27 އޯގަސްޓް 2020
މާލޭގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަމިއްލަ ގެ އަށް ގެއްލުން ލިބުމުން، ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ މީހުން އަންނަ ހޯމަދުވަހުގެ ނިޔަލަށް ވަގުތީ ބޯހިޔާވަހިކަމުން ނުނިކުމެއްޖެ ނަމަ ނެރޭނެކަން އަންގައިފި އެވެ.
މާލޭގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަމިއްލަ ގެ އަށް ގެއްލުން ލިބުމުން، ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ މީހުން އަންނަ ހޯމަދުވަހުގެ ނިޔަލަށް ވަގުތީ ބޯހިޔާވަހިކަމުން ނުނިކުމެއްޖެ ނަމަ ނެރޭނެކަން އަންގައިފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންގެ ގެތައް ހަދަން ބޭނުންވާ ފައިސާގެ ވަކި ވަރެއް ސަރުކާރުން ދިނުމަށް ފަހު، ވަކި މުއްދަތެއްގެ ތެރޭގައި ގެ އަށް ބަދަލުވާން ޖެހޭނެކަން އަންގަފާއި އޮތް ނަމަވެސް އެ މީހުން މިހާރު ތިބި ގާކޮށި ފްލެޓްގެ އެޕާޓްމެންޓްތަކުން ނުކުތުމުގެ ވިސްނުމެއް ބައެއް އާއިލާތަކުން ނުގެންގުޅޭ ކަމަށެވެ. އެހެންވެ، އެ މީހުންނަށް ވަނީ މި މަހުގެ ނިޔަލަށް ފަހު ފުރުސަތު ދީފައި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ހެންވޭރު ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ސެޕްޓެމްބަރު 2019ގައި ހިނގި އެ ހާދިސާ އަށް އަހަރެއް ވާން ކައިރިވެފައިވާ އިރު، ކޮވިޑްގެ ހާލަތާ ގުޅިގެން ސަރުކާރުން ވަނީ އެ އާއިލާތައް ގާކޮށީގައި ތިބުމުގެ މުއްދަތު އިތުރުކޮށްދީފަ އެވެ. އެކަމަކު ރައީސް އޮފީހުގެ ލަފާގެ މަތިން އެންޑީއެމްއޭ އިން މިހާރު ވަނީ އޭގެ ތެރެއިން ފަސް ގޭބިސީއެއްގެ ގާތްގަނޑަކަށް 23 މީހުން މި މަސް ނިމެންވާ އިރަށް އެ ތަނުން ނުކުންނަން އަންގައިފަ އެވެ. އެންޑީއެމްއޭ އިން ބުނިގޮތުގައި އެ އެންގުމާ އެއްގޮތަށް މިހާތަނަށް ގާކޮށިން ނުކުތީ ހައެއްކަ މީހުން ތިބި އެންމެ އާއިލާއެކެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި، ހޯމަދުވަހުގެ ނިޔަލަށް ގާކޮށިން ނުނިކުމެއްޖެ ނަމަ "ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހުން އެ ތަނުން ނެރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރާނެކަން" މިދިޔަ މަހު 23ގައި ލިޔުމުން ވަނީ އަންގައިފަ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އަމިއްލަ ގެދޮރު ގެއްލުނު ޖުމްލަ ހަތް ގޭބިސީއެއްގެ 29 މީހަކަށް ގާކޮށިން ބޯހިޔާވަހިކަން ދިނެވެ. އޭގެ ތެރެއިން، އެ ހާދިސާގައި އެއްކޮށް ބިމާހަމަވި ނެއިބާ އާއި ނިގާރަންގެ މީހުން ގެ އަށް ބަދަލުވާން ދީފައިވާ އެއް އަހަރުގެ މުއްދަތު ހަމަވާނީ އަންނަ މަސް ނިމޭ އިރު އެވެ. މި މަހުގެ ނިޔަލަށް ނުކުންނަން އަންގާފައިވާ މީހުންގެ ގެތައް، ތިން މަހާއި ހަތަރު މަހާއި ފަސް މަސް ތެރޭ މަރާމާތުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މި މުއްދަތުތައް ކަނޑައެޅީ ސަރުކާރުން ހެދި އެސެސްމެންޓްތަކަށް ބިނާކޮށެވެ.
އެ ހާދިސާ އަށް ފަހު ވަގުތީ ބޯހިޔާވަހިކަން ހޯދަން ޖެހުނު ބައެއް އާއިލާތަކާ ވާހަކަ ދައްކަން "މިހާރު"ން މަސައްކަތްކޮށް މިހާތަނަށް ކާމިޔާބު ނުވާތީ، އެ މީހުންގެ ހާލަތު ހުރި ގޮތެއް ނުވަތަ ގެ އަށް ބަދަލު ނުވެވޭ ސަބަބެއް އަދި ސީދާ ސާފެއް ނުވެ އެވެ. އެކަމަކު، ހިސާން ވިދާޅުވިގޮތުގައި، ލިބުނު ފައިސާ އިން ނުފުދޭ ކަމާއި ވަންނާނެ ތަނެއް ނެތް ކަމުގެ ޝަކުވާ، ގާކޮށިގައި ތިބި މީހުން ކުރެ އެވެ.
