެމެރިކާ އަށް ދާ އިރު، އޭނާގެ އަލަތު ކައިވެންޏަށް ލިބުނު ދަރިފުޅު ޓްރިޝަލާ ދަތު، 32، އަކީ މަންމަ ފަރާތު އާއިލާ މީހުންނާ އެކު އެމެރިކާގައި ދިރިއުޅެމުން އަންނަ މީހެކެވެ. ބްރެއިން ޓިއުމަރެއްގައި ޓްރިޝަލާގެ މަންމަ ރިޗާ ޝަރުމާ ވަނީ އެންމެ 32 އަހަރުގައި 1996 ގައި މަރުވެފަ އެވެ.

މީޑިއާތަކުން ބުނީ ސަންޖޭ ފަރުވާ އަށް އެމެރިކާ އަށް ފުރަންދެން މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލްގައި ކީމޯތެރަޕީ ފަރުވާ ހޯދާނެ ކަމަށެވެ. އަދި އޭނާ މި ވަގުތު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގައި ކަމަށް ވެސް ބުންޏެވެ.

ބައެއް ނޫސްތަކުން ބުނި ގޮތުގައި ސަންޖޭ ނިއު ޔޯކަށް ގޮސް ފަރުވާ ހޯދާނީ ކެންސަރު ބަލީގައި 1981 ގައި މަރުވި އޭނާގެ މަންމަ ކުރީގެ މަޝްހޫރު ބަތަލާ ނަރްގިސް ވެސް ފަރުވާ ހޯދި ނިއު ޔޯކްގެ މެމޯރިއަލް ސްލޯން ކިޓެރިން ކެންސަ ސެންޓާ (އެމްއެސްކޭސީސީ) ގަ އެވެ.

ސަންޖޭ ކުއްލިއަކަށް މި މަހުގެ މެދުތެރޭގައި ބަލިވިއިރު އޭނާގެ ފަސް ފިލްމެއްގެ މަސައްކަތް ނުނިމި އެބައޮތެވެ. ސަންޖޭގެ ކުރިއަށް އޮތް ފިލްމަކީ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ "ސަޅަކް 2" އެވެ.