Roadha Mihaaru
މިނީ ޓޯނަމެންޓް ފޯމެޓަށް ޔުއެފާ ރައީސްގެ ތާއީދު

މިނީ ޓޯނަމެންޓް ފޯމެޓަށް ޔުއެފާ ރައީސްގެ ތާއީދު

28 އޯގަސްޓް 2020

ޒިއުރިކް (އޮގަސްޓް 28) - މި އަހަރު ޔުއެފާ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން އެއް ލެގު އުސޫލުން އެއް ސަރަހައްދެއްގައި މިނީ ޓޯނަމެންޓް ފޯމެޓަށް މެޗުތައް ކުރިއަށްދިޔައިރު މެޗުތަކުގެ ވާދަވެރިކަން ފެނުމުން އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ޔުއެފާގެ ރައީސް އެލެކްޒެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޒިއުރިކް (އޮގަސްޓް 28) - މި އަހަރު ޔުއެފާ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން އެއް ލެގު އުސޫލުން އެއް ސަރަހައްދެއްގައި މިނީ ޓޯނަމެންޓް ފޯމެޓަށް މެޗުތައް ކުރިއަށްދިޔައިރު މެޗުތަކުގެ ވާދަވެރިކަން ފެނުމުން އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ޔުއެފާގެ ރައީސް އެލެކްޒެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރޭތީ މުބާރާތްތައް ކެންސަލްނުކޮށް ކުރިއަށްގެންދިއުމުގެ ވިސްނުމުގައި ޔުއެފާ އިން މެމްބަރު އެސޯސިއޭޝަންތަކާ މަޝްވަރާ ކުރުމަށް ފަހު ނިންމީ ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި މެޗުތައް ކުޅުމަށެވެ. އެ ގޮތުން ޔޫރޮޕާ ލީގުގެ މެޗުތައް ޖަރުމަނުގައި ބޭއްވިއިރު، ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅުނީ ޕޯޗުގަލްގަ އެވެ.

ރޮއިޓާސް އަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އުނދަގޫ ހާލަތެއްގައި ފެނުނު ހައްލެއްގެ ސަބަބުން މުސްތަގުބަލުގައި ކަންތައްތައް ރާވާނެ ގޮތްތަކާ މެދު މަޝްވަރާކުރަން ހުޅުވާލާނެ ކަމަށެވެ.

"މިއީ އަހަރެމެން މަޖުބޫރުން ކުރަން ޖެހުނު ކަމެއް. އެންމެނަށް ވެސް އެނގޭ އެކަން. ޔުއެފާގެ ކްލަބްގެ މުބާރާތްތައް ޒަމާނުއްސުރެން ކުޅެމުން އައީ ދެ ލެގު ގޮތަށް ވިސްނައިގެން. އެކަމަކު މި ފަހަރު ކޮވިޑް-19ގެ ސަބަބުން ސެންޓްރަލައިޒްކޮށް މި ގެންދިޔައީ. ފައިނަލް އަށް ޓީމު އެއް ސަރަހައްދެއްގައި ތިބެގެން މެޗުތައް ކުޅޭގޮތަށް. ހަގީގަތުގައި މި ބަދަލު މި ފެނުނީ ވަރަށް ޝައުގުވެރިކޮށް. ރަނގަޅު މެޗުތަކެއް ފެނުނު،" ކެފެރިން ވިދާޅުވި އެވެ.

"މިނީ ޓޯނަމެންޓް ފޯމެޓް މިދިޔައީ ވަރަށް ކާމިޔާބުކޮށް. މި ގޮތަށް އެއް ސިޓީއެއްގައި އެއް ހަފްތާ ތެރޭގައި ހުރިހާ މެޗެއް ކުޅެލައިގެން ނޫނީ އެ ކަހަލަ ގޮތަކަށް ރޭވިދާނެ. އެއީ ޔޫރޯ ކަހަލަ ފުޓްބޯޅަ ހަރަކާތަކަށް ވެސް ހެދިދާނެ. މިއީ އަދި އުފަންވަމުން އަންނަ ހިޔާލުތަކެއް. މި ކަންކަން ޖެހޭނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެ ފަދަ ފުރުސަތެއް އޮތްތޯ ބަލަން."

މި ވަގުތު ކްލަބާއި ގައުމީ ޓީމުތަކުގެ ޝެޑިއުލް އޮތްގޮތުން އަނެއްކާ ފޯމެޓް ބަދަލުކޮށްގެން ކަލަންޑަރުން ޖާގައެއް ހޯދުން ވާނީ ދަތިކަމަކަށްކަން ކެފެރިން ވަނީ ފާހަގަކުރައްވައިފަ އެވެ. އެހެން ނަމަވެސް މިނީ ޓޯނަމެންޓް ފޯމެޓަށް މުސްތަގުބަލުގައި މެޗުތައް ކުޅުމުގެ ވިސްނުން އެއީ ކިހިނެއް އޮތް ގޮތެއްތޯ މެމްބަރުގެ އެސޯސިއޭޝަންތަކުގެ ހިޔާލަށް ގޮވާލުން އެއީ ނެތް ގޮތެއް ނޫން ކަމަށް ކެފެރިން ވިދާޅުވި އެވެ.

ހަމައެކަނި މި ފަހަރުގެ މެޗުތަކުގައި ދިމާވި ހުސްކަމަކީ ސަޕޯޓަރުން ނެތުން ކަމަށާއި ސެންޓްރަލައިޒްކޮށް ކްލަބްގެ މުބާރާތެއް ޔޫރަޕްގައި މިނީ ޓޯނަމެންޓެއްގެ ގޮތުގައި އެއް ސަރަހައްދެއްގައި ކުޅޭއިރު އާދަޔާހިލާފު ނަތީޖާތަކެއް ނުކުތުމުގެ ފުރުސަތު އޮންނާނެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

މިހާރު މި ކުރިއަށްދާ ގޮތަށް ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފޯމެޓް އޮންނާނީ 2024/2025 ގެ ސީޒަނުގެ ނިޔަލަށެވެ. އޭގެ ފަހުން ފޯމެޓަށް ބަދަލެއް ގެންނަން ބޭނުންނަމަ އެކަން ކުރާނީ މެމްބަރު އެސޯސިއޭޝަންތަކާއި މަޝްވަރާކޮށް ބޮޑަށް ތާއީދު ލިބޭ ގޮތަށް ބެލުމަށް ފަހު އެވެ.