އަލިފާނުގެ ހާދިސާގައި އެނދި ގެއެއްގެ އެތެރެ އަޅި އަށް ވެފައި.
ހިސާން ވިދާޅުވީ ގާކޮށީގައި އެ އާއިލާތައް ދިރިއުޅުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދީފައިވާ އިރު، ގޭގެ މަރާމާތަށް، "ލިބުނު އެހީތެރިކަމުން ކޮންމެވެސް މިންވަރެއް ހޭދަކުރެވެންވާނެ" ކަމަށެވެ.
"މި ފަރާތްތަކަށް ދީފައި ހުރި ފައިސާ އިން ގޭގެ ކޮންމެވެސް ތަނެއް ހަދައިގެން މިހާރު ބަދަލުވެވުނީސް. އެކަމަކު ނިކުތުމުގެ ވިސްނުމެއް ނެތް،" ހިސާން ވިދާޅުވި އެވެ.
އެންޑީއެމްއޭ އިން "މިހާރު"އަށް ދިން މައުލޫމާތުތަކަށް ބަލާ އިރު، ގާކޮށީގައި ބޭތިއްބި ހަތް ގޭބިސީ ނިސްބަތްވާ ހަ ގޭގެ ތެރެއިން ދެ ގެއަކަށް، އިމާރާތަށް ލިބުނު ގެއްލުމަށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ. އަދި ދެ ގެއަކަށް 850،000 ރުފިޔާ، އެއް ގެ އަށް 310،000 ރުފިޔާ ލިބުނެވެ. އެންގުމާ އެއްގޮތަށް ގާކޮށިން ނުކުތް އާއިލާ އަށް ލިބުނީ 26،000 ރުފިޔާ އެވެ. މިއީ ހިފާ ގެންގުޅޭ ސާމާނަށް ބަދަލުގެ ގޮތުގައި ދީފައިވާ އެހީގެ އިތުރުން ދިން ފައިސާ އެވެ. ކެއިންބުއިމުގެ އިނާޔަތެއް ވެސް އެ އާއިލާތަކަށް ސަރުކާރުން ދީފައިވެ އެވެ. ޖުމްލަ އެހީގެ ގޮތުގައި ހަތަރު ގެއަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ، އެއް ގެ އަށް 624،000 ރުފިޔާ އަދި ދެން ހުރި ގެ އަށް 293،000 ރުފިޔާ ލިބުނެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި މިދިޔަ މަހުގެ ނިޔަލަށް މި އާއިލާތަކަށް ގާކޮށީގެ އެޕާޓްމެންޓުތަކުގެ ކަރަންޓު ބިލާއި ފެން ބިލާއި މެއިންޓެނެންސް ފީ ދައްކައިދިނީ ވެސް ސަރުކާރުންނެވެ. އަދި އެ އެޕާޓްމަންޓްތަކަށް ބޭނުންވާ ފަރުނީޗަރާއި ދިރިއުޅުމުގެ ޒަރޫރީ އެހެނިހެން ތަކެތި ވެސް އެންޑީއެމްއޭ އިން ފޯރުކޮށްދިފައިވާނެ ކަމަށް އެ ތަނުން ބުންޏެވެ.
ހިސާން: ސަރުކާރުން ގެއްލުމުގެ ވަކި ވަރެއް ފޫބައްދައިދިނުމަކީ އާއްމު އުސޫލު ކަމަށް ވިދާޅުވި.
