Roadha Mihaaru
ޕޮގްބާ އާއި ޗެލްސީ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވް

ޕޮގްބާ އާއި ޗެލްސީ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވް

28 އޯގަސްޓް 2020

ލަންޑަން (އޮގަސްޓް 28) - މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާ އާއި ޗެލްސީގެ ހަތަރު ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ލަންޑަން (އޮގަސްޓް 28) - މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާ އާއި ޗެލްސީގެ ހަތަރު ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ޕޮގްބާއާ ކޮވިޑް-19 ޖެހިފައިވާކަން އިއުލާނުކޮށްފައިވަނީ ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެވެ. އަންނަ މަހު ކުރީކޮޅު ފްރާންސް ކުޅެންޖެހޭ ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗަށް ނެގި ސްކޮޑުން ޕޮގްބާ ވަނީ ބާކީކޮށްފަ އެވެ. ޕޮގްބާ 14 ދުވަހަށް ހޯމް އައިސޮލޭޝަންގައި މަޑުކުރަން ޖެހިފައިވާއިރު، އޭނާ އަށް ފްރާންސްގެ ދެ މެޗު ގެއްލޭނެ އެވެ. އެކަމަކު އަންނަ މަހު 19 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗަށް ޕޮގްބާ ފިޓްވާނެ ކަމަށް ބެލެވެ އެވެ.

އަންނަ މަހު 12 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށަން ތާވަލުކޮށްފައިވާއިރު، ޕްރީ ސީޒަން ފަށަން ޗެލްސީގެ ހުރިހާ ކުޅުންތެރިން ވަނީ ޕްރޮޓޮކޯލްގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މޭސަން މައުންޓާއި ޓެމީ އެބްރަހަމް، ފިކާޔޯ ޓޮމޯރީގެ އިތުރުން ކްރިސްޓިއަން ޕުލިސިޗް އެވެ.

ރަސްމީކޮށް ޗެލްސީން އަދި ކޮވިޑަށް ޕޮޒިޓިވްވި ކުޅުންތެރިންގެ ނަންތައް މީޑިއާގައި ހާމަކޮށްފައިނުވި ނަމަވެސް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަތަރު ޕޮޒިޓިވް ކޭސް ފެނުމާ އެކު ޗެލްސީގެ އިތުރު ކުޅުންތެރިންތަކެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.

ކުޅުންތެރިންތައް ކަރަންޓީނު ކުރަން ޖެހުމުން ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ޗެލްސީގެ ޕްރީ ސީޒަން ތައްޔާރީތަކަށް އަސަރުކުރާނެ އެވެ. މާދަމާ ބްރައިޓަންއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ވެސް ޗެލްސީން އޮތީ ރާވައިފަ އެވެ. ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ވެސް ޗެލްސީ ކުޅޭނީ ބްރައިޓަންއާ ދެކޮޅަށެވެ. އެއީ ބްރައިޓަންގެ ދަނޑު އެމެކްސް ސްޓޭޑިއަމްގައި އަންނަ މަހު 14 ވަނަ ދުވަހު އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މި ހަފްތާ ތެރޭގައި ގިނަ ކްލަބްތަކުން އަންނަނީ ޕްރީ ސީޒަން ފަށަމުންނެވެ. ޕްރިމިއާ ލީގުން ކަނޑައަޅާފައިވާ އުސޫލު ބުނާގޮތުން ޕްރެކްޓިސްތައް ފަށަން ޖެހޭނީ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު އެވެ. ރިޕޯޓްތައް ބުނާގޮތުން ކްލަބްތަކުން ކުރި ޓެސްޓްތަކުން 12 ޓީމަކުން 14 އަށް ވުރެން ގިނަ ކޮވިޑް ކޭސް ވަނީ ފެނިފަ އެވެ.