Roadha Mihaaru
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން

ޓެސްޓް ޕޭޕަރެއްގައިި ކަރީނާގެ ދޮށީ ދަރިފުޅުގެ ނަން ލިޔަން ޖެހުމުން މައްސަލައަކަށް!

26 ޑިސެމްބަރ 2021

އިންޑިއާގެ މަދިޔަ ޕްރަދޭޝް ސްޓޭޓްގެ ސްކޫލެއްގެ ގްރޭޑް 6 ގެ ޓެސްޓް ޕޭޕަރެއްގައި، ބޮލީވުޑްގެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅުގެ ނަމާ ބެހޭގޮތުން ސުވާލު ކުރުމުން ބެލެނިވެރިން އެ މައްސަލަ ޖެއްސުމުން އެކަން ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަދިޔަ ޕްރަދޭޝް ސްޓޭޓްގެ ސްކޫލެއްގެ ގްރޭޑް 6 ގެ ޓެސްޓް ޕޭޕަރެއްގައި، ބޮލީވުޑްގެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅުގެ ނަމާ ބެހޭގޮތުން ސުވާލު ކުރުމުން ބެލެނިވެރިން އެ މައްސަލަ ޖެއްސުމުން އެކަން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވާ ޓެސްޓް ޕޭޕަރުގައި އެ ސުވާލު ހިމަނާފައި އޮތީ ސެކްޝަން ބީ (ކަރަންޓް އެފެއާޒް) ގަ އެވެ. ފަސް ސުވާލު ހިމަނާފައިވާ ބައިގައި ދެވަނަ ސުވާލުގައި ބުނެފައި އޮތީ "ރައިޓް ދަ ފުލް ނޭމް އޮފް ދަ ސަން އޮފް ކަރީނާ ކަޕޫރް ޚާން އެންޑް ސައިފް އަލީ ޚާން" އެވެ.

މި ސުވާލު ޓެސްޓް ޕޭޕަރުގައި ހިމެނީ މަދިއަ ޕްރަދޭޝްގެ ކަންދުވާ ސިޓީގެ ސްކޫލަކުންނެވެ. ދަރިވަރުންނަށް އެނގުން ލާޒިމު ނޫން "ތާކުންތާކު ނުޖެހޭ" ސުވާލެއް ޕޭޕަރުގައި ހިމެނުމުން މިކަމާ ބެލެނިވެރިން ވަރަށް ބޮޑަށް ރުޅިގަދަވެ، މަދިއަ ޕްރަދޭޝްގެ އެޑިއުކޭޝަން ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅި އެވެ. މިކަމާ ބެހޭ ގޮތުން ކަންޑްވާ ޑިސްޓްރިކްޓް އެޑިއުކޭޝަން އޮފިސަރު ސަންޖީވް ބަލެރާއޯ ވިދާޅުވީ ޓެސްޓް ޕޭޕަރުގެ މައްސަލަ ސަމާލު ކަމަށް އައުމުން އެކަން ހިނގައި ދިޔަ ގޮތް ސާފުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން މިހާރު ސްކޫލަށް ވާނީ ޕޭޕަރުގައި ހިމަނަން އެކަށީގެން ނުވާ ޒާތުގެ ސުވާލެއް ހިމެނުނީ ކިހިނެއްތޯ ސާފުކޮށް ދޭން ނޯޓިސް ވެސް ފޮނުވާފައި." ސަންޖީވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަން ރަނގަޅަށް ބަލައި ސްކޫލަށް އަޅަން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅާނެ އެވެ.

ކަރީނާ އާއި ސައިފުގެ ދޮށީ ދަރިފުޅަކީ މި މަހުގެ 20 ގައި 5 އަހަރު ފުރުނު ތައިމޫރު އަލީ ޚާން ޕަޑޯޓީ އެވެ. ތައިމޫރަކީ އުފަންވީއްސުރެ އިންޑިއާގެ ސެލެބްރިޓީންހާ މަޝްހޫރު ކުއްޖެކެވެ. ކަރީނާ އާއި ސައިފު ދެވަނަ ދަރިފުޅަކީ މިހާރު 7 މަހުގެ ޖަހާންގީރެވެ.

ސްކޫލެއްގެ ޓެސްޓް ޕޭޕަރެއްގައި ފިލްމީ ތަރިންތަކެއްގެ ދަރިފުޅުގެ ނަން ލިޔަން ޖެއްސި އިރު، އިންޑިއާގެ ބައެއް ޓެކްސްޓް ފޮތްތަކުގައި އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިންގެ ވާހަކަ ހިމެނުމަކީ އާންމު ކަމެކެވެ. އެގޮތުން ޕްރިޔަންކާ ޗޯޕްރާ އާއި ވިވެކް އޮބެރޯއީ އާއި އަބީޝެކް ބައްޗަނާއި ރިތިކް ރޯޝަން އަދި މިދިޔަ އަހަރު މަރުވި ސުޝާންތު ސިންގް ރާޖްޕޫތު ފަދަ ތަރިންގެ ވާހަކަތައް އެ މީހުންގެ ކާމިޔާބީތަކާ ގުޅުވައިގެން ހިމަނާފައިވެ އެވެ.