ހިސާން ވިދާޅުވިގޮތުގައި ގެތައް މަރާމާތުކުރުމަށާއި ހިފާގެންގުޅޭ ތަކެތި ގަންނަން އެހީ ދޭނެ އަދަދުތައް ކަނޑައެޅީ އެންޑީއެމްއޭގައި އޮންނަ އުސޫލާ އެއްގޮތަށް އެ އޮތޯރިޓީންނާއި ހައުސިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިންޖިނިއަރުން ހެދި ދެ އެސެސްމެންޓަކަށް ބިނާކޮށެވެ. އޭނާ ވިދާޅުވީ ގާކޮށީގައި އެ މީހުންނަށް ތިބެވޭނީ މަރާމާތަށް ހޭދަވާނެ ކަމަށް އިންޖިނިއަރުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ކަމަށް އޮތީ ނިންމައިފަ އެވެ. އެއީ އެ މީހުންގެ އެކައުންޓަށް އެހީގެ ފައިސާ ޖަމާވާ ދުވަހުން ފެށިގެން އެ މުއްދަތު ގުނާ ގޮތަށެވެ. އެކަން ގެތަކުގެ ވެރިންނަށް ދުރާލާ އަންގާފައި އޮތް ނަމަވެސް ބައެއް މީހުންނަށް ދިން މުއްދަތު ހަމަވީ ކޮވިޑްގެ ސަބަބުން ހާލަތު ގޯސްވާން ފެށި ދަނޑިވަޅުގައި ކަމަށް ވާތީ އެ މީހުން ނުނެރެ މަޑުކުރީ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި ސަރުކާރުގެ އެސެސްމަންޓްގައި އަގުކޮށްފައިވާ ގޮތް ގޯސްކަމުގެ ޝަކުވާ އާއިލާތަކުން ކޮށްފައިވެ އެވެ. އެކަމަކު މިނިވަން އިންޖިނިއަރަކު މެދުވެރިކޮށް އެސެސްމަންޓް ހަދައި ޕްލޭނިން މިނިސްޓްރީ އަށް ހުށަހެޅުމުން ނޫނީ މިހާރު ހަދާފައި އޮތް އެސެސްމަންޓް ގޯސް ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށް އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ހިސާން ވިދާޅުވީ ސަރުކާރުން ގެއްލުމުގެ ވަކި ވަރެއް ފޫބައްދައިދިނުމަކީ ރާއްޖެ އާއި އެހެން ގައުމުތަކުގައި ވެސް އާއްމު އުސޫލު ކަމަށެވެ.
"އެއްވެސް ގައުމެއްގައި ކާރިސާތަކުން ލިބޭ ގެއްލުމުގެ ބަދަލަށް ފުލްކޮށް ބަދަލު ދިނުމުގެ އުސޫލެއް ނޯވޭ. ސުނާމީން ފެށިގެން ދިވެހިރާއްޖޭގައި އަމަލުކުރަނީ ވެސް އެ އުސޫލުން. އަޅުގަނޑުމެންގެ އުސޫލުތައް ހެދިފައި މިހިރީ ވަރަށް ހަރުދަނާކޮށް. އުސޫލާއި ގައިޑްލައިންގެ ތެރެއިން، އެ މީހުންގެ ދިރިއުޅުން އާރާސްތުކުރަން މި ލިބެނީ އެހީތެރިކަން. ދެން މަޑުމަޑުން ދިރިއުޅުން އާރާސްތުކުރުމަކީ އެ އާއިލާއެއްގެ ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.
ތިލަފުށި ގޭގައި ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު މުޅި ހިސާބަށް ފެތުރިފައި
އެންޑީއެމްއޭ އިން ބުނީ މިފަދަ ހާދިސާތަކުން ލިބޭ ގެއްލުންތައް ފޫބައްދަން އާއްމުން އިންޝުއަރެންސް ނެގުން މުހިއްމު ކަމަށެވެ. ހިސާން ވިދާޅުވިގޮތުގައި އެ އޮތޯރިޓީން އިންޝުއަރެންސް ކުންފުނިތަކާ އެކު ކުރި މަސައްކަތްތަކަކުން، އަހަރަކު ކުޑަ އެއްޗެއް ދައްކަން ޖެހޭ ރަނގަޅު ޕެކޭޖުތަކެއް ތައާރަފްކޮށްފައި ވެސް އެބަހުއްޓެވެ.
"އެކަމަކު މި ކަންކަމަށް މީހުން އެބަ ޖެހޭ ވަރަށް ބޮޑަށް އަހުލުވެރިވާން. އިންޝުއަރެންސްކޮށްގެން، ދައުލަތަށް ބުރަ ކުޑަވާ ގޮތަކަށް އެހެން ދިމާލަކަށް ރިސްކު ޓްރާންސްފާކޮށްލެވިގެން ދައުލަތުން މި ކަންކަމަށް ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑު ތަން ކުޑަކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ތިލަފުށި ގުދަނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ރޯވި އެންމެ ބޮޑު އަލިފާނެވެ. އެކަކު މަރުވެ އެތަކެއް ސަތޭކަ މީހުންނަށް އަސަރު ފޯރި އެ ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ އެ ވަގުތު މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފަ އެވެ.
އަލިފާނުގެ ހާދިސާގައި އެނދި އިމާރާތް ރޫޅާލައިފި
އެނދި ގެތައް އަލުން ހެދޭނެ ދުވަހެއްގެ އިންތިޒާރުގައި
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
ނީލަން ފިހާރަ ބަދަލުކުރަން ހުއްދައެއް ނުދިން: މުއިއްޒު
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
މުޅި އިމާރާތް އެނދިއިރު ތިން މިލިއަނުގެ ގެއްލުމެއް
މާލޭގެ ގެއެެއްގައި ގޭސްފުޅިއެއް ގޮވައި ދެމީހަކު ފިހިއްޖެ
އަލިފާނުގެ ނުރައްކަލުގައި: "އިންސާނުންނެއް ނޫން ބާ؟"
މީހުން ދިރިއުޅޭ ހިސާބުގައި ތެޔޮ ރައްކާކުރުން މަނާކޮށްފި
ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