Roadha Mihaaru
ޔޫއެފާގެ އަމާޒު މުބާރާތްތަކުން 4.7 ބިލިއަން ހޯދުން

ޔޫއެފާގެ އަމާޒު، ކްލަބް މުބާރާތްތަކުން 4.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުން

07 ސެޕްޓެމްބަރ 2023

ޖެނީވާ (ސެޕްޓެމްބަރު 7) - އަންނަ އަހަރު އާ ފޯމެޓަކަށް ފެށުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކްލަބްތަކަށް ބިލިއަނުން ފައިސާގެ އިނާމު ދިނުމާއި، ކާމިޔާބީތަކަށް ބަލައި އިތުރު ފައިސާ އެ ކްލަބްތަކަށް ދިނުމުގެ އިތުރުން ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައި ނުވާ ކްލަބްތަކަށް ވެސް މިހާރަށް ވުރެ ބޮޑު ފައިސާގެ އެހީ ފޯރު ކޮށްދޭން ޔޫއެފާ އިން ރާވައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޖެނީވާ (ސެޕްޓެމްބަރު 7) - އަންނަ އަހަރު އާ ފޯމެޓަކަށް ފެށުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކްލަބްތަކަށް ބިލިއަނުން ފައިސާގެ އިނާމު ދިނުމާއި، ކާމިޔާބީތަކަށް ބަލައި އިތުރު ފައިސާ އެ ކްލަބްތަކަށް ދިނުމުގެ އިތުރުން ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައި ނުވާ ކްލަބްތަކަށް ވެސް މިހާރަށް ވުރެ ބޮޑު ފައިސާގެ އެހީ ފޯރު ކޮށްދޭން ޔޫއެފާ އިން ރާވައިފި އެވެ.

މާލީ އެހީ ފޯރު ކޮށްދިނުމަށް ޔޫއެފާ އާއި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ރާވާފައި އިއްޔެ ހާމަކުރި ގޮތުގައި، މުއްސަނދި ކްލަބްތަކަށް މުބާރާތްތަކުން ޔަގީންކަމާ އެކު ލިބޭ ފައިސާގެ އަދަދު މަދުކުރަން ޖެހެއެވެ.

ޔޫއެފާ އާއި އީސީއޭ އާ ދެމެދު އޮތް އެއްބަސްވުން އިއްޔެ އާކޮށްފައި ވާއިރު، އަލަށް ވެވުނު އެއްބަސްވުން 2030 ގެ ނިޔަލަށް އޮންނާނެ އެވެ.

ކުލަބްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން ޔޫއެފާ އާއި އީސީއޭ އާ ދެމެދު 2008 ވަނަ އަހަރުން ފެށިގެން އޮންނަ އެއްބަސްވުމުގެ މަގުސަދަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ހަމަޖެހުން ކަށަވަރު ކުރުމެވެ. ނަމަވެސް އީސީއޭގެ 12 މެމްބަރު ކްލަބަކުން ވަނީ ގިނަ ފައިސާ ހޯދުމުގެ މަގުސަދުގައި 2021 ވަނަ އަހަރު، ޗެމްޕިއަންސް ލީގުގެ ބަދަލުގައި ސުޕަ ލީގެއް ތައާރަފް ކުރަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު ސުޕަ ލީގުގެ ޕްލޭން ވަނީ 48 ގަޑިއިރުގެ ތެރޭގައި ފެއިލްވެފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިހާރު ވާދަކުރަނީ 32 ޓީމެވެ. ނަމަވެސް އަންނަ އަހަރު އާ ފޯމެޓަށް ޗެމްޕިއަންސް ލީގު ކުރިއަށް ދާނީ 36 ޓީމާ އެކު އެވެ. މުބާރާތަށް ކޮލިފައިވާ ކޮންމެ ޓީމަކަށް ވެސް މަދުވެގެން އަށް މެޗު ކުޅުމުގެ ފުރުސަތު ލިބިގެން ދާއިރު، ޔޫރޮޕާ ލީގާއި ޔޫރޮޕާ ކޮންފަރެންސް ލީގާ އެކު ކޮމާޝަލް ރެވެނިއުގެ ގޮތުގައި 4.72 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫއެފާ އިން އަންދާޒާ ކުރެ އެވެ.

މިއީ ރެވެނިއުގެ ގޮތުގައި މިހާރު ލިބޭ ވަރަށް ވުރެ ގާތްގަނޑަކަށް 18 ޕަސެންޓު އިތުރު އަދަދެކެވެ.

ޔޫއެފާ އާއި އީސީއޭ އިން ދޭ ބޮޑެތި ފައިސާގެ އިނާމުތަކާ ހުރެ، މުއްސަނދި ކްލަބްތަކާއި ޔޫރަޕްގެ އެހެން ކްލަބްތަކާ މެދު މާލީގޮތުން އުފެދޭ ބޮޑު ފަރަގާ ގުޅިގެން މި ދެ އިދާރާއަށް ވެސް އަންނަނީ ގިނަ ފާޑުކިޔުންތައް ރައްދުވަމުންނެވެ.

ޔޫއެފާ އިން ހާމަކުރި ގޮތުގައި އާ ފޯމެޓާ އެކު ލިބޭނެ ކަމަށް އަންދާޒާ ކުރާ ސާފު ފައިދާގެ ހަތް ޕަސެންޓު ބެހުމަށް ހަމަޖެހިފައި ވަނީ ސަރަހައްދީ މުބާރާތްތަކަށް ކޮލިފައިނުވާ ކްލަބްތަކަށެވެ. މިއާ އެކު މިހާރު އެ ކްލަބްތަކަށް ބަހާ 188 މިލިއަން ޑޮލަރުގެ ބަދަލުގައި 330 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.

"މިއީ މުޅި ޔޫރަޕްގެ ހުރިހާ ކްލަބަކަށް ވެސް ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ވާދަވެރިކަން ރައްކާތެރި ކުރުމަށް އެހީތެރިވެދޭނެ ކަމެއް، ޒުވާން ހުނަރުވެރި ކުޅުންތެރިން ތަރައްގީ ކުރުމަށް އިންވެސްޓް ކުރެވޭނެ،" ޔޫއެފާ އިން ބުންޏެވެ.

އަންނަ އަހަރުން ފެށިގެން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ވާދަކުރާ ކްލަބްތަކަށް، މުބާރާތުގެ އިނާމު ފައިސާގެ 25 ޕަސެންޓުގެ ބަދަލުގައި 27.5 ޕަސެންޓު ދޭން ވަނީ ނިންމައިފަ އެވެ. މިހާރުގެ ފޯމެޓްގައި 32 ކްލަބަށް މަދުވެގެން 16.8 މިލިއަން ޑޮލަރު ލިބެ އެވެ. އަދި ނަތީޖާތަކަށް ބަލައި އިތުރު ބޯނަސްތައް ވެސް ލިބޭނެ އެވެ. ހަމަ އެއާ އެކު މުބާރާތުގައި ކުރިއަށްދާ ކޮންމެ ހަރުފަތަކަށް މިހާރު ދޭ 30 ޕަސެންޓު ފައިސާގެ އިނާމުގެ ބަދަލުގައި 37.5 ޕަސެންޓަށް އިތުރު ވާނެ އެވެ.

ޔޫއެފާ އިން ހާމަ ކޮށްފައިވާ ގޮތުގައި ރެއާލް މެޑްރިޑުން 2022 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާ އެކު އެޓީމަށް ވަނީ 143.4 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ލިބިފަ އެވެ.