Roadha Mihaaru
އަވޭ ގޯލްގެ ރޫލް އުވާލަން ޔޫއެފާއިން ތައްޔާރު ވެއްޖެ

އަވޭ ގޯލްގެ ރޫލް އުވައިލަން ޔޫއެފާ އިން ތައްޔާރު ވެއްޖެ

30 މެއި 2021

ނަޔޯން (30 މެއި) - އަންނަ ސީޒަނުން ފެށިގެން ޔޫރަޕްގެ ކްލަބު މުބާރާތްތަކުގައި އަވޭ ގޯލްގެ ގަވާއިދަށް އަމަލު ނުކުރަން ޔޫއެފާގެ ކްލަބް ކޮމްޕްޓީޝަން ކޮމިޓީން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނަޔޯން (30 މެއި) - އަންނަ ސީޒަނުން ފެށިގެން ޔޫރަޕްގެ ކްލަބު މުބާރާތްތަކުގައި އަވޭ ގޯލްގެ ގަވާއިދަށް އަމަލު ނުކުރަން ޔޫއެފާގެ ކްލަބް ކޮމްޕްޓީޝަން ކޮމިޓީން ނިންމައިފި އެވެ.

ނަމަވެސް އެ ގަވައިދަށް އަމަލު ނުކުރުން ތަންފީޒު ވާނީ، ޔޫއެފާގެ އެކްސްކޯއިން އެ ގޮތަށް ފާސްކުރުމުންނެވެ. ޖުލައި ނުވައެއް ގެ ކުރިން ޔޫއެފާގެ އެކްސްކޯއިން އެކަމާ މަޝްވަރާ ކުރާނެ އެވެ. ވޯޓް ނަގާނީ އޭގެ ފަހުންނެވެ.

އަވޭގޯލްގެ ގަވާއިދަށް ޔޫއެފާ އިން އަމަލު ކުރަން ފެށީ، 1965 ގަ އެވެ. އެ ގަވާއިދަށް އަމަލު ނުކުރަން ފާސް ކޮށްފި ނަމަ 56 އަހަރަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި އަންނަ ސީޒަންގައި އަލަށް ފަށާ ޔޫއެފާ ކޮންފަރެންސް ލީގުގައި ވެސް އަވޭގޯލްގެ ގަވާއިދަށް އަމަލު ނުކުރާނެ އެވެ.

މިހާރު އަމަލުކުރާ އަވޭ ގޯލްގެ ގަވާއިދުގައި ވާ ގޮތުން ޔޫރަޕްގެ ކްލަބު މުބާރާތްތަކުގައި ދެ ލެގް ކުޅުމަށް ފަހު ނަތީޖާ އެއްވަރު ވެއްޖެ ނަމަ، އަނެއް ބުރަށް ދާނީ އަވޭގޯލްގައި ކުރި ލިބުނު ޓީމެވެ.

އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނީ މީގެ ކުރިން ވަނީ، ޔޫއެފާގެ މުބާރާތްތަކުގެ ނޮކައުޓް ސްޓޭޖުގެ އެކްސްޓްރާ ޓައިމްގައި ޖަހާ ލަނޑުތައް އަވޭ ގޯލްގެ ތެރޭގައި ނުހިމެނުމަށް ޔޫއެފާ އަށް ގޮވައިލައިފަ އެވެ. ދެ ލެގްގެ ނަތީޖާއިން ދެ ޓީމުު ހުރިހާ ގޮތަކުން ވެސް ހަމަހަމަވެ، އިތުރަށް ކުޅޭ ވަގުތުގެ ސަބަބުން ކޮންމެވެސް އެއް ޓީމަކަށް އަވޭގައި އިތުރަށް 30 މިނެޓް ކުޅެން ފުރުސަތު ލިބި، ޖަހާ ލަނޑުތަކުން މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރު ވެއްޖެ ނަމަ އަވޭގޯލަށް ބަލައިގެން އަވޭގައި ކުޅުނު ޓީމު އަނެއް ބުރަށް ގެންދިއުމަކީ ހޯމްގައި ކުޅުނު ޓީމާ މެދު ވެވޭ ބޭއިންސާފެއް ކަމަށް ސިމިއޯނީ ސިފަ ކޮށްފައި ވެ އެވެ.

ޗެމްޕިއަންސް ލީގު މިދިޔަ އަހަރުގެ ޗެމްޕިއަން، ބަޔާން މިޔުނިކް އާއި ޔުވެންޓަސް މި ސީޒަންގެ މުބާރާތުން ކަޓައިގެން ދިޔައީ އަވޭ ގޯލް ރޫލްގެ ސަބަބުންނެވެ.

ބަޔާން އާއި ޕީއެސްޖީ ކްއާޓާ ފައިނަލުގައި ކުޅެ ނަތީޖާ އެއްވަރުވީ 3-3 އިންނެވެ. ނަމަވެސް ބަޔާން ކަޓުވާލައި ޕީއެސްޖީ ސެމީއަށް ދަތުރުކުރީ އަވޭ ގޯލްގެ ގަވައިދުގެ ދަށުންނެވެ. ދެ ވަނަ ބުރުގައި ޕޯޓޯ އާއި ޔުވެންޓަސް 4-4 ން އެއްވަރު ވިއރު ޔުވެންޓަސް ކަޓުވާލައި ޕޯޓޯ ކްއާޓާއަށް ދަތުރުކުރީ އަވޭގޯލްގެ އެހީގަ އެވެ.